Roadha Mihaaru
ސްޓާ ވޯސްގެ އާ ފިލްމު ބެލުމުގައި ސަމާލުވާން އެދެފި

"ސްޓާ ވޯސް" ގެ އާ ފިލްމު ބެލުމުގައި ސަމާލުވާން އިލްތިމާސެއް

12 ޑިސެމްބަރ 2019

މި މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާ ސްޓާ ވޯސް ސީރީޒްގެ އާ ފިލްމު "ދަ ރައިޒް އޮފް ސްކައިވޯކާ" އަކީ ވަރަށް ގިނަ އަދަދަކަށް ފްލޭޝިން ލައިޓްގެ ހަރަކާތްތައް ފެންނަ ފިލްމުތަކަށްވާތީ ފޮޓޯސެންސިޓިވް އެޕިލެޕްސީ ހުންނަ މީހުން އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރާ ސްޓާ ވޯސް ސީރީޒްގެ އާ ފިލްމު "ދަ ރައިޒް އޮފް ސްކައިވޯކާ" އަކީ ވަރަށް ގިނަ އަދަދަކަށް ފްލޭޝިން ލައިޓްގެ ހަރަކާތްތައް ފެންނަ ފިލްމުތަކަށްވާތީ ފޮޓޯސެންސިޓިވް އެޕިލެޕްސީ ހުންނަ މީހުން އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

އެ ފިލްމު ގެނެސްދޭ ޑިޒްނީއާ ގުޅިގެން އެޕިލެޕްސީ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފްލޭޝިން ލައިޓް ފެންނަ މަންޒަރުތަކަށް ސަމާލުނުވެއްޖެ ނަމަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ.

އެގޮތުން ސިކުނޑި އަށް ކުރާ ބާރާ ގުޅިގެން އެކި މައްސަލަތައް ދިމާވެނެތީ، އެޕިލެޕްސީ ހުންނަ މީހުން "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" ސިނަމާތަކުގައި ބަލާއިރު، ވީހާ ވެސް ބޮޑަށް ފަރުވާތެރިވެ ރައްކާތެރިވެ ތިބުމަށް އެދިފައިވެ އެވެ.

އެޕިލެޕްސީ ފައުންޑޭޝަނުގެ ބަޔާނުގައި ވަނީ ފިލްމު ބަލާ އިރު ރައްކާތެރި ވެދާނެ ތިން ގޮތެއް ވެސް ކިޔައި ދޫފަ އެވެ. އެއް ގޮތަކީ ފިލްމު ބަލަން ދިއުމުގެ ކުރިން، ފިލްމު ބެލި މީހެއްގެ ކައިރިން އެއާ ބެހޭ މައުލޫމާތު އޮޅުން ފިލިވުމެވެ. އަނެއް ގޮތަކީ އެކަނި ދިއުމުގެ ބަދަލުގައި އިތުރު މީހަކާ އެކު ފިލްމު ބަލަން ގޮސް، އޭނާގެ އެހީ ހޯދުމެވެ. ތިން ވަނަ ގޮތަކީ ސީޒާ ފަސްޓް އެއިޑް އެނގިގެން ފިލްމު ބަލަން ދިއުމެވެ. އެއީ ސްޓޭ، ސޭފް، ސައިޑެވެ.

"ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" އަކީ ޖޭޖޭ އަބްރަމްސް ޑައިރެކްޓްކޮށްފައިވާ 142 މިނިޓް (2.36 ގަޑިއިރު) ގެ ފިލްމެކެވެ. މި ފިލްމުން އޭ ލިސްޓް ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.