Roadha Mihaaru
"ތުރޯންސް" ގެ މޭސްތިރިން "ސްޓާ ވޯސް" ދޫކޮށްލައިފި

"ގޭމް އޮފް ތުރޯންސް" ގެ މޭސްތިރިން "ސްޓާ ވޯސް" ގެ ޓްރިލޮޖީ ދޫކޮށްލައިފި

30 އޮކްޓޯބަރ 2019

މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ މޭސްތިރިން ކަމަށްވާ ޑީބީ ވެއިޒާއި ޑޭވިޑް ބެނިއޯފްއާ "ސްޓާ ވޯސް" ގެ ޓްރިލޮޖީއެއް ލިޔެ، ޕްރޮޑިއުސްކުރަން ހަވާލުވުމަށް ފަހު އެ ޕްރޮޖެކްޓް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ މޭސްތިރިން ކަމަށްވާ ޑީބީ ވެއިޒާއި ޑޭވިޑް ބެނިއޯފްއާ "ސްޓާ ވޯސް" ގެ ޓްރިލޮޖީއެއް ލިޔެ، ޕްރޮޑިއުސްކުރަން ހަވާލުވުމަށް ފަހު އެ ޕްރޮޖެކްޓް ދޫކޮށްލައިފި އެވެ.

ޑިޒްނީ އާއި ލޫކަސް ފިލްމްސް އިން އެ ދެ މީހުންނާ ފިލްމު ޓްރިލޮޖީ ހަވާލުކުރަން ނިންމިކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް ޑީބީ އާއި ޑޭވިޑް ވަނީ "ސްޓާ ވޯސް" ގެ ޓްރިލޮޖީ ދޫކޮށްލިކަން ކަށަވަރުކޮށް ދީފަ އެވެ.

އެ މީހުން މި ޕްރޮޖެކްޓް ދޫކޮށްލި އިރު، "ސްޓާ ވޯސް" ގެ އާ ޓްރިލޮޖީގެ ފުރަތަމަ ބައި ޑިސެމްބަރު 16، 2022 ގައި ގެނެސްދޭން އޮތީ ނިންމައިފަ އެވެ. އަނެއް ދެ ބައި ރިލީޒްކުރަން އޮތީ 2024 އާއި 2026 ގަ އެވެ.

ޑީބީ އާއި ޑޭވިޑް ނެރުނު ބަޔާނެއްގައި ބުނީ "ސްޓާ ވޯސް" ގެ ފިލްމުތަކެއް ހަދަން އެ މީހުންނާ ހަވާލުކުރަން ޑިޒްނީ އާއި ލޫކަސް ނިންމުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ނަމަވެސް މަސައްކަތްތައް ހުރި ގޮތުން އެ ޕޮރޮޖެކްޓާ އެކު މީހުންނަށް މި ވަގުތު ކުރިއަށް ދެވެން ނެތް ކަމަށެވެ. އެގޮތުން ނެޓްފްލިކްސްގެ ޕްރޮޖެކްޓަތަކަކަށް ކުރިން އެއްބަސްވެފައިވާތީ "ސްޓާ ވޯސް" ގެ ޓްރިލޮޖީ އަށް ވަގުތު ދިނުމަކީ ނުވާނެ ކަމެއް ކަމަށް ބުންޏެވެ. އެ މީހުން ވަނީ ނެޓްފްލިކްސްއާ އެކު މިދިޔަ އޮގަސްޓް މަހު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް 250 މިލިއަން ޑޮލަރަށް ހަދައިފަ އެވެ.

"އެއްފަހަރާ ބޮޑު ޕްރޮޖެކްޓަކެއްގައި މަސައްކަތްކުރުމަކީ އެންމެ ރަނގަޅަށް މަސައްކަތްނުކުރެވިދާނެ ކަމެއް. އެހެންވެ އަހަރެމެން ސްޓާ ވޯސް ދޫކޮށްލީ،" ބަޔާނުގައި ބުންޏެވެ.

މިކަމާ ބެހޭ ގޮތުން ލޫކަސް ފިލްމްސްގެ ރައިސް ކެތުލީން ކެނެޑީ ވިދާޅުވީ ކަންދިމާކުރި ގޮތުން ޑީބީ އާއި ޑޭވިޑަށް މި ފަހަރު "ސްޓާ ވޯސް" ގައި މަސައްކަތް ނުކުރެވުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ މީހުންނާ އެކު މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"އެ ދެ މީހުންނަކީ ވަރަށް މޮޅު ދެ ސްޓޯރީޓެލާއިން،" އޭނާ ވިދާޅުވި އެވެ.

ޑީބީ އާއޮ ޑޭވިޑް "ސްޓާ ވޯސް" ގެ ޓްރިލޮޖީ ދޫކޮށްލި ނަމަވެސް، މި ޕްރޮޖެކްޓާ ދެން ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ލޫކަސް އާއި ޑިޒްނީން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ސްޓާ ވޯސް" ސީރީޒްގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 20 ގައި ރިލީޒްކުރާ "ސްޓާ ވޯސް އެޕިސޯޑް ނުވައެއް-ދަ ރައިޒް އޮފް ސްކައިވޯކާ" އެވެ.