Roadha Mihaaru
ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ އާއްމުކޮށްފި

ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ އާއްމުކޮށްފި

11 ޑިސެމްބަރ 2019

ވޮޝިންޓަން (ޑިސެމްބަރު 11) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ހައުސް އޮފް ރެފްރެޒެންޓޭޓިވްސްގެ ޑިމޮކްރެޓިކް ލީޑަރުން އާއްމުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 11) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ހައުސް އޮފް ރެފްރެޒެންޓޭޓިވްސްގެ ޑިމޮކްރެޓިކް ލީޑަރުން އާއްމުކޮށްފި އެވެ.

ޓްރަމްޕް އިމްޕީޗް ކުރުމުގެ ވޯޓު ހައުސްގައި ނަގާނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށުގަ އެވެ.

ހައުސްގެ ޑިމޮކްރެޓިކް ސްޕީކާ ނެންސީ ޕެލޯސީއާ އެކު ހައުސްގެ ތަހުގީގު ކޮމިޓީތަކުގެ ވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޖެރޯލްޑް ނަޑްލާ ވިދާޅުވީ ޓްރަމްޕް ވަނީ އެމެރިކާގެ ގާނޫނު އަސާސީ އަށް ނުރައްކާކޮށްފައި ކަމަށެވެ.

ހައުސްގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޖެރީ ނަޑްލާ (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ހައުސްގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޖެރީ ނަޑްލާ (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

"ރިޕަބްލިކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހީފުޅުކުރެއްވީ އެމަނިކުފާން ހުންނެވީ ގާނޫނަަށް ވުރެ މަތީގައި ކަމަށް. އެކަމަކު އަޅުގަނޑުމެން ސާފުކޮށްދޭން ބޭނުން ވަނީ ރައީސް ވިޔަސް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެކަން،" ނަޑްލާ ވިދާޅުވި އެވެ.

ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ފުލް ހައުސް އަށް ފޮނުވުމާ މެދު ޖުޑިޝަރީ ކޮމިޓީން މި ހަފުތާގައި ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ. ހައުސްގެ ސިމްޕަލް މެޖޯރިޓީން ފާސްވެއްޖެ ނަމަ ދެން އެ މައްސަލަ ދާނީ ރިޕަބްލިކަން ކޮންޓްރޯލް އޮންނަ ސެނެޓަށެވެ.

ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ އިއުލާން ކުރުމާ އެކު އެމަނިކުފާން ވަނީ އެކަމަށް ފާޑުވިދާޅުވެ ޓްވީޓްތައް ކުރައްވަން ފައްޓަވައިފަ އެވެ.

"ނަޑްލާ ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ އެމެރިކާގެ އިންތިޚާބަށް ޔޫކްރޭން މެދުވެރިކޮށް އަޅުގަނޑު ޕްރެޝަރު ކުރަން އުޅުނު ވާހަކަ. ނަޑްލާ އަށް ވެސް އެނގިވަޑައިގަންނަވާނެ އެއީ ތެދެއް ނޫންކަން. ޔުކްރޭނުގެ ރައީސް އާއި ޚާރިޖީ ވަޒީރު ވެސް އެތައް ފަހަރަކު ވިދާޅުވެފައި ވަނީ ޕްރެޝަރު ނުކުރާ ވާހަކަ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕާ ދެކޮޅަށް ނެރުނު ރަސްމީ ދެ މައްސަލައިގައި އެއްވެސް އަސްލެއް ނެތް ކަމަށް ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި ސެނެޓުގައި ކުރިއަށްދާ ޝަރީއަތުގައި ޓްރަމްޕް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށް ބުނެފައިވެ އެވެ.

ޓްރަމްޕް އިމްޕީޗް ކުރަނީ ކީއްވެ؟

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޖުލައި 25 ވަނަ ދުވަހު ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގުކޮށްދޭން އެދިވަޑައިގަތް މައްސަލައިގަ އެވެ. ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފަ އެވެ. ބައިޑަންގެ މައްސަލަ ބަލަން ޕްރެޝަރު ކުރުމުގެ ގޮތުުން ޓްރަމްޕް ވަނީ ޔުކްރޭނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިވާ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ވެސް ހިފަހައްޓަވައިފަ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގެ ތެރޭގައި ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ (ވ އާއި ރައީސް ޑޮނަލްޑް ޓްރަމްޕް ނިއު ޔޯކުގައި ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގެ ތެރޭގައި ޔުކްރޭނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ (ވ އާއި ރައީސް ޑޮނަލްޑް ޓްރަމްޕް ނިއު ޔޯކުގައި ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ސެޕްޓެމްބަރު މަހު 24 ވަނަ ދުވަހު އެވެ.

ހައުސްގެ އިންޓަލިޖެންސް ކޮމިޓީގެ ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު ތައްޔާރުކުރި 300 ސަފުހާގެ ރިޕޯޓް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ މި މަހުކުރީކޮޅު އެވެ. އޭގެ ފަހުން އިމްޕީޗްމަންޓް ލިޔުން ތައްޔާރުކުރުމަށް ޖުޑިޝަރީ ކޮމިޓީން ވަނީ އަޑުއެހުންތަކެއް ބާއްވައިފަ އެވެ.

ޑިމޮކްރެޓިކުންގެ އަޣުލަބިއްޔަތު އޮންނަ ހައުސްގައި ވޯޓަށް އެހުމަށް ފަހު 51 ޕަސެންޓް ވޯޓުން ފާސްވެއްޖެ ނަމަ ދެން މައްސަލަ ބަލާނީ ރިޕަބްލިކުން ކޮންޓްރޯލް ކުރާ ސެނެޓުންނެވެ.

ހައުސްގެ ސްޕީކާ ނެންސީ ޕެލޯސީ (މ) އިންޓަލިޖެންސް ކޮމިޓީގެ ޗެއާމަން އެޑަމް ޝިފް (ކ) އަދި ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޖެރީ ނަޑްލާ (ވ) އާ އެކު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ހައުސްގެ ސްޕީކާ ނެންސީ ޕެލޯސީ (މ) އިންޓަލިޖެންސް ކޮމިޓީގެ ޗެއާމަން އެޑަމް ޝިފް (ކ) އަދި ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޖެރީ ނަޑްލާ (ވ) އާ އެކު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އެމެރިކާގެ ހައުސްގެ 431 މެންބަރުންގެ ތެރޭން 233 މެންބަރުންނަކީ ޑިމޮކްރެޓުންނެވެ. އެހެންވެ ރިޕަބްލިކަންގެ ސަޕޯޓް ނެތިވެސް ޓްރަމްޕް އިމްޕީޗްކުރަން ފާސްކުރެވިދާނެ އެވެ. ސެނެޓުގައި ތިބީ ރިޕަބްލިކަން 53 މެންބަރުންނާއި 45 ޑިމޮކްރެޓްސް މެންބަރުން އަދި އިންޑިޕެންޑެންޓް ދެ މެންބަރުންނެވެ. އެ ދެ މެންބަރުން އާއްމުކޮށް ވޯޓު ދެނީ ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ.

ސެނެޓުން މައްސަލަ ބަލާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުންނެވެ. ޕްރޮސެކިއުޓަރުންނަކީ ހައުސް އޮފް ރެޕްޒެންޓެޓިވްސްގެ ޓީމެކެވެ. ރައީސް އަށް ވެސް ދިފާއީ ވަކީލުންގެ ޓީމެއް އޮންނާނެ އެވެ. ޖޫރީންގެ ގޮތުގައި ތިބޭނީ ސެނެޓަރުންނެވެ. ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުގެ ތިންބައިކުޅަ ދެބައި ވޯޓުން ނިންމައިފި ނަމަ މަގާމުން ވަކިވާން ޖެހޭނެ އެވެ. އަދި ޓްރަމްޕަކީ އިމްޕީޗްމަންޓުން މަގާމުން ދުރުކުރާ އެމެރިކާގެ ފުރަތަމަ ރައީސް އަށް ވާނެ އެވެ. ޓްރަމްޕް މަގާމުން ދުރުކުރުމަށްޓަކައި ސެނެޓުގެ 100 މެންބަރުން ވޯޓުލާ ނަމަ، ޑިމޮކްރެޓިކް ހުރިހާ މެންބަރުންނާއި އިންޑިޕެންޑެންޓް ދެ މެންބަރުންގެ އިތުރުން ރިޕަބްލިކަން 20 މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

ކުރިން ތިން ރައީސަކު އިމްޕީޗްކުރި

މީގެ ކުރިން ވަނީ ދެ ރައީސަކު އިމްޕީޗްކޮށްފަ އެވެ. އެމެރިކާގެ 42 ވަނަ ރައީސް ބިލް ކްލިންޓަން އަދި 17 ވަނަ ރައީސް އެންޑްރޫ ޖޯންސަންގެ މައްސަލަ ސެނެޓަށް ގެންދިޔަ ނަމަވެސް ކުށްވެރިވާ ކަމަށް ފާސްކޮށްފައެއް ނުވެ އެވެ. އެމެރިކާގެ 37 ވަނަ ރައީސް ރިޗަޑް ނިކްސަން ވަނީ އިމްޕީޗްމަންޓް ފެށުމާ އެކު 1974 ވަނަ އަހަރު އިސްތިއުފާ ދެއްވައިފަ އެވެ. މެއި 16 އަދި 26، 1868 ގައި ނެގި ވޯޓުން ޖޯންސަން ސަލާމަތްވެވަޑައިގަތީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ވައިޓް ހައުސްގެ ސްޓާފެއް ކަމަށްވާ މޮނިކާ ލެވިންސްކީ ކިޔާ 22 އަހަރުގެ އަންހެން ކުއްޖަކާ އެކު ސިއްރު ގުޅުންތަކެއް ބޭއްވި މައްސަލާގައި ކްލިންޓަން އިމްޕީޗް ކުރުމަށް ދެ މައްސަލައެއް ހުށަހެޅި އެވެ. ޑިސެމްބަރު 19، 1988 ގައި ކްލިންޓަން އިމްޕީޗް ކުރުމަށް ހައުސްގައި ނެގި ވޯޓުގައި، ހުވަޔާ ޚިލާފުވެފައިވާ ކަމަށް ފާސްވީ 228-206 ވޯޓުންނެވެ. އަދުލް އިންސާފަށް ހުރަސް އެޅި ކަމަށް ފާސްވީ 221-212 ވޯޓުންނެވެ. ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށް، ހުވަޔާ ޚިލާފުވި މައްސަލާގައި، ސެނެޓުގައި ނެގި ވޯޓުގައި ކްލިންޓަން ސަލާމަތްވެވަޑައިގަތީ 55-45 ވޯޓުންނެވެ. އިންސާފަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލައިގައި ނެގި ވޯޓު ވަނީ 50-50 އިން ހަމަހަމަވެފަ އެވެ.