Roadha Mihaaru
ޓްރަމްޕް ކުށްވެރިނުވުމަކީ ޑިމޮކްރެސީއަށް ދެވޭ ގެއްލުމެއް

"ޓްރަމްޕް ކުށްވެރިނުވުމަކީ ޑިމޮކްރެސީއަށް ދެވޭ ގެއްލުމެއް"

03 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 3) - އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމުގެ ފުރިހަމަ ޒިންމާ އުފުއްލަވަން ޖެހޭ ފަރާތަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށާއި އެ މައްސަލައިގައި ސެނެޓުގައި ކުރިއަށް ގެންދާ ޝަރީއަތުން ޓްރަމްޕް ސަލާމަތްވެއްޖެ ނަމަ އެއީ ޑިމޮކްރެސީ އަށް ދެވޭ ގެއްލުމެއް ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިމްޕީޗްމަންޓް މައްސަލައިގެ މެނޭޖަރުން ބުނެފައި ވަނީ ހަމަނުޖެހުން އުފައްދާ ރައީސެއްގެ ކިބައިން އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް އިމްޕީޗްކުރާ ދެ ވަނަ ރައީސް އެވެ. ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު 9 ގަ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓަލް ހިލް އަށް ވަދެގަތީ އިންތިޚާބުގައި ޖޯ ބައިޑެން ހޯއްދެވި ކާމިޔާބީ ގާނޫނު ހަދާ މަޖިލީހުން ރަސްމީކޮށް ފާސްކުރުމުގެ ބައްދަލުވުން ކުރިއަށް ދަނިކޮށެވެ. އެ ބައްދަލުވުމުގެ ކުރިން ނޭޝަނަލް މޯލްގައި ސަޕޯޓަރުންނާ މުޚާތަބް ކުރައްވައި ޓްރަމްޕް ވިދާޅުވީ ޖޯ ބައިޑަން ވަނީ އިންތިޚާބު ވަގަށް ނަގާފައި ކަމަށާއި ކޮންގްރެސް އިމާރާތާ ދިމާލަށް ދާން ޖެހޭ ކަމަށެވެ.

ހައުސްގެ އިމްޕީޗްމަންޓް މެނޭޖަރުން ސެނެޓަށް ފޮނުވަން ތައްޔާރުކުރި 77 ސަފުހާގެ ލިޔުމުގައި ބުނެފައި ވަނީ ހަމަނުޖެހުމަށް މަގު ފަހިވި ކަމަކީ ޓްރަމްޕް ދެއްވި ތަގްރީރު ކަމަށެވެ.

"މި މައްސަލައިގައި ޓްރަމްޕް ކުށްވެރި ނުވެއްޖެ ނަމަ ކުރިމަގުގައި ވަޑައިގަންނަވާ ލީޑަރުން ވެސް ގަދަ ބާރުން ކަންކަން ކުރަން ހިތްވަރު ލިބިގެންދާނެ،" ލިޔުމުގައި ބުނެފައިވެ އެވެ.

ޓްރަމްޕުގެ ރިޔާސީ ދައުރު ނިމުމުގެ ހަފުތާއެއް ކުރިން ކޮންގްރެސްގެ ދަށުގެއިން އިމްޕީޗްކޮށްފައި ވަނީ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.

ސެނެޓުގެ ޝަރީއަތުގައި ޓްރަމްޕް ކުށްވެރިވާނީ ތިންބައިކުޅަ ދެބައި ވޯޓުން ފާސްކޮގެންނެވެ. ސެނެޓުގައި ޑިމޮކްރެޓިކުން އަދި ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ އަދަދު 50-50 އިން އެއްވަރުވެފައިވާތީ ޓްރަމްޕް ކުށްވެރި ކުރުމަށް އެމަނިކުފާނުގެ ރިޕަބްލިކަން ޕާޓީގެ 17 މެންބަރުންގެ ވޯޓު ބޭނުންވާނެ އެވެ.