Roadha Mihaaru
ސެނެޓުގައި ޝަރީއަތް ފަށާއިރު ވަކީލުން ޓްރަމްޕާ ދުރަށް

ސެނެޓުގައި ޝަރީއަތް ފަށާއިރު ވަކީލުން ޓްރަމްޕާ ދުރަށް

01 ފެބުރުއަރީ 2021

ވޮޝިންޓަން (ފެބްރުއަރީ 1) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ގާނޫނު ހަދާ މަޖިލީހުގެ މަތީގޭ، ސެނެޓުގައި ފަށަން ތައްޔާރުވެފައިވާ އިރު ޓްރަމްޕުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ ގިނަ މެންބަރުންތަކެއް ވަކިވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 1) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ގާނޫނު ހަދާ މަޖިލީހުގެ މަތީގޭ، ސެނެޓުގައި ފަށަން ތައްޔާރުވެފައިވާ އިރު ޓްރަމްޕުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ ގިނަ މެންބަރުންތަކެއް ވަކިވެއްޖެ އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ފަސް މެންބަރަކު މިހާރު ވަނީ ވަކިވެފަ އެވެ. ޓްރަމްޕާއި ވަކީލުންނާ މެދު ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ ގާނޫނީ ގޮތުން މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދުގަ އެވެ. ޓްރަމްޕް ބޭނުން ވަނީ އިންތިޚާބުގައި ނަތީޖާ އޮޅުވާލި ކަމަށް ދައްކަވާ އަސްލެއް ނެތް ވާހަކަތައް ސެނެޓުގައި ވެސް ކުރިއަށް ގެންދަވާށެވެ. ނަމަވެސް ވަކީލުން ބޭނުން ވަނީ ރައީސަކު މަގާމުން ވަކިވުމަށް ފަހު އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި ކުރިއަށް ގެންދެވިދާނެ ގާނޫނީ ހަމައެއް އޮތްތޯ ބެލުމަށެވެ.

"ވަރަށް ބައިވަރު މަޝްވަރާތައް ކުރެވިއްޖެ. އެކަމަކު ގާނޫނީ ޓީމާ އެކު ފަހުގެ އެއްބަސްވުމަކަށް ނާދެވުނު،" ޓްރަމްޕުގެ އެޑްވައިޒަރު ޖޭސަން މިލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކޮންގްރެސްގެ ދަށު ގެއިން ޓްރަމްޕް އިމްޕީޗްކޮށްފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ޖެނުއަރީ 6 ވަނަ ދުވަހު ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުމަށް ހިތްވަރު ދެއްވުމުގެ ކުށުގަ އެވެ. އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި ފަށާނީ މި މަހު 9 ވަނަ ދުވަހު އެވެ. ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބުނެ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ފަސް ސެނެޓަރަކު ވެސް ވަނީ ޑިމޮކްރެޓިކް ސެނެޓަރުންނާ ގުޅިފަ އެވެ. ސެނެޓުގައި ޓްރަމްޕް ކުށްވެރިވާނީ 100 މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުންނެވެ. އެ އަދަދަށް ވޯޓު ހޯދުމަށް ރިޕަބްލިކަން 17 މެންބަރުންގެ ތާއީދު ޑިމޮކްރެޓިކުން ހޯދަން ޖެހޭނެ އެވެ.

ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ދެ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ރައީސް އެވެ.