Roadha Mihaaru
ފިޔާ ކިލޯއެއްގެ އަގު 70ރ. އަށް އަރައިފި

ފިޔާ ކިލޯއެއްގެ އަގު 70ރ. އަށް އަރައިފި

11 ޑިސެމްބަރ 2019

ރާއްޖޭގެ ބާޒާރުގައި އަނެއްކާވެސް ފިޔާގެ އަގު އުފުލި ކިލޯއެއް 70ރ. އަށް އަރައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ބާޒާރުގައި އަނެއްކާވެސް ފިޔާގެ އަގު އުފުލި ކިލޯއެއް 70ރ. އަށް އަރައިފި އެވެ.

ބާޒާރު މަތީގެ ގިނަ ފިހާރަތަކުން 70ރ. އަށް ފިޔާ ކިލޯއެއް ވިއްކާއިރު ބަސްތާއެއްގެ އަގު އުޅެނީ 1،200ރ. އަށްވުރެ މަތީގަ އެވެ. ވިޔަފާރިވެރިން ބުނީ ފިޔާގެ އަގު އުފުލުނީ ފިޔާގެ ސްޓޮކް ހުސްވާތީ ކަމަށެވެ.

ބާޒާރުމަތީގައި ފިޔާގެ އަގު ރެކޯޑު އަދަދަކަށް އުފުލިފައިވީ ނަމަވެސް ބައެއް ފިހާރަތަކުން ކިލޯއެއް 50ރ. އަށް ލިބެން އެބަހުއްޓެވެ. ނަމަވެސް މި އަގު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އުފުލޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަންމަތީ ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

"މިއަދު 50 އަށް ލިބެން ހުއްޓަސް އަދި އަގު ބޮޑުވާނެ. މިހާރު ގަނެފައި ހުރި އެއްޗެހި ވިއްކާތީ މިވަރުގައި އަގު މިއުޅެނީ. އެކަމަކު ދެން އަނެއްކާ ވެސް ބާޒާރުން ގަނެގެން ގެނެސް އަގުބޮޑުކޮށް ޖެހޭނީ ވިއްކަން،" އޭނާ ބުންޏެވެ.

ފިޔާގެ އަގު 20ރ. އަށް ދަށްވެފައި ވަނިކޮށް އަނެއްކާ އަގުބޮޑުވާން ފެށީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ފިޔާގެ އަގު އުފުލިފައިވަނީ އިންޑިއާއިން ފިޔާ އުފައްދާ އަދަދު މަދުވުމުގެ ސަބަބުންނެވެ. އިންޑިއާ އިން ވަނީ އެ ގައުމުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ބޭރު ގައުމުތަކުން ފިޔާ އެތެރެ ވެސް ކޮށްފަ އެވެ.