Roadha Mihaaru
އެކްޓަރު ކޮލިން ފާތުގެ ކައިވެނި ނިމުމަކަށް

އެކްޓަރު ކޮލިން ފާތުގެ 22 އަހަރުވީ ކައިވެނި ނިމުމަކަށް

16 ޑިސެމްބަރ 2019

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަޝްހޫރު އިނގިރޭސި އެކްޓަރު ކޮލިން ފާތުގެ 22 އަހަރުވީ ކައިވެނި ރޫޅާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މަޝްހޫރު އިނގިރޭސި އެކްޓަރު ކޮލިން ފާތުގެ 22 އަހަރުވީ ކައިވެނި ރޫޅާލައިފި އެވެ.

ކޮލިން، 59، އާއި އިޓަލީ އަށް އުފަން އަންހެނުން/ޕްރޮޑިއުސަރު ލިވިއާ ގިގިއޯލީ، 50، ގެ ކައިވެނި ރޫޅައިލިކަން އެ މީހުންގެ ތަރުޖަމާން ކަށަވަރުކޮށް ދެމުން ބުނީ އެއީ ދެ މީހުން ވާހަކަ ދައްކައިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި ކައިވެނީގެ ގޮށް މޮހައިލި ނަމަވެސް އެ ދެ މީހުންގެ މެދުގައި އަބަދު ވެސް އެކުވެރިކަން އޮންނާނެ ކަމަށް ބުންޏެވެ.

ތަރުޖަމާނު ބުނީ މި ވަގުތަކީ ކޮލިން އާއި ލިވިއާ ވެސް ޕްރައިވެސީ ވަރަށް ބޮޑަށް ބޭނުންވާނެ ދަނޑިވަޅެއް ކަމަށާއި ހިއްސާކުރާނެ އިތުރު ވާހަކަތަކެއް ނެތް ކަމަށެވެ.

ދެ މީހުންގެ ކައިވެނި ނިމުމަކަށް ގެނައި އިރު، އެ ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ ލޫކާ ފާތު، 18، އާއި މެޓިއޯ ފާތު، 16، އެވެ.

ލިވިއާއާ ކައިވެނިކުރުމުގެ ކުރިން ކޮލިން އަށް އެހެން ގުޅުމަކުން ވެސް ދަރިއަކު ލިބިފައިވެ އެވެ. އެއީ ވިލް ފާތު، 29، އެވެ. އޭނާގެ މަންމަ އަކީ "ސައިކޯ 2" އާއި "ދަ ބިގް ޗިލް" އަދި "ވަލްމަންޓް" ފަދަ ފިލްމުތައް ކުޅުނު އެމެރިކާގެ ބަތަލާ މެގް ޓިލީ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "ދަ ކިންގްސް ސްޕީޗް" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ކޮލިން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "މޭރީ ޕޮޕިންސް ރިޓާންސް" އިންނެވެ.

"ބްރިޖެޓް ޖޯންސް ޑައިރީ" އާއި "މަމާ މިއާ" އާއި "ލަވް އެކްޗްލީ" އަދި "ދި އިންގްލިޝް ޕޭޝަންޓް" ފަދަ މަޝްހޫރު އެތައް ފިލްމެއް ކުޅުނު އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 25 ގައި ރިލިޒްކުރާ ހަނގުރާމަ ފިލްމު "1917" އެވެ.