Roadha Mihaaru
އާމްދަނީގެ ފަރަގު ނައްތާލަން އަދި 275 އަހަރު ނަގާނެ

ދެ ޖިންސްގެ މީހުންގެ އާމްދަނީގެ ފަރަގު ނައްތާލަން އަދި 275 އަހަރު ނަގާނެ

18 ޑިސެމްބަރ 2019

ދެ ޖިންސްގެ މީހުންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ހަމަހަމަވާން އަދި 250 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެ ޖިންސްގެ މީހުންގެ މެދުގައި އޮތް އާމްދަނީގެ ފަރަގު ހަމަހަމަވާން އަދި 250 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފި އެވެ.

ޑަބްލިއުއީއެފް އިން ނެރުނު ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓްގައި ގައުމުތަކުގެ މެދުގައި ދެ ޖިންސްގެ މީހުންގެ އާމްދަނީގެ ފަރަގު ބަލާފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެގޮތުން ދުނިޔޭގެ 153 ގައުމެއްގައި އަންހެނުންނާއި ފިރިހެނުންނަށް އިގުތިސާދީ، ސިއްހީ، ތައުލީމީ އަދި ސިޔާސީ ދާއިރާގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީގެ ފަރަގު ފާހަގަކޮށްފައިވެ އެވެ.

ޑަބްލިއުއީއެފުން މިދިޔަ އަހަރު އަންދާޒާކޮށްފައިވާ ގޮތުގައި ދެ ޖިންސުގެ މީހުންގެ އާމްދަނީގައި ފަރަގު ހަމަހަމަ ހިސާބަކަށް ދާން 202 އަހަރު ނަގާނެ ކަމަށް ބެލެވުނަސް މި އަހަރުގެ ރިޕޯޓަށް ރިއާޔަތްކުރާ އިރު، އާމްދަނީގައި ހުރި ބޮޑެތި ފަރަގުތަކާ އެކު، އެކަން ހަމަހަމަ މިންގަނޑަކާ ހަމައަށް ދާން އަދި ގާތްގަނޑަކަށް 275 އަހަރު ނަގާނެ އެވެ.

އެހެންވެ ރިޕޯޓްގައި މިކަން ސިފަކޮށްފައި ވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ.

"އަހަރެމެންގެ މިހާރުގެ ޖީލަކަށް މި ފަރަގު ކުޑަވާ ތަނެއް ފެނިގެނެއް ނުދާނެ،" ރިޕޯޓްގައި ބުންޏެވެ.

ޑަބްލިއުއީއެފުން ބުނެފައިވާ ގޮތުގައި ދެ ޖިންސްގެ މެދުގައި އޮންނަ މުސާރައިގެ ފަރަގުކުޑަކުރެވޭނީ، އަންހެނުން އިތުރު ދާއިރާތަކުގެ މަސައްކަތްތަކަށް ވެސް ނެރެގެންގެނެވެ. އޭގެ ތެރޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިން ދާއިރާ ހިމެނެ އެވެ. ހަމަމިއާ އެކު އަންހެނުން ފިރިހެނުންނާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރަން ނުކުންނަން ޖެހޭ އިރު މިހާރުގެ ހާލަތުން އިންޖިނިއަރިން އާއި ޓެކްނޮލޮޖީއާ ގުޅުން ހުރި ކްލައުޑް ކޮމްޕިއުޓިން އާއި ޑޭޓާ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޕްރޮޑަކްޓް ޑިވެލޮމަންޓް ފަދަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ނިސްބަތުގައި ވަރަށް ބޮޑު ފަރަގެއް ހުރިކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ ދާއިރާތަކުގައި މިހާރު ނަގާކިޔަނީ މުޅިންހެން ފިރިހެނުންނެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އަންހެނުންނަށް ބޮޑު ދައުރެއް އަދާކުރެވިދާނެ ދާއިރާތަކުގެ ތެރެއިން ރިޓެއިލް ވިޔަފާރި ފަދަ މަސައްކަތްތަކުގައި ވެސް އަންހެނުންގެ ހިއްސާ އަދިވެސް ވަރަށް ކުޑަ އެވެ. ހަމަމިއާ އެކު ބޮޑެތި މުސާރަތައް ލިބޭ ކަހަލަ ވަޒީފާތަކަށް އަންހެނުން ނުކުންނަ މިންވަރު ވެސް މަދުކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.

"މި ފަރަގުތައް ނައްތާލަން ކުރަން ޖެހޭ މަސައްކަތްތައް ގިނަ. އެހެންވީމާ ރިސޯސްތައް މޮބިލައިޒްކޮށް، ލީޑަޝިޕަށް ދެވޭ ފޯކަސް އިތުރުކޮށް، ކަންކަމަށް ކޮމިޓްވާނެ މީހުން ބިނާކުރުމަކީ އެންމެ އިސްކަންދޭން ޖެހޭ ކަންތައް،" ޑަބްލިއުއީފްގެ ނިއު އިކޮނޮމީ އެންޑް ސޮސައިޓީ ސެންޓަރުގެ ހެޑް ސާދިއާ ޒާހިދީ ވިދާޅުވި އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އިގުތިސާދީ، ސިއްހީ، ތައުލީމީ އަދި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް ފަހަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރެ އެވެ. އަދި އެއީ ވަރަށް ހެޔޮ ބަދަލެއް ނެތް ނަމަވެސް އެންމެ އެކަށިގެންވާ ވަރަށް އަންހެނުންގެ ހިއްސާ އަދިވެސް ނުލިބޭކަން ފާހަގަކޮށްފައިިވެ އެވެ.

ގައުމުތަކުގެ ސިޔާސީ މަގާމުތަކަށް ބަލާ އިރު މިނިސްޓަރުންގެ ފެންވަރުގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް މުޅި ދުނިޔޭގައި އުޅެނީ 21 ޕަސަންޓްގަ އެވެ. އެހެންވެ އެ ދާއިރާ އިން އެ ފަރަގު ނައްތައިލަން އަދި 99.5 އަހަރު ނަގާނެ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ދެ ޖިންސްގެ މެދުގައި އާމްދަނީގެ ފަރަގު އެންމެ ކުޑައީ ހުޅަނގު ޔޫރަޕްގެ ގައުމުތަކުގަ އެވެ. އެގޮތުން ލިސްޓްގައި 10 ގައުމެއް ހިމަނާފައިވާ އިރު، އެންމެ ކުރީގައި އުޅެނީ އައިސްލޭންޑެވެ. އެ ގައުމުގެ ފަހަތުން ދެން އަންނަނީ ނޯވޭ، ފިންލެންޑް، ސްވިޑް، ނިކަރާގުއާ، ނިއު ޒިލެންޑް، އަޔަލެންޑް، ސްޕެއިން، ރުވާންޑާ އަދި ޖަރުމަނެވެ.