Roadha Mihaaru
ފަސް އަހަރު ފަހުން ގިނަ ބައެއްގެ ވަޒީފާ ގެއްލިދާނެ!

ޓެކްނޮލޮޖީއާ ހެދި ފަސް އަހަރު ފަހުން ގިނަ ބައެއްގެ ވަޒީފާ ގެއްލިދާނެ!

22 އޮކްޓޯބަރ 2020

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑެތި ކުންފުނިތަކުގެ ދެބައިކުޅަ އެއްބައި މަސައްކަތް ކުރާނީ ޓެކްނޮލޮޖީގެ އެހީީގައި މެޝިންތަކުން ކަމަށާއި މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ގެއްލޭނެ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑެތި ކުންފުނިތަކުގެ ދެބައިކުޅަ އެއްބައި މަސައްކަތް ކުރާނީ ޓެކްނޮލޮޖީގެ އެހީީގައި މެޝިންތަކުން ކަމަށާއި މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ގެއްލޭނެ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) އިން ބުނެފި އެވެ.

އެތަނުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން 2025 އާ ހަމައަށް އަންނަ އިރު، މަސައްކަތުގެ ވައްޓަފާޅި އަށް އަންނަ ބޮޑެތި ބަދަލުތަކާ އެކު، މަސައްކަތުގެ ދާއިރާގައި ބޮޑެތި ތަފާތުކުރުންތަކެއް އުފެދިގެން ދާނެ އެވެ. ޑަބްލިއުއީއެފުން އަންދާޒާކޮށްފައިވާ ގޮތުގައި ފަސް އަހަރު ފަހުން "ރޮބޮޓް ރެވޮލިއުޝަން" އާ އެކު ދުނިޔޭގެ އެކި ހިސާބުތަކުން 97 މިލިއަން ވަޒީފާގެ ފުރުސަތު އުފެދުނަސް، ހަމަ އެ އަދަދާ ގާތްގަނޑަކަށް ގާތްކުރާ ނިސްބަތަކަށް އެކި ދާއިރާތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ގެއްލޭނެ އެވެ. އޭގެ ތެރޭގައި ގެންމެ ގިނަވާނީ އެޑްމިނިސްޓްރޭޝަން ރޫޓިން/މެނުއަލް އަދި ޑޭޓާ ޕްރޮސެސިން ފަދަ ދާއިރާތަކުގެ މަސައްކަތްތައް ކަމަށް ބުންޏެވެ. އެކަމަކު ފުރުސަތުތައް އިތުރުވެގެންދާނެ ދާއިރާތަކުގެ ތެރޭގައި އެޑްވައިޒިން، ޑިސިޝަން މޭކިން، ރީޒަނިން، ކޮމިއުނިކޭޓިން އަދި އިންޓަރެކްޓިން ދާއިރާ ހިމެނެ އެވެ.

މިހާރު ވެސް ބޮޑެތި ކުންފުނިތަކުން އަންނަނީ އެތަންތަނުގެ މަސައްކަތް ޓެކްނޮލޮޖީގެ އެހީގައި އޮޓޮމޭޓެޑްކުރަމުންނެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މަސަައްކަތުގެ ދާއިރާ އަށް ކުރިމަތިވި ލޮޅުންތަކާ ހެދި ކުންފުނިތަކުން އެ ދިމާއަށް މިސްރާބު ޖަހާ މިންވަރު ވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ.

ޑަބްލިއުއީއެފުން ބުނިގޮތުގައި އަށް މިލިއަނެއްހާ މީހުން ވަޒީފާ އަދާކުރާ ދުނިޔޭގެ 300 އެއްހާ ބޮޑެތި ކުންފުނީގެ މަސައްކަތް ބައްޓަންވަމުންދާ ގޮތަށް ރިއާޔަތްކޮށް އެކުލަވާލި ރިޕޯޓުން ދައްކާ ގޮތުގައި 50 ޕަސެންޓަށް ވުރެ ގިނަ ކުންފުނިތަކުގެ މަސައްކަތް ވަނީ އޮޓޮމޭޝަނަށް އަމާޒު ހިފައިފަ އެވެ. އަދި 43 ޕަސެންޓް ކުންފުނިތަކުން ބުނެފައިވާ ގޮތުގައި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު އެ ގިނަ އަދަދަކަށް ވަޒީފާތައް މަދުކުރަން ޖެހޭނެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޓެކްނޮލޮޖީގެ ދާއިރާ އިން ލިބޭ ފަސޭހަތަކާ އެކު ކުންފުނިތަކުގެ މަސައްކަތްތައް އޮޓޮމޭޓެޑްވުމަކީ މަސައްކަތްތައް އާ ގޮތްގޮތަށް ބައްޓަންކޮށް، ހިންގުމަށް ކުރާ ހޭދަ ވެސް އެތައް ގުނަ ކުޑަކުރެވޭނެ ކަމެކެވެ. އެހެންވެ ބޮޑެތި ކުންފުނިތަކުގެ އަމާޒު އެ މިސްރާބަށް ހުއްޓިފައިވާތީ ވަޒީފާ ނެތް މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި ދާނީ އިތުރުވަމުން ކަމަށް ބުންޏެވެ.

ޑަބްލިއުއީއެފްގެ މެނެޖިން ޑިރެކްޓަރު ސާދިއާ ޒާހިދީ ވިދާޅުވި ގޮތުގައި 2007-2008 ހިސާބުގައި ދުނިޔެ އަށް ކުރިމަތިވި އިގުތިސާދީ ލޮޅުންތަކުގެ ފަހުން ލޭބާ މާކެޓަށް ކުރާ ނޭދެވޭ އަސަރު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑުވަމުންނެވެ.

"އޭގެ މާނަ އަކީ ވަޒީފާގެ ބާޒާރުން ލިބޭ ފުރުސަތުތައް ވަރަށް ބާރު މިނެއްގައި މަދުވަމުންނޭ ދަނީ. މީގެ ސަބަބުން އެތައް މައްސަލަތަކެއް ކުރިމަތިވާނެ." އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެފްއީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މި ވަގުތު ކުންފުނިތަކުގެ މަސައްކަތްތައް މުވައްޒަފުންނާ ނުލައި ކުރިއަށް ގެންދަނީ ތިންބައިކުޅަ އެއްބަ އެވެ. އެކަމަކު 2025 އާ ހަމައަށް އަންނަ އިރު އެ ނިސްބަތް ދެބައިކުޅަ އެއްބަޔަށް އިތުރުވާނެ އެވެ.