Roadha Mihaaru
ގޫގުލްގެ އިސް މީހަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި

ގޫގުލްގެ އިސް މީހަކު އަނެއްކާވެސް މަގާމުން ވަކިކޮށްފި

21 ފެބުރުއަރީ 2021

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެތިކްސް ޔުނިޓްގެ ބާނީ އަދި ކޯ-ހެޑް މާގްރެޓް މިޝެލް ހުކުރު ދުވަހު މަގާމުން ވަކިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެތިކްސް ޔުނިޓްގެ ބާނީ އަދި ކޯ-ހެޑް މާގްރެޓް މިޝެލް ހުކުރު ދުވަހު މަގާމުން ވަކިކޮށްފި އެވެ.

އަލްފަބްޓްގެ ދަށުން ހިންގާ ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަގާމުން ވަކިކުރީ ކުންފުނީގެ އުސޫލުތަކާ ހިލާފުވެގެން ކަމަށާއި ކުންފުނީގެ ވަރަށް މުހިއްމު މައުލޫމާތުތަކެއް ސިއްރުން ބޭރުކޮށްފައިވާ ކަމަށެވެ. މިޝެލް ކުރި ޓްވީޓެއްގައި ވެސް އޭނާ މަގާމުން ވަކިކުރި ވާހަކަ ބުނެފައިވެ އެވެ.

މިޝެލް މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ގޫގުލްގެ އިސް އެހެން މުވައްޒަފަކު ވެސް މަގާމުން ވަކިކުރުމާ ގުޅިގެން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަގާމުން ވަކިކުރީ އާޓިފިޝަލް އިންޓެލިންސްޖް އެތިކްސް ޔުނިޓްގެ ލީޑް ރިސާޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ޑރ. ޓިމްނިޓް ގެބްރޫ އެވެ. އޭނާ މަގާމުން ވަކި ކުރީ މުވައްޒަފުންނާ މެދު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ކުންފުނީގެ ތެރޭގައި ދައުރުކުރީ އިމެއިލްތަލެއްގެ މައްސަލައިގަ އެވެ.

އެ މައްސަލާގައި އޭނާ މަގާމުން ވަކިކުރުމަށް ފަހު ގޫގުލް އިން ބުނެފައި ވަނީ ގެބްރޫ އަމިއްލަ އަށް ވަކިވީ ކަމަށެވެ.

ނަމަވެސް މި މައްސަލާގައި އޭނާ ބުނެފައި ވަނީ މަގާމުން ވަކިކުރީ އޭނާ އިސްކޮށް މަސައްކަތް ކުރި ރިސާޗަކުން ނަން ނެގުމަށް ވެސް މަޖުބޫރުކޮށްފައި ކަމަށެވެ.

މިޝެލް އާއި ގެބްރޫ އަކީ ގޫގުލްގައި ޑައިވަސިޓީ ފުޅާކުރަން ވަރަށް ބޮޑަށް ކެމްޕޭން ކުރި ދެ މުވައްޒަފެކެވެ. އެ މީހުން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަކީ ނަސްލީ ގޮތުންނާއި ޖިންސީ ގޮތުން ވެސް މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ބޮޑު ކުންފުންޏެކެވެ.

ޓިމްނިޓް ގެބްރޫ.

ޓިމްނިޓް ގެބްރޫ.

ގޫގުލްގައި މަސައްކަތްކުރާ އަންހެން ސޮފްޓްވެއާ އިންޖިނިއަރުންނާއި އެ ކުންފުނީގެ އޭޝިއާގެ މުވައްޒަފުންގެ މެދުގައި ގެންގުޅުނު މުސާރައިގެ ފަރަގުގެ މައްސަލައެއް ހޫނުވުމުން އެ ކުންފުނިން އެކަން ހައްލުކުރަން 2.5 މިލިއަން ޑޮލަރު ހޭދަކުރަން ނިންމިކަން ވެސް މިދިޔަ މަހު އިއުލާންކޮށްފައިވެ އެވެ.