Roadha Mihaaru
ތާށިވި ބޯޓާއި މި އަންހެން މީހާއާ ކޮން ގުޅުމެއް؟

ސުއޭޒް ކެނަލްގައި ތާށިވި ބޯޓާއި މި އަންހެން މީހާއާ ކޮން ގުޅުމެއް؟

05 އެޕްރީލް 2021

މިސްރުގެ ސުއޭޒް ކެނަލްގައި އާގުބޯޓެއް ތާށިވި ވާހަކަ އަކީ މި ދުވަސްކޮޅު މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވެމުން އަންނަ ވާހަކައެކެވެ. ސުއޭޒް ކެނަލްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު "އެވަ ގިވެން" ކިޔާ ބޯޓް ތާށިވެ، ވިޔަފާރީގެ ގޮތުން ބޮޑެތި ގެއްލުންތަކަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެކަމަކު ބޯޓް ފުންކުންކުރެވި ސުއޭޒް ކެނަލް ހުރަސްކޮށް ކުރާ ދަތުރުތައް އަލުން މިހާރު ވަނީ ފެށިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިސްރުގެ ސުއޭޒް ކެނަލްގައި އާގުބޯޓެއް ތާށިވި ވާހަކަ އަކީ މި ދުވަސްކޮޅު މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވެމުން އަންނަ ވާހަކައެކެވެ. ސުއޭޒް ކެނަލްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު "އެވަ ގިވެން" ކިޔާ ބޯޓް ތާށިވެ، ވިޔަފާރީގެ ގޮތުން ބޮޑެތި ގެއްލުންތަކަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެކަމަކު ބޯޓް ފުންކުންކުރެވި ސުއޭޒް ކެނަލް ހުރަސްކޮށް ކުރާ ދަތުރުތައް އަލުން މިހާރު ވަނީ ފެށިފަ އެވެ.

މި ހާދިސާއާ ގުޅުވައިގެން މީޑިއާތަކުގައި މިސްރުގެ އަންހެނެއްގެ ވާހަކަ ބައެއް މީޑިއާތަކުގައި ދެކެވިފައިވެ އެވެ. އެއީ އެ ގައުމުގެ ފުރަތަމަ އަަންހެން އާގުބޯޓް ކެޕްޓަން މަރުވާ ސެލެހްދާރް، 29، އެވެ. މިއީ ޚުދު އޭނާ އަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކެކެވެ. ސަބަބަކީ އެއްވެސް ގުޅުމެއް ނެތް ހާދިސާއަކާ މަރުވާން ގުޅުވުމެވެ.

އަރަބް ނިއުސް އިން އިނގިރޭސި ބަހުން ގެނެސްދިން އާޓިކަލެއްގައިވާ ގޮތުން ސުއޭޒް ކެނަލްގައި ބޯޓް ތާށިވި ހާދިސާ އަކީ ކެޕްޓަން މަރްވާގެ އިހުމާލުންވީ ކަމެކެވެ. މި ވާހަކަ މަރްވާގެ ސަމާލުކަމަށް އައީ އޭނާގެ ފޮޓޯ ވެސް ޖަހައި އާންމުކުރި ލިޔުމުގެ ސްކްރީންޝޮޓް އެކިއެކި މީހުން ފޯނަށް ފޮނުވަން ފެށުމުންނެވެ.

"އެއީ ހަމަ ބޮޑު ޝޮކެއް." ބީސީސީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

މަރްވާ ކިޔައިދިން ގޮތުގައި "އެވަ ގިވެން"ގެ ހާދިސާ ހިނގި އިރު އޭނާ ހުރީ އެލެގްޒެޑްރާއާ އެތައް މޭލު ދުރުގައި އޮތް އާގުބޯޓް "އައިދާ 4" ގަ އެވެ. އެއީ ފަސްޓް މޭޓް ކޮމާންޑެއްގެ ގޮތުގަ އެވެ. އެހެންވެ "އެވަ ގިވެން" އާއި އޭނާއަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުންޏެވެ. އަނެއްކޮޅުން އެ ބޯޓަކީ މަރްވާ ދުވަހަކު މަސައްކަތް ވެސް ކުރި ބޯޓެއް ނޫނެވެ.

"ފަހަރުގައި ވެދާނެ އަހަންނަކީ އަންހެން ކެޕްޓަނަކަށްވާތީ އެވަރުގެ ހާދިސާއެއް ހިނގާނީ ބަލިކަށި މީހެއްގެ ސަބަބުން ކަމަށް ބަލައި އަހަރެންގެ ނަމާ އެ ހާދިސާއާ ގުޅުވީ ކަމަށް." މަރްވާ ބުންޏެވެ.

މަރުވާ ބުނީ ގަބޫލުކުރެވޭ ގޮތުގައި ހަގީގަތެއް ނެތް ވާހަކަތެއް ފެތުރި މީހުންގެ މަގުސަދަކީ އޭނާގެ އަގު ވައްޓާލައި އަންހެނުންނަކީ ކެޕްޓަނުންނަށް ތަސައްފަރު ނުފުދޭ ބައެއްކަން ދެއްކުމެވެ.

"ވެދާނެ އަހަންނަކީ މި ދާއިރާގައި ކާމިޔާބު އަންހެނަކަށްވާތީ އެކަމާ ހެދި ޖައްސާލީ ކަމަށް ވެސް. ނޫނީ އަހަންނަކީ މިސްރަށް ނިސްބަތްވާ މީހަކަށްވާތީ އެކަމާ ގުޅުވައިގެން ވެސް އަގު ވައްޓާލަން މަސައްކަތްކުރީ ކަމަށް ވެދާނެ." އޭނާ ބުންޏެވެ.

މަރްވާ ކިޔައިދިން ގޮތުގައި މުޅިންހެން ފިރިހެނުން ނަގާކިޔާ މެރިޓައިމް ދާއިރާގައި އޭނާ އަށް ފައިތިލަ ސާބިތުކޮށްގެން ހުރެވުމަކީ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ މީގެ ކުރިން ވެސް އޭނާއާ ދެކޮޅަަށް އެތައް މަސައްކަތެއް ކުރެވިފައިވާތީ އެވެ.

"މިހާރު ވެސް މި ދާއިރާގައި މަސައްކަތްކުރަނީ އެންމެ ދެ ޕަސަންޓް އަންހެނުން. އަހަރެން މި ދާއިރާ އަށް ނުކުތްތާ ކުރީކޮޅު ވަރަށް ބޮޑެތި ފުރައްސާރަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު،" މަރްވާ ބުންޏެވެ. "އެގޮތުން އެކީގައި މަސައްކަތްކުރާ ތަންކޮޅެއް ދުވަސްވީ ފިރިހެނުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކާއި ބަދުބަސްތައް ވަރަށް ގިނަ."

އެކަމަކު ފަސްޖެހުމެއް، ފަސް އެނބުރި ބެލުމެއް ނެތި މެރިޓައިމް ދާއިރާގައި ހިފަހައްޓާލެވުނީ ކުރާ ހިތްވާ ކަމަކަށް އޮތް ޝައުގެއްގެ ބޮޑުކަމުން ކަމަށް މަރްވާ ބުންޏެވެ.

"ބައެއް މީހުންގެ ވިސްނުމުގައި އާއިލާއާ ވަކިން ކަނޑުމަތީގައި މިގޮތަށް އެހާ ގިނަ ދުވަހު އަންހެނުން އުޅެން ޖެހޭ ކަހަަލަ ވަޒީފާއެއް އަދާކުރުމަކީ ބަލައިގަނެވޭ ކަހަލަ ކަމަކަށް ނުވޭ،" އޭނާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް ކަނޑުމަތީގައި ވަރަށް އުޅޭ ހިތްވާ މީހަކަށްވާތީ ހިތްވަރާ އެކު ކުރިއަށް ދިއުމުގެ ވިސްނުން އަބަދު ވެސް ހުރީ. އެހެންވީމަ ޗެލެންޖެސްއާ ކުރިމަތިލަނީ ކެރިގެން."

މަރްވާ އަށް މެރިޓައިމް ދާއިރާ އަށް ކުރިއަށް ދާން ދޮރު ހުޅުވުނީ ކުރީގެ ރައިސް ހުސްނީ މުބާރަކްގެ ދައުރުގައި އަންހެނުންނަށް އެ ދާއިރާ އިން ހުޅުވައިލެވުނު ފުރުސަތުތަކާ އެކީގަ އެވެ. އެކަމަކު އޭރު ވެސް ކިޔަވަން އުޅުނު އިރު ޖިންސީ ތަފާތުކުރުންތަކާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނު ކަމަށް ބުންޏެވެ.

"އަހަރެން ބުނެލަން އޮތީ މި ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް އަދި މި ދާއިރާ އަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް ބަޔަކު ކިހާޔާ އެއްޗިއްސަކަށް ބަލާނެ ކަމެއް ނެތޭ. ޝައުގުވެރިކަން ހުރިއްޔާ ކެރިގެން ކުރިމަތިލާށޭ. ކުރިއަށް ދާށޭ،" މަރްވާ ބުންޏެވެ. "ބަޔަކު ބުނެލާ އެއްޗަކުން އެ މީހެއްގެ ހުވަފެނެއް ވިއްސިވިހާލިވިޔަ ދީގެން ނުވާނެ."

އޭނާ ބުނީ "އެވަ ގިވެން" ގެ ހާދިސާއާ ގުޅުވުމުން ދެރަވި ނަމަވެސް ހިތްވަރު އިތުރަށް އާލާވެއްޖެ ކަމަށެވެ.

"އަހަރެން ބުނެލަން އޮތީ އަންހެނުންނަކީ ފިސާރަ ބައެކޭ. މެންޓަލީ ބަލިކަށިކޮށްލަން އުޅުނަސް މިހާރު އެކަމާ ދެކޮޅަށް ތެދުވާނެ ހިތްވަރު އަންހެނުންގެ ކިބައިގައި ހުންނާނެ،" މަރްވާ ބުންޏެވެ. "ހަމަ ޔަގީނުން ވެސް އަހަންނަކީ ފަހަތަށް ޖެހޭނެއް މީހެއް ނޫން."