Roadha Mihaaru
ކާޑުގެ މައްސަލާގައި ޕީޕީއެމް ބައެއް މެމްބަރުން ރަތަށް!

ކާޑުގެ ބާވަތްތައް އަގު ބޮޑުވުމުން ޕީޕީއެމްގެ ބައެއް މެމްބަރުން ރުޅިގަދަވެއްޖެ

01 އޮކްޓޯބަރ 2016

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހުއްޓާލައި، ކާބޯތަކެތީގެ އަގު އަތްނުފޯރާފަށަށް އުފުލުމާ ގުޅިގެން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން މިއަދު ރުޅިގަދަވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހުއްޓާލައި، ކާބޯތަކެތީގެ އަގު އަތްނުފޯރާފަށަށް އުފުލުމާ ގުޅިގެން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން މިއަދު ރުޅިގަދަވެއްޖެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި، ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މިކަން ކުރުމަކީ ސަރުކާރަށާއި ޕީޕީއެމަށް ލިބޭނެ ގެއްލުމެއް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ބައެއް މެމްބަރުން ފާޅުގައި ފާޑު ވިދާޅުވި އެވެ.

ވައިބާ ގްރޫޕްގައި ސަރުކާރުގެ ސިޔާސަތަށް ފާޑު ވިދާޅުވި މެމްބަރުންނަކީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ ހިޔާލު ތަފާތުވި މެމްބަރުންނެއް ނޫނެވެ.

ޕީޕީއެމްގެ އިސް މެމްބަރަކު މިރޭ ވިދާޅުވި ގޮތުގައި ސަބްސިޑީ ހުއްޓާލުމާ ދެކޮޅު ހެއްދެވި މެމްބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހިމެނެ އެވެ.

އަސްމާ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.

އަސްމާ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.

މީގެ ތެރެއިން އަސްމާ އާއި އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ދެއްކެވި ވާހަކަތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން އެ މެމްބަރުންނަށް ދެއްވި ޖަވާބު ވެސް ވަނީ ލީކްވެފަ އެވެ.

ވައިބާ ގްރޫޕްގައި އަސްމާ ވިދާޅުވި ގޮތުގައި ދާއިރާގެ މީހުންގެ ހާލު އެނގިވަޑައިގެންފައިވާ ކަމަށާއި އެހެން ދިމާލަކުން ޓެކްސް ނަގައިގެން ވެސް އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި މެމްބަރެއްގެ ގޮތުގައި އޭނާ އެކަނި ވެސް، މިކަމާ ދެކޮޅަށް ނިކުންނަވާނެ ކަމަށާއި އެއްވެސް ޓެކްސްއެއް ނުނަގާއިރު، ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް ހުރީ ސަބްސިޑައިސްކޮށްފައި ކަމަށް އަސްމާ ވިދާޅުވި އެވެ.

އެއާއެކު ދީދީ ވިދާޅުވި ގޮތުގައި މިއީ އިދިކޮޅު ފަރާތްތަކަށް ދިން ވަރަށް ބޮޑު ހަދިޔާއެކެވެ. އޭނާ ވިދާޅުވީ މިކަހަލަ ކަންކަން ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި "ރައްޔިތުން ގޮވާ އެއްޗެހިން މަގުމައްޗަށް ނުކުމެވޭ ވަރު" ނުވާ ކަމަށެވެ.

އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖެއް.

އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖެއް.

"ކަރަންޓު އަގު ބޮޑުވީ. މިއަދު ކާޑުގެ އަގު ބޮޑުވީ. އަޅުގަނޑުމެން ބުނާނެ އެއްޗެއް ނެތް،" ސަރުކާރު ދިފާއު ކުރެއްވުމަށް މަޖިލިސް ތެރޭގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ދީދީ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވަނީ ރައްޔިތުންގެ ކަރަށް އަތް ނުބާނާ ނުވާނެ އެއްގޮތެއް ވެސް ނެތީތޯ ސުވާލު އުފައްދަވައިފަ އެވެ. ސަރުކާރުން މިފަދަ ބޮޑު ކަމެއް ކުރިއިރު، ރައްޔިތުންގެ މަންދޫބުންގެ ހިޔާލު ހޯދާފައި ނުވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދު ހުސެއިން ވެސް ވިދާޅުވީ "ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ހޫނު ފެނަށް" ވައްޓާލާފައިވާ ކަމަށާއި މެޖޯރިޓީ އޮތް މަޖިލީހެއްގައި ޕީޕީއެމް މެމްބަރުންގެ ހިޔާލު ހޯދާފައިނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ނިންމުންތަކަކީ "އިތުރު ޗޮއިސް"އެއް ނެތިގެން ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި އެއްވެސް ކަމެއް އޮޅުން ނުފިލާނަމަ، މެމްބަރުން އިސް ނަންގަވައިގެން ކަންކަން ސާފު ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.

ރައީސް ޔާމީން ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.

"އަޅުގަނޑަކީ ވެސް ރައްޔިތުންގެ ރުހުމާއި ވޯޓު ބޭނުންވާ މީހެއް. ވަރަށް ދެރަވެއްޖެ އަޅުގަނޑު،" މެމްބަރުން ފާޅުކުރެއްވި ޝުއޫރުތަކާ ގުޅިގެން ވައިބާ ގްރޫޕްގައި ރައީސް ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ ރައީސްގެ މި ވާހަކަފުޅުތަކާ ގުޅިގެން މެމްބަރުންގެ ޝުއޫރުތައް ފާޅުކުރުން ހުއްޓަވާލެއްވި ކަމަށެވެ. އަދި ބައެއް މެމްބަރުން ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން "އޯކޭ" ކަމަށް ވިދާޅުވެ ވައިބާ ގްރޫޕްގައި ލިޔުއްވި ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ކާޑުގެ ބާވަތްތަކަށް ދެމުން އައި އާންމު ސަބްސިޑީ ހުއްޓާލުމަށް ފަހު ކޮންޓްރޯލް އަގަށް މިއަދުން ފެށިގެން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ހަނޑުލާއި ހަކުރު އަދި ފުށުގެ އަގު އެވްރެޖްކޮށް ވަނީ 100 ޕަސެންޓަށް ވުރެ ބޮޑުވެފަ އެވެ. ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ދޭނީ ހަމައެކަނި ފަގީރުންނަށެވެ.

ޕީޕީއެމް މަޖިލިސް މެމްބަރުންތަކެއް މުލިއާގޭގައި. .---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ޕީޕީއެމް މަޖިލިސް މެމްބަރުންތަކެއް މުލިއާގޭގައި. .---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިއަދުން ފެށިގެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ރާއްޖޭގައި މިހާރު ހުރިހާ ހިދުމަތްތަކެއް ވެސް ދެމުން އަންނަނީ ސަބްސިޑީ ނުވަތަ ސަރުކާރުގެ އެހީގެ ދަށުން ކަމަށާއި ހުރިހާ ކަމަކަށް ސަރުކާރުން ސަބްސިޑީ ދީގެން ބޭރުގެ މާލީ އެހީތެރިކަން ނުލިބޭނެ ކަމަށެވެ.

ސަބްސިޑީ ކަނޑާލައިގެން 140 މިލިއަން ރުފިޔާގެ ފައިދާއެއް ސަރުކާރަށް ވުމަށް ވުރެ މުހިއްމީ، ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރުގެ މާލީ އިދާރާތަކުން ދޭ ލޯނުގެ އެހީ މެދުކެނޑުމެއް ނެތި ލިބުން ކަމަށާއި މިކަމަށް ދުނިޔޭގެ ގައުމުތަކުން ޕްރެޝަރުތައް ކުރިމަތި ކުރާ ކަމަށްް ވެސް އޭނާ ވިދާޅުވި އެވެ.