Roadha Mihaaru
ރައީސް އަޒުލުކުރަން 57 ވޯޓު ހަމައެއް ނުވާނެ:ޕީޕީއެމް

ރައީސް ޔާމީން އަޒުލުކުރަން 57 ވޯޓު ހަމައެއް ނުވާނެ: ޕީޕީއެމް

08 މާޗް 2018

ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، އެ މަނިކުފާނު އަަޒުލުކުރަން ރައްޔިތުންގެ މަޖިލީހުގައި ބޭނުންވާ 57 ވޯޓު ހަމަނުވާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، އެ މަނިކުފާނު އަަޒުލުކުރަން ރައްޔިތުންގެ މަޖިލީހުގައި ބޭނުންވާ 57 ވޯޓު ހަމަނުވާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެ ގޮތަށް ފާސްކޮށްފި ނަމަ އެވެ. އެއީ، މަޖިލީހުގެ މިހާރުގެ މެމްބަރުންގެ އަދަދުން ބަލާއިރު، 57 މެމްބަރުންގެ ވޯޓެވެ. ޕީޕީއެމް/އެމްޑީއޭ އަށް މި ވަގުތު 41 ވޯޓު ލިބޭ އިރު، އިދިކޮޅު ފަރާތްތަކަށް ލިބެނީ 44 މެމްބަރުންގެ ވޯޓެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ކައްޕި"އާ އެކު ކުރަމުން އަންނަ ދަތުރު ކާމިޔާބު ކަމާ އެކު ނިންމާފައި ދެ ވަނަ ދަތުރެއް މި އަހަރުގެ ނޮވެމްބަރު މަހުގައި ފައްޓާނެ ކަމަށެވެ. އަބްދުއްރަހީމް ކައްޕިއެއްގެ ލަގަބު ދެއްވީ ރައީސް ޔާމީނަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލު ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެ ކަމަށާއި އެކަން ކުރިޔަ ނުދޭން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އޮތީ ފާރަލައިގެން، ތައްޔާރަށް ކަމަށެވެ. އަދި ޕީޕީއެމުން ތައްޔާރުވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި އިދިކޮޅު ފަރާތްތަކުން އިންތިހާބާ ދޭތެރޭ ނުވިސްނަނީ ކާމިޔާބުނުވާނެ ކަން ޔަގީންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަކީ "މުރަނގަ ގަސްދޮށު މާލިމީ" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެ ކަމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ "ފަޅުތަކާއި ގިރިތައް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކުޅަދާނަ މާލިމީއެއް" ކަމަށެވެ.

"ރައީސް ނަޝީދު ދުއްވި އޮޑި ފަރަށް އަރައިގެން ދިޔަ ގޮތަށް އަޅުގަނޑުމެންގެ އޮޑި ފަރަކަށް ނާރާނެ،" ނަޝީދު ދެއްކެވި ވާހަކަ އަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންގެ ރުހުން ހޯދަން ނަޝީދު ވާހަކަތަކެއް ދެއްކެވި ނަމަވެސް ސަލާމަތީ ޚިދުމަތްތަކުން އެ ވާހަކަތައް ގަބޫލެއް ނުކުރާނެ އެވެ. ނަޝީދަކީ ފުލުހުންނާއި ސިފައިންގެ ތާއީދު އޮތް ބޭފުޅެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ޖުޑިޝަރީ ތެރެއިން ރޭވި ބަޣާވާތް ނާކާމިޔާބު ކޮށްލެވުނީ ރައީސް ޔާމީންގެ ލަފާފުޅުގެ މަތިން ފުލުހުންނާއި ސިފައިން އަމަލު ކުރުމުގެ ސަބަބުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވަޒީރުން ތިއްބެވީ މަގާމުން އިސްތިއުފާ ދެއްވާ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނާއެކު ސާބިތުވެގެން މިތިބީ ދިވެހި ގައުމުގެ ހައްގުގައި، މާތްވެގެންވާ އިސްލާމް ދީނުގެ ހައްގުގައި. ރައީސް ޔާމީން އެ ކުރައްވާ މަސައްކަތް އަޅުގަނޑުމެން ހިތާއި ރޫހުން ގަބޫލު ކުރާތީ. އެހެންވެ، އޮޅުވާލުމުގެ ގޮތުން ވާހަކަ ދައްކާނެ ކަމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ވިދާޅުވީ ރައީސް ޔާމީން މަގާމުން ދުރުކުރަން މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެއްވެސް ކަމެއް ކާމިޔާބު ނުވި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް "ބަޣާވާތް" ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިފައިންނާއި ފުލުހުން ގައުމާއި ދީނަށްޓަކައި ކުރި ހުވާ ހަނދާން ހުރިހާ ހިނދަކު، ކެނެރީގޭ ނަޝީދު ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެ،" ނިހާނު ވިދާޅުވި އެވެ.

ޓޫރިސްޓުން ރާއްޖެ އަޔަ ނުދިނުމަށް ބަޣާވާތުގެ އަހުލުވެރިން ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ކާމިޔާބުނުވާ ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގިނަ ރިސޯޓުތަކެއް މިހާރު ވެސް ފުލްވެފައިވާ ކަމަށާއި ރާއްޖެ އިން ބޭރުގައި ބަޣާވާތުގެ ބައިވެރިން ބަލިވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.