Roadha Mihaaru
ކާޑުގެ މައްސަލާގައި ދެކޮޅު ހެދި މެމްބަރުން ތާއީދުކުރަނީ

ކާޑުގެ އަގު ބޮޑުކުރުމުން ދެކޮޅު ހެދި ބައެއް މެމްބަރުން ތާއީދުކުރަން ފަށައިފި

02 އޮކްޓޯބަރ 2016

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދިން ސަބްސިޑީ ހުއްޓާލައި، ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލުމާ ގުޅިގެން އެކަމާ ދެކޮޅު ހެއްދެވި ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުން، ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހާމަ ކުރެއްވުމާ އެކު އެ ކަމަށް ތާއީދު ކުރައްވަން ފައްޓަވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދިން ސަބްސިޑީ ހުއްޓާލައި، ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލުމާ ގުޅިގެން އެކަމާ ދެކޮޅު ހެއްދެވި ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުން، ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހާމަ ކުރެއްވުމާ އެކު އެ ކަމަށް ތާއީދު ކުރައްވަން ފައްޓަވައިފި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕްގައި ވާހަކަ ދައްކަމުން ބައެއް މެންބަރުން ވިދާޅުވީ ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް މިކަން ކުރުމަކީ ސަރުކާރަށާއި ޕީޕީއެމަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ބައެއް މެމްބަރުން ފާޅުގައި އިއްޔެ ފާޑު ވިދާޅުވި އެވެ.

އެގޮތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ފާޑު ވިދާޅުވަމުން އިއްޔެ ވިދާޅުވެފައި ވަނީ "2018 ކުރިމަތިން ފެންނަން މިއޮތީ. އިދިކޮޅު މީހުންނަށް ދިން ވަރަށް ބޮޑު ހަދިޔާއެއް މިއީ. ރައްޔިތުން ގޮވާ އެއްޗެހިން މަގުމައްޗަށް ނިކުމެވޭ ވަރެއް ނޫން،" ކަމަށެވެ.

"ކަރަންޓު އަގު ބޮޑުވީ. މިއަދު ކާޑުގެ އަގު ބޮޑުވީ. އަޅުގަނޑުމެން ބުނާނެ އެއްޗެއް ނެތް،" ސަރުކާރު ދިފާއު ކުރެއްވުމަށް މަޖިލިސް ތެރޭގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ދީދީ އިއްޔެ ވިދާޅުވި އެވެ. އިބްރާހިމް ދީދީ ވަނީ ރައްޔިތުންގެ ކަރަށް އަތް ނުބާނާ ނުވާނެ އެއްގޮތެއް ވެސް ނެތީތޯ ސުވާލު އުފައްދަވައިފަ އެވެ. ސަރުކާރުން މިފަދަ ބޮޑު ކަމެއް ކުރިއިރު، ރައްޔިތުންގެ މަންދޫބުންގެ ހިޔާލު ހޯދާފައި ނުވާތީ އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލާގައި ރައީސް ޔާމީންގެ ވިސްނުންފުޅު ހުރި ގޮތް އެނގުމުން އިބްރާހީމް ދީދީ ފަހުން ވައިބަ ގްރޫޕްގައި، ސަރުކާރުގެ އެ ނިންމުމަށް ތާއީދު ކުރައްވައިފަ އެވެ. "މި ނިންމުމުމަކީ ސީދާ ރައީސްގެ ވިސްނުންފުޅަށް ނިންމި ނިންމުމަކަށް ވާނަމަ އަޅުގަނޑު މިކަމަށް ތާއީދު ކޮށްފިން. އަދި ރައީސްގެ ދިފާއުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން އެންމެ ކުރީގައި ހުންނާނަން،" ވައިބަ ގްރޫޕްގައި މިއަދު ވިދާޅުވި އެވެ.

މި ނިންމުންމުމަކީ ސީދާ ރައީސްގެ ވިސްނުންފުޅަށް ނިންމި ނިންމުމަކަށް ވާނަމަ އަޅުގަނޑު މިކަމަށް ތާއީދުކޮށްފިން. އަދި ރައީސްގެ ދިފާއުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން އެންމެ ކުރީގައި ހުންނާނަން، އިބްރާހިމް ދީދީ

އިބްރާހިމް ދީދީ ވިދާޅުވެފައި ވަނީ ސަބްސިޑީއާ ބެހޭ ގޮތުން މިރޭ ފޭދޫ ރައްޔިތުންނަށް މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ.

އެ ގްރޫޕްގައި އިބްރާހިމް ދީދީ ވިދާޅުވެފައި ވަނީ "އަޅުގަނޑު އޮންނާނީ ރައީސް އެކަމަށް ތާއީދުކަން އެނގުނީމަ ދެން އެ ގޮތަށް ނިންމުން. މި ފެށީ މަސައްކަތް،" ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވުމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވެސް އިބްރާހިމް ދީދީ އަށް ތާއީދު ކުރެއްވި ކަމަށެވެ.

އަބްދުއްރަހީމް ވެސް ވިދާޅުވެފައި ވަނީ އޭނާ ވެސް މިވަގުތު ދާއިރާގައި ހުރުމާއެކު މިއަދާއި މިރޭ އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކާޑުގެ އަގު ބޮޑުވި މައްސަލައާ މެދު ރައީސްގެ ވިސްނުންފުޅު ހުރި ގޮތް އެނގުމުން ބައެއް މެމްބަރުންގެ އެކަމަށް ތާއީދު ކުރެއްވުމުން ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވީ އެ އިން ދައްކައި ދެނީ އެ މެމްބަރުންގެ ދެފުށް ދެ ގޮތްކަން ކަމަށެވެ.

"ކޮންމެ ވެސް އެއްގޮތެއްގައި ތިބެންވާނީ. ތާއީދު ނުކުރަންޏާ އެ ގޮތުގައި ދެމި ތިބެންވާނެ. ކުއްލިއަކަށް ރައީސް އެއްޗެއް ވިދާޅުވީމަ ވިސްނުން އަނެއްކާ އަނބުރާލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.

އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.

ވައިބާ ގްރޫޕްގައި އިބްރާހިމް ދީދީ ދެއްކެވި ބައެއް ވާހަކަތަކާއި އޭނާ އަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންގެ ވާހަކަތައް ވެސް ވަނީ ލީކުވެފަ އެވެ.

ސަބްސިޑީ ހުއްޓާލުމާ ދެކޮޅު ހެއްދެވި މެމްބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހިމެނެ އެވެ.

ވައިބާ ގްރޫޕްގައި އަސްމާ ވިދާޅުވީ ދާއިރާގެ މީހުންގެ ހާލު އެނގިވަޑައިގެންފައިވާ ކަމަށާއި އެހެން ދިމާލަކުން ޓެކްސް ނަގައިގެން ވެސް އެކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި މެމްބަރެއްގެ ގޮތުގައި އޭނާ އެކަނި ވެސް، މިކަމާ ދެކޮޅަށް ނުކުންނަވާނެ ކަމަށާއި އެއްވެސް ޓެކުހެއް ނުނަގާ އިރު، ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް ހުރީ ސަބްސިޑައިސްކޮށްފައި ކަމަށް އަސްމާ ވިދާޅުވި އެވެ.

ކާޑުގެ ބާވަތްތަކަށް ދެމުން އައި އާންމު ސަބްސިޑީ ހުއްޓާލުމަށް ފަހު ކޮންޓްރޯލް އަގަށް މިއަދުން ފެށިގެން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ހަނޑުލާއި ހަކުރު އަދި ފުށުގެ އަގު އެވްރެޖްކޮށް ވަނީ 100 ޕަސެންޓަށް ވުރެ ބޮޑުވެފަ އެވެ. ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ދޭނީ ހަމައެކަނި ފަގީރުންނަށެވެ.ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިއަދުން ފެށިގެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.

އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.

އިބްރާހިމް ދީދީ ވައިބާ ގްރޫޕްގައި ކުރެއްވި މެސެޖް.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ރާއްޖޭގައި މިހާރު ހުރިހާ ހިދުމަތްތަކެއް ވެސް ދެމުން އަންނަނީ ސަބްސިޑީ ނުވަތަ ސަރުކާރުގެ އެހީގެ ދަށުން ކަމަށާއި ހުރިހާ ކަމަކަށް ސަރުކާރުން ސަބްސިޑީ ދީގެން ބޭރުގެ މާލީ އެހީތެރިކަން ނުލިބޭނެ ކަމަށެވެ. ސަބްސިޑީ ކަނޑާލައިގެން 140 މިލިއަން ރުފިޔާގެ ފައިދާއެއް ސަރުކާރަށް ވުމަށް ވުރެ މުހިއްމީ، ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރުގެ މާލީ އިދާރާތަކުން ދޭ ލޯނުގެ އެހީ މެދުކެނޑުމެއް ނެތި ލިބުން ކަމަށާއި މިކަމަށް ދުނިޔޭގެ ގައުމުތަކުން ޕްރެޝަރުތައް ކުރިމަތި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.