Roadha Mihaaru
ރާއްޖެ-ޗައިނާގެ އެއްބަސްވުން ރިވިއު ކުރަން އެދިއްޖެ

ރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން މުރާޖައާ ކުރަން އާޒިމް އެދިވަޑައިގެންފި

18 ޑިސެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) މުރާޖައާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް ސަރުކާރަށް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) މުރާޖައާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް ސަރުކާރަށް މިއަދު ގޮވާލައްވައިފި އެވެ.

އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލިހުން "ރަބަ ސްޓޭމްޕް" ޖެހީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ރޭގަނޑު ގަޑިއެއްގައި މަޖިލިސް ހުޅުވައިގެން ކަމަށެވެ. އެއްބަސްވުމަށް އަމަލު ކުރަން ފެންނަ ކަމަށް ފާސް ކުރީ މަޖިލިހުގައި އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލާ ވެސް ހިލާފަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ޗައިނާއާ އެކު ހެދި އެފްޓީއޭގެ ތަފްސީލްތައް އެއްވެސް މެމްބަރަކަށް ވެސް އެނގިވަޑައެއް ނުގަންނަވަ އެވެ. އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ދިވެހި ސަރުކާރުން ސޮއިކުރީ ޑިސެމްބަރު 18، 2014 ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސް ކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ.

ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ސޮއި ކުރުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވެ އެވެ.

އާޒިމް ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވައި އޭނާ "މިހާރު" އަށް ވިދާޅުވީ ބޮޑު އެއްބަސްވުން ގާއިމުކުރަން މަޖިލިހުގެ ކޮމިޓީން ރުހުން ދީފައި ވަނީ އެންމެ 10 މިނިޓުގެ ތެރޭގައި ކަމަށެވެ. އެއީ މަޖިލިހުން ނިންމި ސައްހަ ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ކޮމިޓީ އެންމެ 10 މިނިޓަށް ބާއްވާފައި އެއްބަސްވުމަށް ރުހުން ދޭން ފެންނަ ކަމަށް ނިންމީ. އޭރު ފާހަގަ ކުރެއްވި ގޮތަށް މިއީ ސައްހަ ނިންމުމެއް ނޫން،" މަޖިލިހުގެ މެޖޯރިޓީ ލީޑަރު އާޒިމް ވިދާޅުވި އެވެ.

"އަނެއްކޮޅުން ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ އެއްބަސްވުމެއް އެއީ. އެހެންވީމާ ވަކި އަދަދަކަށް މެމްބަރުން ޖަލްސާގައި ތިބެގެން ވޯޓަށް އަހަން ޖެހޭ ވަރު ކަމެއް އެއީ. އެކަމަކު އެ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހީ ވެސް ގާނޫނުއަސާސީގައި ބުނާ އަދަދަށް މެމްބަރުން ނެތި."

އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުން ރުހުން ދިނީ "ބާތިލް" އެއްބަސްވުމަކަށެވެ. އެ ސަބަބާ ހެދި، އާޒިމް ގަބޫލު ކުރައްވާ ގޮތުގައި އެއްބަސްވުން އިތުރަށް ދިރާސާ ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހެ އެވެ.

ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ރިވިއު ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.