Roadha Mihaaru
ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް

ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް

19 ޑިސެމްބަރ 2019

ލަންޑަން (ޑިސެމްބަރު 19) - އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) ގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 19) - އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) ގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ޔުނައިޓެޑް ސެމީން ފުރުސަތު ހޯދީ ރޭ އަމިއްލަ ދަނޑުގައި އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ކޮލްޗެސްޓާ ޔުނައިޓެޑް އަތުން 3-0 އިން މޮޅުވެގެންނެވެ. ޔުނައިޓެޑުން މި މެޗުގައި ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މާކަސް ރެޝްފޯޑާއި އެންތަނީ މާޝިއަލް އެވެ. އަނެއް ގޯލަކޯ ކޮލްޗެސްޓާގެ ރިޔާން ޖެކްސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސިޓީން ވަނީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ އޮކްސްފޯޑް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެފަ އެވެ. މި މެޗުގައި ސިޓީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ރަހީމް ސްޓާލިން އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ޔާއޯ ކަންސޭލޯ އެވެ. އޮކްސްފޯޑްގެ ހަމައެކަނި ލަނޑު ޖެެހީ މެޓް ޓޭލާ އެވެ.

ލީގު ކަޕްގެ ސެމީ ފައިނަލް ކުޅޭނީ ދެ ލެގަށެވެ. އެއް ސެމީގައި ޔުނައިޓެޑާއި ސިޓީ ވާދަކުރާއިރު، އަނެއް ސެމީގައި ކުޅޭނީ ލެސްޓާ ސިޓީ އާއި އެސްޓަން ވިލާ އެވެ. ފުރަތަމަ ލެގު ކުޅޭނީ ޖެނުއަރީ ހަ ވަނަ ދުވަހު އެވެ. އަދި ދެ ވަނަ ލެގު ކުޅޭނީ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

ޔުނައިޓެޑުން ވަނީ ދާދި ފަހުން ސިޓީ ދަނޑުގައި އެ ޓީމު އަތުން މޮޅުވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ސިޓީއާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ޝަރަފެއްގެ ގޮތުގައި ދެކޭނެ ކަމަށާއި އެ ޓީމަކީ ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ.

ކޯޗު ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން ކުރިއެރުން ހޯދަމުން އަންނަ ލެސްޓާ އިން ސެމީގެ ޖާގަ ކަށަަވަރުކުރީ ރޭ ރަށުން ބޭރުގައި އެވަޓަންގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ލެސްޓާ މޮޅުވީ 4-2 އިންނެވެ. ލެސްޓާ އިން ވަނީ 2000 ވަނަ އަހަރު މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ސެމީން އެސްޓަން ވިލާ އަށް ފުރުސަތު ލިބުނީ އަންގާރަ ދުވަހުގެ ރޭ ލިވަޕޫލް އަތުން 5-0 އިން މޮޅުވުމުންނެވެ. ލިވަޕޫލުން އެ މެޗުގައި ކުޅުވީ 23 އަހަރުން ދަށުގެ ޓީމެކެވެ. އެއީ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރަން ލިވަޕޫލްގެ ސީނިއާ ޓީމު ގަތަރުގައި ގޮސްފައިވާތީވެ އެވެ.