Roadha Mihaaru
ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް

ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް

24 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 24) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ އެވެ.

ލަންޑަން (ޑިސެމްބަރު 24) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެ އެވެ.

ޔުނައިޓެޑް ސެމީން ފުރުސަތު ހޯދީ ރޭ އެވަޓަން އަތުން 2-0 އިން މޮޅުވެގެންނެވެ. ސިޓީ ޖާގަ ހޯދީ އަންގާރަ ދުވަހުގެރޭ އާސެނަލް 4-1 އިން މޮޅުވެގެންނެވެ.

އެންމެ ފަހުން ތިން ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ސިޓީން މިދިޔަ ސީޒަނުގެ ސެމީގައި ވެސް ވަނީ ޔުނައިޓެޑާ ވާދަކޮށްފަ އެވެ. އެ ފަހަރު ދެ ލެގުގެ އެގްރިގޭޓަށް ބަލައިގެން ސިޓީން ކުރި ހޯދި ނަމަވެސް މި ފަހަރުގެ ސެމީގައި ކުޅޭނީ އެންމެ މެޗެކެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ޝެޑިއުލަށް ގެންނަން ނިންމި ބަދަލުތަކުގެ ތެރެއިން މެޗު މަދުކުރުމުގެ ވިސްނުމުގައި ކުރިކަމެކެވެ.

ސެމީގައި ޔުނައިޓެޑާއި ސިޓީ ކުޅޭ މެޗު އޮންނާނީ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގަ އެވެ. އެ ގޮތަށް ނިންމީ ގުރުއަތުލުމުން ފުރަތަމަ ދިމާވީ ޔުނައިޓެޑް ކަމަށްވުމުންނެވެ. އަނެއް ސެމީގައި ކުޅޭނީ ނިއުކާސަލް ޔުނައިޓެޑް ކަޓުވާލުމަށް ފަހު ފުރަތަމަ ފަހަރަށް ސެމީގައި ކުޅޭ ބްރެންޓްފޯޑް އާއި ރޭ ސްޓޯކް ސިޓީ އަތުން 3-1 އިން މޮޅުވެ ސެމީގެ ޖާގަ ހޯދި ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް އެވެ. އެ މެޗު ކުޅޭނީ ޓޮޓެންހަމް ދަނޑުގަ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ 15 ވަަރަކަށް މިނިޓް ތެރޭ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. މޭސަން ގްރީންވުޑް ބޮލުން ޖެހި ބޯޅައެއް ދަނޑިކައިރިން ބޭރުން ދިޔައިރު އެޑިންސަން ކަވާނީ އާއި ޕައުލް ޕޮގްބާ ފޮނުވާލި ހަމަލާތައް ހުއްޓުވީ އެވަޓަންގެ ކީޕަރު ރޮބިން އޮލްސަން އެވެ.

ލީގު ކަޕްގެ ސެމީ ފައިނަލްގެ ކުރިން މި މުބާރާތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުމެއް ނުހިފަ އެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ކަވާނީ އެވަޓަންގެ ޔެރީ މިނާ ކަރުގައި ހިފި މަންޒަރު ވީޑިއޯ އިން ފެނުނު ނަމަވެސް ރެފްރީ އަށް ނުފެންނާތީ އޭނާ އެއްވެސް ކާޑެއް ނުދައްކަ އެވެ. އެކަމާ މިނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ފަހު ވަގުތު ޔުނައިޓެޑުން ނަތީޖާ ނެރެން ބަދަލު ކުޅުންތެރިންގެ ގޮތުގައި އެންތަނީ މާޝިއަލް އާއި މާކަސް ރެޝްފޯޑް ކުޅެން އެރުވި އެވެ. މެޗުގެ 88 ވަނަ މިނިޓްގައި މާޝިއަލް ދިން ބޯޅައަކުން ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖެހީ ކަވާނީ އެވެ. އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ރެޝްފޯޑް ދިން ބޯޅައަކުން ޔުނައިޓެޑުގެ ފަހު ގޯލު ޖެހީ މާޝިއަލް އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިދިޔަ ސީޒަނުގައި ތިން މުބާރާތެއްގެ ސެމީގައި ކުޅެ އެއްވެސް ފައިނަލެއް ކުޅުމުގެ ނަސީބު ނުލިބުނު ކަމަށާއި މި ފަހަރު ބޭނުންވަނީ އެކަން ބަދަލުކޮށް ޔުނައިޓެޑަށް މި މުބާރާތުގެ ތަށި ހޯދައިދިނުމަށް ކަމަށެވެ.

ލީގު ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ މަހުގެ ހަތަރެއްގަ އެވެ. އަދި ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.