Roadha Mihaaru
ޔުނައިޓެޑް ކަޓައި ސިޓީ ލީގު ކަޕް ފައިނަލަށް

ޔުނައިޓެޑް ކަޓައި ސިޓީ ލީގު ކަޕް ފައިނަލަށް

30 ޖެނުއަރީ 2020

މެންޗެސްޓާ (ޖެނުއަރީ 30) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-0 އިން ޔުނައިޓެޑް މޮޅުވި ނަމަވެސް އެގްރިގޭޓުން ކުރި ހޯދައިގެން ސިޓީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޖެނުއަރީ 30) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-0 އިން ޔުނައިޓެޑް މޮޅުވި ނަމަވެސް އެގްރިގޭޓުން ކުރި ހޯދައިގެން ސިޓީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މަހު ކުރީކޮޅުގައި ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 3-1 އިންނެވެ. ރޭގެ މެޗުގެ ނަތީޖާ އަށް ފަހު ސިޓީ ކުރިހޯދީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. މާޗް އެއް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ސިޓީ ބައްދަލުކުރާނީ އެސްޓަން ވިލާއާ އެވެ. އެސްޓަން ވިލާ ފައިނަލަށް ދަތުރުކުރީ ސެމީގައި ލެސްޓާ ސިޓީ ބަލިކުރުމަށް ފަހު އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭގެ މެޗުގައި އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އެ ގޮތުން މެޗުގެ ކުރީކޮޅުގައި ސާޖިއޯ އަގުއޭރޯ ބޮލުން ފޮނުވާލި ބޯޅައެއް ވެސް ޑެހެއާ ވަނީ ހުއްޓުވައިފަ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 35 ވަނަ މިނިޓްގައި ޖެހީ ނަމަންޏާ މަޓިޗް އެވެ. ފްރެޑް ނެގި ހިލޭ ޖެހުމެއްގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން މަޓިޗް ވަނީ ސިޓީގެ ގޯލުގައި ހުރި ކްލައުޑިއޯ ބްރާވޯ އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރަހީމް ސްޓާލިން ސިޓީ އަށް ފުރަތަމަ ހާފުގައި ލަނޑެއް ޖަހައިދިން ނަމަވެސް އެ ގޯލު ބަލައިނުގަންނަން ނިންމީ އޮފްސައިޑްވުމުންނެވެ. ދެ ވަނަ ހާފްގައި ސްޓާލިންގެ އިތުރުން އިލްކާއި ގުންޑޮގާން އަތުން ރަނގަޅު ފުރުސަތުތަކެއް ގެއްލުނެވެ.

ޔުނައިޓެޑުން މި މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ދެ ވަނަ ހާފްގައި ހޯދި ދެ ރީނދޫ ކާޑާ އެކު ޔުނައިޓެޑްގެ މަޓިޗަށް ރަތް ކާޑު ދެއްކުމުންނެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ދެ ލެގަށް ބަލާއިރު ޔުނައިޓެޑަށް ވުރެން ރަނގަޅަށް ސިޓީން ކުޅުނު ކަމަށާއި އެހެންވުމުން ފައިނަލުގެ ޖާގައެއް ބޮޑަށް ހައްގުވަނީ އޭނާގެ ޓީމަށް ކަމަށެވެ. ރޭގެ މެޗުގައި ސިޓީ އަށް ލަނޑު ނުޖެހުނީ މާ ފަސޭހަކޮށް ޖަހަން އުޅުމުން ކަމަށާއި މި ކަހަލަ މެޗެއްގައި ލިބޭ ފަޅި ފުރުސަތެއްގެ ވެސް ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.

މި މެޗު ކުރިއަށްދިޔަ ވަގުތު ސިޓީގެ ސަޕޯޓަރުން ތިބި ފަޅީގައި ވަނީ 1958 ވަަނަ އަހަރުގެ މިއުނިކްގައި މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާއާ ގުޅުވައިގެން ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކެއް ހިންގައިފަ އެވެ. މިއުނިކް ހާދިސާގައި ޔުނައިޓެޑްގެ އަަށް ކުޅުންތެރިންނާއި އާންމުންގެ 23 މީހުން މަރުވި އެވެ. ރޭގެ މެޗަށް ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ސިޓީގެ ސަޕޯޓަރުންގެ ދެމެދުގައި މެޗަށް ފަހު ހަމަނުޖެހުންތަކެއް ހިނގި ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ފުޓްބޯޅައިގެ ރޫހާ ހިލާފު އެ ފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ.