Roadha Mihaaru
އިނގިރޭސި ހޮސްޕިޓަލެއްގައި ޑިސްޕޯސަބަލް ބުރުގާ

އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ޑިސްޕޯސަބަލް ބުރުގާ

20 ޑިސެމްބަރ 2019

އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް މުސްލިމު މުވައްޒަފުން ޑިސްޕޯސަބަލް ބުރުގާ ބޭނުންކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް މުސްލިމު މުވައްޒަފުން ޑިސްޕޯސަބަލް ބުރުގާ ބޭނުންކުރަން ފަށައިފި އެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން ޑިސްޕޯސަބަލް ބުރުގާ ބޭނުން ކުރަމުން އަންނަނީ ޔުނިވަސިޓީ ހޮސްޕިޓަލް އޮފް ޑާބީ އެންޑް ބާޓަން އެންއެޗްއެސް ޓްރަސްޓްގަ އެވެ. މިކަމަކީ އެތަނުގައި ވަޒީފާ އަދާކުރާ މެލޭޝިއާ އަށް އުފަން ޖޫނިއާ ޑޮކްޓަރު ފަރާ ރޮޒްލާންގެ ހިޔާލަކަށް ވުޖޫދަށް ގެނެސް ބޭނުންކުރަން ފެށި އުފެއްދުމެކެވެ.

އޭނާ ބީބީސީ ރޭޑިއޯ ޑާބީ އަށް ކިޔައިދިން ގޮތުގައި ޑިސްޕޯސަބަލް ބުރުގާގެ ހިޔާލު އައީ ރޯޔަލް ޑާބީ ހޮސްޕިޓަލްގައި ޓްރޭނިންގެ ހަދަމުން ދިޔަ އިރު، ތިއޭޓަރު މަސައްކަތްކުރާ އިރު މުޅި ދުވަހު އެއް ބުރުގާއެއް އަޅައިގެން އުޅެން ޖެހުމަކީ އިންފެކްޝަން އުފެއްދި ސިއްހީ މައްސަލަތަކެއް ނުކުމެދާނެ ކަމެއް ކަމަށް ގަބޫލުކުރެވިގެންނެވެ.

"އަނެއްކޮޅުން އެއީ ހައިޖީންގެ ގޮތުން ބަލާއިރު ވެސް އެހާ ރައްކާތެރި ކަމަކަށް ނުވާނެތީ ޑިސްޕޯސަބަލް ބުރުގާ ވުޖޫދަށް ގެންނަން ނިންމީ،" ފަރާ ބުންޏެވެ. "އެކަމަކު އަހަރެން ކަހަލަ ބުރުގާ އަޅާ މީހުން މަސައްކަތުގެ ތެރޭގައި އުޅެމުން ބުރުގާ ބާލަން ޖެހުމަކީ ވަރަށް އުނދަގޫ ކަމަށްވާނެ. އެހެންވެ ޑިސްޕޯސަބަލް ބުރުގާ ހަދަން ނިންމީ. މިއީ އޮޕަރޭޝަން ތިއޭޓަރުތަކުގައި ބޭނުންކޮށްފައި އުކައިލެވޭ ތިމާވެއްޓާ ވެސް ރައްޓެހި އުފެއްދުމެއް."

އޭނާ ބުނީ އެ ބުރުގާ ތައްޔާރުކޮށްފައި ވަނީ މެލޭޝިއާގައި އެކަމަށް އެންމެ އެކަށީގެންވާ މެޓީރިއަލް ހޯދައި، ވަރަށް ކަވި މަސައަކްތަތަކަށް ފަހު ކަމަށެވެ. އަދި މި މަސައްކަތަށް ފަރާ އަށް އެންމެ ބޮޑު އެހީއެއް ލިބުނީ އެކީގައި މަސައްކަތްކުރާ ކޮންސަލްޓަންޓް ސާޖަން ގިލް ޓިއާނީގެ ފަރާތުންނެވެ.

ފަރާގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައި އޭނާ ދިރިއުޅޭ އިނގިރޭސިވިލާތުގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެސް ޑިސްޕޯސަބަލް ބުރުގާ ބޭނުން ކުރުމެވެ.

ބައެއް މީޑިއާތަކުން ބުނިގޮތުގައި އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން މިހާރު އަންނަނީ އެ ބުރުގާ ގައުމީ ފެންވަރުގައި ލޯންޗްކުރަން ވިސްނަމުންނެވެ.