Roadha Mihaaru
ރިމޯޓުން ކޮންޓްރޯލްކުރެވޭ ވެންޓިލޭޓަރެއް

ރިމޯޓުން ކޮންޓްރޯލްކުރެވޭ ވެންޓިލޭޓަރެއް

13 ޖޫން 2020

ކޮވިޑް-19 ގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ މުހިއްމު އެއް ވަސީލަތަކީ ވެންޓިލޭޓަރެވެ. އެގޮތުން އެންމެ މި ޒަމާނުގެ އެޑްވާންސް ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ފަށައި، ބައެއް ތަންތަނުން ވަނީ އެ މަސައްކަތް ކާމިޔާބު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ނާސާ އާއި ފިޓްބިޓް ފާހަގަކޮށްލެވެ އެވެ. އެތަންތަނުން އުފެއްދީ އާންމުކޮށް ބޭނުންކުރާ އާދައިގެ ވެންޓިލޭޓަރުތަކެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޭގެ ބަދަލުގައި، އިމަޖެންސީ ހާލަތެއްގައި ބަލި މީހާ އަށް އެންމެ ރަނގަޅަށް އަދި އަވަހަށް ފަރުވާދެވޭނެ ގޮތްތައް ބަލައިގެން އެ މީހުންގެ ވެންޓިލޭޓަރުތައް ފަރުމާކޮށްފައިވާ އިރު، ޕޯލަންޑްގެ ސައިންސްވެރިންގެ ޓީމަކުން މި ވަނީ ހާއްސަ ފީޗާތަކަކާ އެކު، ވެންޓިލޭޓަރެއް އުފައްދައި އެ ޓެސްޓް ވެސް ކުރަން ފަށައިފަ އެވެ. އެކަމަކު އަދި ޓެސްޓްކުރި އަށް ދަނީ އިންސާނުން ބޭނުންކޮށްގެނެއް ނޫނެވެ.

"ރެސްޕިސޭވް" ގެ ނަން ދީފައިވާ މި ވެންޓިލޭޓަރުގެ އެންމެ ހާއްސަ އެއް ސިފަ އަކީ ރިމޯޓަކުން ކޮންޓްރޯލްކުރުމެވެ. މިއީ ހަގީގަތުގައި ކޮވިޑް-19 ކަހަލަ، ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔަކަށް ފަރުވާދޭ އިރު، ޑޮކްޓަރުންނާއި ނަރުހުންނަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިއްބައިދޭނެ އެއްޗަކަށް ވާނެ އެވެ. އެއީ ބަލި މީހާ ސީދާ އަމިއްލަ ގާތް ނުވެ، މިހާރު މި ކިޔާ ގޮތުން ނަމަ "ސޯޝަލް ޑިސްޓެންސިން" ގެ ތެރެއިން ބަލި މީހުންނަށް ފަރުވާދޭން "ރެސްޕިސޭވް" މަގުފަހިކޮށް ދިނުމެވެ.

މި ވެންޓިލޭޓަރު ފަރުމާކޮށްފައި ވަނީ ހޮސްޕިޓަލްގެ ކޮންމެ ތަނެއްގައި ވެސް ހުރެގެން، ބަލި މީހާގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ވެންޓިލޭޓަރާ ކުޅެވޭ ގޮތަށެވެ. އަދި މޮބައިލް އެޕެއް މެދުވެރިކޮށް، ބަލިމީހާގެ ހާލަތު ޑޮކްޓަރަށް ނޮޓިފައިކޮށްދެމުން ގެންދާނެ އެވެ.

"ރެސްޕިސޭވް" އުފެއްދި ޓީމްގައި ހިމެނޭ މެޑިކަލް އެޑްވައިޒަރު ލުކާޒް އެސްޒާޕަކް ވިދާޅުވި ގޮތުގައި ބަލިމީހުންނާ ސީދާ ކޮންޓެކްޓްވެ ފަރުވާދޭން ތިބޭ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ ވަރަށް ބޮޑި ބިރެއް ކަމަށެވެ.

"އެހެންވެ އެކަމާ ދެކޮޅަށް މަސައްކަތްކޮށްދޭނެ އުފެއްދުމެއް އަހަރެމެން އުފައްދަން ބޭނުންވީ،" އޭނާ ވިދާޅުވި އެވެ. "މި މަސައްކަތްވެގެން ދާނީ ވެންޓިލޭޓަރުގެ މަސައްކަތަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް."

ޕްރޮޖެކްޓްގެ ޑިރެކްޓަރު ލެޒެކް ކޮވާލިކް ވިދާޅުވި ގޮތުގައި ކައިރި މުސްތަގުބަލެއްގެ ތެރޭގައި "ރެސްޕިސޭވް" ބާޒާރަށް ނެރެވޭނެކަމުގެ އުންމީދު ބޮޑެވެ. އަދި މި ވެންޓިލޭޓަރަކީ އާންމުކޮށް ވިއްކަން ހުންނަ ވެންޓިލޭޓަރާ އަޅާބަލާ އިރު، އަގު ވެސް ބޮޑުވާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެކަމަކު "ރެސްޕިސޭވް" ވެންޓިލޭޓަރު ވިއްކާނެ އަގެއް އަދި ހާމައެއްނުކުރެ އެވެ.