Roadha Mihaaru
އާސެނަލްގެ ހާލަތާ މެދު ވެންގާ ހިތާމަކުރަނީ

އާސެނަލްގެ ހާލަތާ މެދު ވެންގާ ހިތާމަކުރަނީ

20 ޑިސެމްބަރ 2019

ދޯހާ (ޑިސެމްބަރު 20) - ކުރީގެ ކްލަބް އާސެނަލް މިހާރު އޮތް ހާލަތަށް ވެއްޓޭނެކަމަށް އޭނާ ހީނުކުރާ ކަމަށާއި އެ ޓީމު އެ ހިސާބަށް ދިއުމުގެ ޒިންމާ އޭނާގެ ބޮލުގައި ނޭޅުވޭނެ ކަމަށް ދާދި ފަހުން ފީފާގެ އިސް މަގާމަކާ ހަވާލުވި ފްރާންސްގެ މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދޯހާ (ޑިސެމްބަރު 20) - ކުރީގެ ކްލަބް އާސެނަލް މިހާރު އޮތް ހާލަތަށް ވެއްޓޭނެކަމަށް އޭނާ ހީނުކުރާ ކަމަށާއި އެ ޓީމު އެ ހިސާބަށް ދިއުމުގެ ޒިންމާ އޭނާގެ ބޮލުގައި ނޭޅުވޭނެ ކަމަށް ދާދި ފަހުން ފީފާގެ އިސް މަގާމަކާ ހަވާލުވި ފްރާންސްގެ މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ފްރާންސަށް އުފަން އުމުރުން 70 އަހަރުގެ ވެންގާ 22 އަހަރު އާސެނަލަށް ކޯޗުކޮށްދިނުމަށް ފަހު މިދިޔަ އަހަރު މެއި މަހު އެ ޓީމު ދޫކޮށްލިިއިރު، އެ ޓީމު އޮތީ ބޮޑެތި ޓީމުތަކުގެ ރޭހުގެ ފަހަތަށް ވެއްޓިފަ އެވެ. ވެންގާ އަށް ފަހު އާސެނަލް ކޯޗުކަމާ ހަވާލުވި އުނާއި އެމެރީ ފުރަތަމަ ސީޒަނުގައި އާސެނަލް ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅުނު ނަމަވެސް މި ސީޒަނުގައި އެ ޓީމުގެ ނަތީޖާތައް އާދަޔާހިލާފަށް ދަށްވުމުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މިހާރު އާސެނަލަށް ކޯޗުކޮށްދެމުން އަންނަނީ ކުރިން އެ ޓީމަށް ކުޅުނު ސްވިޑެންގެ މިޑްފީލްޑަރު ފްރެޑީ ލިޔުންބާގް އެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ހުރެ ލިޔުންބާގަށް ވެސް އާސެނަލުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވޭއިރު، މިހާރު އެ ޓީމު އޮތީ ކްލަބްގެ ތާރީހުގައި ވެސް ހީނުކުރާ ފަަދަ ދަނޑިވަޅަކާ ކުރިމަތިލާން ޖެހިފަ އެވެ.

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ މިދިޔަ މަހު ހަވާލުވި ވެންގާ ބުނީ ހުރިހާ ގޮތަކުން ބެލިޔަސް އޭނާ އާސެނަލް ދޫކޮށްލީ އެ ކްލަބް އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ފެންވަރުގައި ބޭއްވުމަށް ފަހު ކަމަށެވެ.

"އަހަރެން އެ ކްލަބް (އާސެނަލް) ދޫކޮށްލިއިރު އެ ޓީމު އޮތީ ފައިނޭންޝިއަލީ ވަރަށް ވަރުގަދަކޮށް. އަހަރެން ގެނައި ކުޅުންތެރިން ވެސް އެއީ ކްލަބްގެ ސިސްޓަމަށް ރަނގަޅު ކުޅުންތެރިން. އެކަމަކު ފަހުން އައިސް މި ފެނުނީ ކްލަބްގެ ސިސްޓަމާ ނުގުޅޭ ކުޅުންތެރިންތަކެއް ގެނެސްގެން އެހެން ކަމެއް ކުރަން އުޅުނު މަންޒަރު. ހަގީގަތަކީ އަހަރެން ހިޔެއްނުކުރަން މި ހާލަތަށް އެ ޓީމު ވެއްޓޭނެޔެކޭ. އޭގެ ޒިންމާ އަހަރެންގެ ބޮލުގައި ނޭޅުވޭނެ،" އާސެނަލާ 1996 ވަނަ އަހަރު ހަވާލުވި ވެންގާ ވަނީ އެ ކްލަބަށް ޕްރިމިއާ ލީގު ތިން ފަހަރު އަދި އެފްއޭ ކަޕް ހަތް ފަހަރު ހޯދައިދިން ވެންގާ ބުންޏެވެ.

އާސެނަލްގެ ކޯޗަކަށް މެންޗެސްޓާ ސިޓީގެ މިކޭލް އާޓެޓާ ހަމަޖެއްސުމާ ގާތްގަނޑަކަށް އެއްބަސްވުމަކަށް އަތުވެފައިވާއިރު، ވެންގާގެ ނަޒަރުގައި އާޓެޓާ އަށް އެ ކްލަބް ކުރިއަށް ގެންދެވޭނީ ވަގުތު ދީގެންނެވެ. އަދި އާޓެޓާގެ ޕޮލިސީގައި ކުރިއަށް ދިއުމުގެ ފުރިހަމަ މިނިވަންކަން އޭނާ އަށް ނުދީފިނަމަ އަނެއްކާ ވެސް ކްލަބް ވެއްޓޭނީ އިތުރު އަނދަވަޅަކަށްކަމަށް ވެންގާ ބުންޏެވެ.

"ކްލަބްގެ ވެރިންނާއި ޓީމުގެ ކޯޗު ހުންނަން ޖެހޭނީ އެއް މިސްރާބެއްގައި. އެއް ބަޔަކު މިތާގައި އަނެއް ބަޔަކު އެހެން ތަނެއްގައި ތިބެގެން ހާސިލްވާނެ އެއްޗެއް ނެތް،" ވެންގާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން އާޓެޓާ ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އާސެނަލާ އެކު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ބޮޑެވެ. ސިޓީއާ އެކު އާޓެޓާ ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ތިން މިލިއަން ޑޮލަރު ދޭން އާސެނަލުން ވަނީ އެއްބަސްވެފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ލިބުނު 22 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ 10 ވަނައިގަ އެވެ.