Roadha Mihaaru
ވެންގާ އަށް އާސެނަލުން މަގާމެއް ދެނީ

ވެންގާ އަށް އާސެނަލުން މަގާމެއް ދެނީ

08 ފެބުރުއަރީ 2020

ލަންޑަން (ފެބްރުއަރީ 8) - ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ ދާދި ފަހުން ހަވާލުވި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އަށް އެ ކްލަބްގެ އިސް މަގާމެއް ދޭން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 8) - ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ ދާދި ފަހުން ހަވާލުވި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އަށް އެ ކްލަބްގެ އިސް މަގާމެއް ދޭން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސަށް އުފަން އުމުރުން 70 އަހަރުގެ ވެންގާ 22 އަހަރު އާސެނަލަށް ކޯޗުކޮށްދިނުމަށް ފަހު 2018 ވަނަ އަހަރު މެއި މަހު އެ ޓީމު ދޫކޮށްލިިއިރު، އެ ޓީމު އޮތީ ބޮޑެތި ޓީމުތަކުގެ ރޭހުގެ ފަހަތަށް ވެއްޓިފަ އެވެ. ވެންގާ އަށް ފަހު އާސެނަލާ ހަވާލުވި ފުރަތަމަ ކޯޗު އުނާއި އެމެރީ އަށް ޓީމު ކުރިއަށް ގެންދިއުމުގައި ކާމިޔާބެއް ނުލިބި އެންމެ ފަހުން ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެމެރީ ވަކިކޮށް އާސެނަލުން ކޯޗަކަށް ހަމަޖެއްސީ އެ ޓީމުގެ ކުރީގެ ކެޕްޓަން މިކޭލް އާޓެޓާ އެވެ.

އާސެނަލްގެ ކޯޗުކަމަށް އާޓެޓާ ހަމަޖެއްސުމުގައި ވެންގާގެ ދައުރެއް އޮތް ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލްގެ ބޯޑުން މިހާރު ވަނީ ވެންގާ އަށް ކްލަބްގެ އެޑްވައިޒަރެއްގެ ރޯލު ދޭން މަޝްވަރާކޮށްފަ އެވެ. އަދި މިހާރު އަންނަނީ ވެންގާއާ އެކު އެ މަގާމާ ހަވާލުވާން ވާހަކަ ދައްކަމުންނެވެ. އެކަމަކު ވެންގާ މި މަގާމާ ހަވާލާން ޖެހޭނީ ފީފާގައި އޭނާ އަދާކުރަމުން އަންނަ މަގާމު ދޫކޮށްލުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެޑްވައިޒަރެއްގެ ރޯލު ވެންގާ އަށް އަދާކުރެވެން ނެތް ނަމަ ދެން އޭނާ އަށް ހުށަހަޅާނެ ކަމަށް ބެލެވެނީ ކްލަބް އެމްބެސަޑަރެއްގެ މަގާމެވެ. ވެންގާގެ އެންމެ ވާދަވެރި ކޯޗު އެލެކްސް ފާގަސަން ވެސް ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ އެމްބަސަޑަރެއްގެ މަގާމުގަ އެވެ.

ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވެންގާ ވަނީ އަލުން އާސެނަލަށް ކޯޗުކޮށްދޭން ނުދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ފުޓްބޯޅައިގެ އެހެން ކަންތައްތަކުގައި އޭނާގެ އެހީތެރިކަން އާސެނަލަށް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އާސެނަލްގެ ބޯޑުން ވެންގާ އަށް މަގާމެއް ދޭން ބޭނުންވީ ކްލަބް ކުރިން އޮތް ހިސާބަށް ގެންދިއުމުގައި ވެންގާ އަށް ވެސް ދައުރެއް އަދާކުރެވޭނެ ކަމުގެ އިތުބާރު އޮތުމުންނެވެ.

ވެންގާ، އާސެނަލް ކޯޗުކަމާ ހަވާލުވީ 1996 ވަނަ އަހަރު އެވެ. އޭނާ ވަނީ އެ ޓީމަށް ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ.