Roadha Mihaaru
އާޒިމްގެ ނުރުހުން ބައްސާމަށް

އާޒިމްގެ ނުރުހުން ބައްސާމަށް

20 ޑިސެމްބަރ 2019

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާ މެދު އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަލީ އާޒިމް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާ މެދު އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަލީ އާޒިމް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

އޭއެފްސީގެ ރައީސްގެ ހާއްސަ ޕްރޮޖެކްޓެއްގެ ދަށުން ވިލިމާލޭގައި އަޅާ ފުޓްބޯޅަ ޓްރެއިނިން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހު ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުމުގެ މުހިއްމު އިތުރު ފިޔަވަޅެއް އެޅުނީ ކަމަށް ވިދާޅުވެ ބައްސާމް ކުރެއްވި ޓްވީޓަށް ރައްދުދެއްވައި އާޒިމް އެދިވަޑައިގަތީ ފުޓްބޯޅަ ކުރިއެރުމުގެ ވާހަކަ ބައްސާމް ނުދެއްކެވުމަށެވެ.

"ދިވެހި ފުޓުބޯޅަ ވަޅުލާ ފަސްއެޅުމުގެ ޕްރޮގްރާމްތަކެއް ސަވީދު (އޮލިމްޕިކް ކޮމިޓީ ރައީސް) އާއި ދެމީހުންވެގެން ހިންގަމުން ތިޔަޔަދަނީ. ދިވެހި ފުޓްބޯޅައިގެ ކަރުގައި ހިފައި އެ މަރާލެވޭތޯ ކުރާ މަސައްކަތުން ދެއަތް ދޫކޮށްލާ. ފުޓުބޯޅަ ދެކެ ލޯބިވާ މީހުން އެތިބަ ރޮނީ،" އާޒިމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަޑައިގެންނެވީތީ އޭނާ އަށް ބައްސާމް ޝުކުރު ވެސް އަދާކުރައްވާފައި އޮތް އެ ޓްވީޓަށް، ރައްދު ދެއްވި ވެރިކަންކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ވަނީ މީގެ ކުރިން ވެސް ބައްސާމަށް ފާޑުވިދާޅުވެފަ އެވެ.

އެއީ އާޒިމް ކުޅުއްވައި އަދި ފަހުން ޗެއާމަންކަންކުރައްވައި އެ ކްލަބަށް އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދައިދިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރި މައްސަލައިގަ އެވެ. މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހު އެ ކްލަބް ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެ ނިންމުން ނިންމީ އެ ކްލަބުން ބައްސާމާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވި ވަގުތު އެވެ.

ނިއު ސަސްޕެންޑްކުރުމުން އިތުބާރު ނެތްކަމުގެ ވޯޓާ ދެން ހަވާލުވި ވިކްޓްރީ ސްޕޯޓްސް ކްލަބް ވެސް ވަނީ ދާދި ފަހުން ސަސްޕެންޑްކޮށްފަ އެވެ. އެ ކްލަބަށް އަދަބު ދިނީ ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައިނުވާތީ ކަމަށް ބުނެ އެވެ.

އެ ދެ ކްލަބް ސަސްޕެންޝަނުގައި އޮތްއިރު މި ވަގުތު ފުރަތަމަ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބުން ކުޅުންތެރިންނަށް މުސާރަ ދެވެން ނެތިގެން ޕްރެކްޓިސް ވެސް މެދުކަނޑާލާފައި އޮތެވެ. އެ ނޫން ވެސް ބައެއް ޓީމުތުން ގަވާއިދުން މުސާރަ ނުދެ އެވެ. އަދި މެދުކެނޑުމަކަށް ފަހު ލީގު އަލުން ފެށިއިރު ގަވާއިދުން ޕްރެކްޓިސް ކުރީ އެންމެ ދެ ކްލަބަކުންނެވެ.

ޖުމްލަކޮށް ގިނަ ޓީމުތަކަށް މާލީ މައްސަލަތައް ދިމާވެ ޕްރެކްޓިސް ނުކުރެވޭ ހާލަތުގައި އޮއްވާ ހަމައެކަނި ނިއު އާއި ވިކްޓްރީ އަށް އަދަބު ދިނީ ޒާތީ ކަމެއްގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީގެ މެމްބަރުންނާ ހަވާލާދީ ނިއު އިން ކުރިން ބުނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެ ކޮމިޓީ އަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ނިއު ވުރެން މުސާރައިގެ މައްސަލަ ގިނަ ދުވަސްވީ ކްލަބްތައް ހުރިކަމަށެވެ. އެހެންވެ އެ ކްލަބުން ވެސް ގަބޫލުކުރީ މިއީ ޒާތީ ފިޔަވަޅެއް ކަމަށެވެ.

އާޒިމް މިދިޔަ މާޗު މަހު ވިދާޅުވީ ނިއު ރޭޑިއަންޓަށް މި ސީޒަނުގެ އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑްކުރަން އެފްއޭއެމްގެ ކޮންގްރެސް އިން ނިންމި ނިންމުމަކީ ނިއު ނައްތާލުމުގެ ވިސްނުމުގައި ޒާތީ ގޮތުން ބަޔަކު ކުރި މަސައްކަތެއް ކަމަށާއި އެކަން ކާމިޔާބުނުވާނެ ކަމަށެވެ.