Roadha Mihaaru

ފުށިދިއްގަރު ފަޅުގެ މައްސަލަ ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހަޅައިފި!

ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައްސަލަ، ދައުލަތާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.

ފުށިދިއްގަރު ފަޅުގެ މައްސަލަ ވެސް އާބިޓްރޭޝަނަށް!
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 ޑިސެމްބަރ 2019

ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައްސަލަ، ދައުލަތާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްއާ އެކު ސަރުކާރުން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ، 2013 ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން އެއްބަސްވުމާ ޚިލާފްވި ކަމަށް ބުނެ ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅިކަން ޕްރައިމް ކެޕިޓަލްސް އިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. މައްސަލަ ހުށައެޅީ އެ ފަޅުގައި 27 ރަށެއް ހިއްކައި، ތަރައްގީކުރަން ސަރުކާރާ އެކު ސޮއިކުރި ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ފަޅު ހަވާލުކޮށްފައި ނުވާތީ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މައްސަލާގައި ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަން ޚަރަދު ދައުލަތުގެ ކިބައިން ނަގައިދޭން އެދިފައިވެ އެވެ. އެކަމަކު މައްސަލައިގެ މައުލޫމާތު ސިއްރުކުރުމަކީ އާބިޓްރޭޝަންގެ އުސޫލުތައް އޮންނަ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށް، އޭޖީ އޮފީހުން ބުނެ އެވެ. ސިއްރު މައުލުމާތު ހާމަކޮށްފި ނަމަ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު އާބިޓްރޭޝަނަށް ލިބޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ފުށިދިއްގަރު ފަޅު، ކިހިނެއް ވާ ކަމެއް؟

މާލޭގެ ދެ ކުނުން އަދި ކ. ގުޅީގެ އުތުރުން އޮންނަ 1،475 ހެކްޓަރުގެ ބޮޑު ފަޅުގައި، ސްޕެޝަލް އެކޮނޮމިކް ޒޯނެއްގެ ބާރު ލިބިގެން ޓޫރިޒަމް ތަރައްގީކުރަން ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލާ އެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދަން ވަހީދުގެ ސަރުކާރުގައި އެއްބަސްވުމެއް ހެދި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މާޗު 2016 ގައި، އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް އެންގީ، އެކިއުޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ލިބުމުގެ ކުރިން އެއްބަސްވުން ޖޮއިންޓް ވެންޗާ ކުންފުނި ނުއުފައްދާށެވެ.

އޭގެ ފަހުން މުއާމަލާތްތައް އޮތީ ހުއްޓިފަ އެވެ. އެކަމަކު އެއްބަސްވުން އުވާލިކަން އެއްވެސް ސަރުކާރަކުން ނުބުނެ އެވެ. އޮކްޓޯބަރު 30، 2016 ގައި ސަރުކާރުން އިއުލާންކުރީ ފުށިދިއްގަރުފަޅު، 72 މިލިއަން ޑޮލަރަށް ވިއްކާލާށެވެ.

އެ ފަޅު އެ އަގުގައި ވިއްކިފައެއް ނުވެ އެވެ. އަދި މިދިއަ ރިޔާސީ އިންތިހާބުގެ ކުރިން ސަރުކާރުން އިއުލާާންކުރީ ފުށިދިއްގަރުފަޅު ހިއްކައިގެން މާލޭ ސަރަހައްދުގައި އިތުރު ބޯހިޔާވަހިކަމަށް ހުޅުވާލާށެވެ.