Roadha Mihaaru
"ސަލާމަތާ ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ"

ގައުމީ ސަލާމަތާ ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ: އާދަމް ޝަރީފް

25 ޑިސެމްބަރ 2019

ގައުމީ ސަލާމަތާ ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގައުމީ ސަލާމަތާ ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ، މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިންގެ އެލާޓް ލެވެލް މަތިކުރި ކަން އާއްމުކޮށް އިއުލާންކުރިތާ އިރުކޮޅެއް ފަހުން، އެކަން ކުރީ އެއްވެސް ނުރައްކަލެއް އޮވެގެން ނޫން ކަަމަށް އެމްއެންޑީއެފުން ބުނެފައި ވަނިކޮށެވެ.

އެކަމަކު ޔެލޯ އެލާޓް ނެރެނީ، ގައުމުގެ ސުލްހަ އާއި އަމާންކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ. ގައުމީ ސަލާމަތާއި ފަރުދުންގެ ރައްކާތެރިކަމަކީ ސީރިއަސް ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިރިނުވެ، ގޮބޮޅި ކާށިވާ ގޮތަށް ގައުމީ ސަލާމަތާ ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ތަފްސީލަށް ވަޑައިނުގަތަސް އޭނާގެ ކަންބޮޑުވުމަކީ، ކުރިން އަމަލުކުރަމުން އައި ގޮތާ ޚިލާފަށް، އާއްމުކޮށް އެލާޓް ލެވެލް އިއުލާންކުރުމަށް ފަހު، އެ ވާހަކަ އެހެން ގޮތަކަށް ފަހުން ބަދަލުކުރުން ކަމަށް ބެލެވެ އެވެ.

މި ޓުވީޓުގެ ފަހުން "މިހާރު"އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކުގެ އޮޕަރޭޝަންތަކުގެ އަބަދުވެސް އަމާޒަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އެލާޓް ލެވެލް މަތިކުރާނީ ވެސް ސަބަބުތަކެއް އޮވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށާއި ސިފައިންނަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ސިފައިން ކުއްލިއަކަށް އެލާޓް ލެވެލް މަތިކޮށް އިއުލާންކުރުމުން އާއްމުންނާއި ޓޫރިސްޓުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. އެކަމަކު ފަހުން އެމްއެންޑީއެފުން ބުނެފައި ވަނީ އެއީ ނުރައްކަލެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ. ސިފައިން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ދިން މި ދިފާއުއަށް ބައެއް މީހުންގެ ފާޑުކިއުން އަމާޒުވި އެވެ.