Roadha Mihaaru
ސިފައިންގެ ވެލްފެއާ ކުންފުނި އެސްއީކޭގެ ނަމަށް

އެސްއީކޭގެ ނަމުގައި ސިފައިންގެ ވެލްފެއާ ކުންފުނި އަލުން އުފައްދައިފި

15 އޮކްޓޯބަރ 2018

ސިފައިންގެ ވެލްފެެއާގެ ކަންތައްތައް ބެލެހެއްޓުމަށް "ސިފައިންގެ އެކުވެރި ކުންފުނި" (އެސްއީކޭ) ގެ ނަމުގައި ރައީސްގެ ގަރާރަކުން އައު ކުންފުންޏެއް އުފައްދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިންގެ ވެލްފެެއާގެ ކަންތައްތައް ބެލެހެއްޓުމަށް "ސިފައިންގެ އެކުވެރި ކުންފުނި" (އެސްއީކޭ) ގެ ނަމުގައި ރައީސްގެ ގަރާރަކުން އައު ކުންފުންޏެއް އުފައްދައިފި އެވެ.

މީގެ ކުރިން ވެސް އެސްއީކޭ ނަމުގައި ކުންފުންޏެއް އުފެއްދި އެވެ. ނަމަވެސް އޭރު އެ ކުންފުނި ރަޖިސްޓްރީކުރީ ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހިމްގެ ނަމުގަ އެވެ.

އަލަށް އުފެއްދި ކުންފުންޏާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ، ސިވެކް އަދި ސިފްކޯ ވެސް އުވާނުލައި އެ ދެ ތަނުގައި ހުރި މުދާތައް އެއްކޮށްލުމަށްފަހު ބަދަލުކުރާނީ އެސްއީކޭ އަށް ކަމަށެވެ. ބޭނުމަކީ މިހާރަށްވުރެ ސިފައިންގެ ވެލްފެއާގެ ކަންތައްތައް ހަރުދަނާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އާ ކުންފުނީގެ ރައުސްމާލަކީ އެއް ބިލިއަން ރުފިޔާ ކަމަށެވެ. އަދި އެއީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމާއި ވަކި ސިއްކައެއް އޮންނަ ގާނޫނީގޮތުން އަމިއްލަ ޝަހުސެއް އޮންނަ ކުންފުންޏެކެވެ.

"..ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން އަހުރުންނަށް ލިބިދީފައިވާ ބާރުގެ ދަށުން "ސިފައިންގެ އެކުވެރި ކުންފުނި ލިމިޓެޑް" މި ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދައިފީމެވެ،" އެ ގަރާރުގައި ވެ އެވެ.

ޑިފެންސް މިނިސްޓަރުު ވިދާޅުވީ ސިފްކޯ އަދި ސިވެކުން ކުރަން ބޭނުންވާ މަސައްކަތްތަކަށް އެއްވެސް ބޭންކަކުން ލޯނު ނުލިބޭ ކަމަށެވެ. ސިފައިންނަށް ހާއްސަކޮށްގެން ސިފްކޯއިން އަޅަން ފެށި ފްލެޓުތައް ނުނިމި ދިގުލައިގެން ދިޔައީ ވެސް އެފަދަ ސަބަބުތަކާ ހެދި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.