Roadha Mihaaru
އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް: ގާސިމް

އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް: ގާސިމް

29 ޑިސެމްބަރ 2019

ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުކުމެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުކުމެވަޑައިގެންފި އެވެ.

އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަކާ ހެދި ޖޭޕީގެ ހަރަކާތްތަކާ ދުރުގައި ހުންނެވި އަލީއާ އެއްކޮޅަށް ގާސިމް މި އެރުއްވީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުގެ މިންވަރު އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް ރަނގަޅު ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަ ވަރަށް ބޮޑަށް ހޫނުވެ، އަލީގެ އިސްތިއުފާ އަށް ބައެއް ރިސޯޓުތަކުގެ މުވައްޒަފުން ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.

ރިސޯޓުތަކުގެ ވެރިންނާއި މެނޭޖުމަންޓުގެ ދިފާއުގައި މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައިގައި އޭނާ "ހޫނުފެނަށް" ވެއްޓުމުން ފަހުން ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ. އަލީ ވިދާޅުވީ، ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި ދެއްކެވި ވާހަކައިގެ މަފްހޫމް ނުވަތަ ނެގުނު މާނައެެއްގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ ނަމަ އެ ވާހަކަތަކަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ ހަތަރު ވަރަކަށް ދުވަހު މިނިސްޓަރު އަލީ އުޅުއްވަނީ ނިއުސް ކޮންފަރެންސް ގައި އޭނާ އަށް ވިދާޅުވެވުނު ވާހަކަތަކުން ސަލާމަތް ނުވެ، ތަފާތު ޕްރެޝަރުތަކުގެ ތެރޭގަ އެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އޭނާއާ ދެކޮޅު ޓުވީޓުތަކާއި އިސްތިއުފާގެ އަޑުތައް ގަދަ އެވެ.

އަލީގެ މައްސަލަ ހޫނުވެފައި ވަނިކޮށް، އޭނާގެ ދިފާއުގައި ގާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުސާރަ އާއި ސާވިސް ޗާޖު ކަނޑައަޅުއްވަނީ މިނިސްޓަރެއް ނޫން ކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީ އަށް ވިޔަސް، މުވައްޒަފުންނާ ބެހޭ ކަމެއް ވިޔަސް، އެ ކަމެއް [އަލީ ވަހީދު] ކުރައްވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް އޮތް ގޮތަކަށް ކަން ޔަގީން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ކުރިމަތިވި ސިޔާސީ ފިއްތުންތަކާ ހެދި ގާސިމް ޖަރުމަނަށް އަމިއްލަ އަށް އަރުވާލެވިގެން އުޅުއްވި ދުވަސްވަރު އެކުގައި ހުންނެވި އަލީ އަށް ތައުރީފު އޮއްސަވަމުން ގާސިމް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު އަލީ ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށާއި އެ އަދަދު މަދުވެގެން ވާހަކަތައް ދައްކާތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ފެންނަން އެބަހުރި ކަމަށާއި އެ ރެކޯޑުތައް ބަލައިލުމުން ވެސް ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅުކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

އަލީ، ދިފާއު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ހޯމް މިނިސްޓަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ނުކުމެވަޑައިގެންފަ އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރެއްގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީ އަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އަލީ އަށް އިތުބާރުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ފުރިހަމަ މަންފާ ރާއްޖެ އަށް ލިބުމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާންޖެހޭ ކަމަކީ ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު މިހާރަށްވުރެ ހަރުދަނާވުން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އަލީ ކުރައްވާ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގަންނަވާކަމަށް އިމްރާން ވިދާޅުވި އެވެ.