Roadha Mihaaru
ކައިލީ، ދަރިފުޅަށް ޖަވާހިރު އަނގޮޓިއެއް ދިނުން މައްސަލައަކަށް

ކައިލީ، އެއް އަހަރުގެ ދަރިފުޅަށް ޖަވާހިރު އަނގޮޓިއެއް ދިނުމުން މައްސަލަ އަކަށް ވެއްޖެ

28 ޑިސެމްބަރ 2019

އެންމެ އަހަރެއްވީ އަންހެން ދަރިފުޅު ސްޓޯމީ ވެބްސްޓާ އަށް އެމެރިކާގެ މަޝްހޫރު ވިޔަފާވެރިޔާ ކައިލީ ޖެނާ އަގު ބޮޑު ޖަވާހިރު އަނގޮޓިއެއް ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ އަހަރެއްވީ އަންހެން ދަރިފުޅު ސްޓޯމީ ވެބްސްޓާ އަށް އެމެރިކާގެ މަޝްހޫރު ވިޔަފާވެރިޔާ ކައިލީ ޖެނާ އަގު ބޮޑު ޖަވާހިރު އަނގޮޓިއެއް ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މި އަހަރުފެ ކްރިސްމަސް ހަދިޔާއެއްގެ ގޮތުން، ދަރިފުޅުގެ އިނގިލީގައި އެޅުވި އަނގޮޓީގެ ވީޑިއޯއެއް އިންސްޓަގްރާމް ސްޓޯރީގައި ވެސް ކައިލީ ވަނީ ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ އާއި އޭގެ ކެޕްޝަން ކޮޕީކޮށް ބައެއް މީޑިއާ އާއި ބައެއް މީހުންގެ އިންސްޓަގްރާމްގައި ވެސް ހިމަނާފައިވެ އެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ކައިލީ އާއި އޭނާ ނިސްބަތްވާ ކައިލީ/ކާޑޭޝަން އާއިލާ އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ބައެއް މީހުން ބުނީ އެންމެ އަހަރެއްވީ ކުއްޖަކަށް ޖަވާހިރު އަނގޮޓިއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ އަގުބޮޑު އެއްޗެހި ކުދިންނަށް ދިނުމަކީ ކުދިން ހަލާކުކުރަން ކުރާ ކަމެއް ކަމަށެވެ. އަދި ކައިލީގެ އެ އަމަލަކީ ދަރިފުޅު މާއްދިއްޔަތަށް ލޯބި ޖެއްސުމަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

އަނެއް ބަޔަކު ބުނިގޮތުގައި ކާޑޭޝަން/ޖެނާ އާއިލާގެ މީހުން މުއްސަނދި ދިރިއުޅުމެއްގައި އުޅޭތީ އެ މީހުން އުޅެނީ ފައިސާ އަށް ކުރާނެ ކަމެއް ނޭނގިގެންނެވެ. އެހެންވެ، ބޭކާރު އަދި ތާކުންތާކު ނުޖެހޭ ކަންކަން ކުރުމުގެ ބަދަލުގައި މީހަކަށް އެ ފައިސާ އިން ކާ އެއްޗެހި ގަނެދިނުން ނުވަތަ މީހެއްގެ ހޮސްޕިޓަލް ބިލް ދައްކައިލަ ދިނުން ފަދަ ކަމެއް ކުރިޔަސް މާ ރަނގަޅު ވާނެ ކަމަށް ސޯޝަލް މީޑިއާގައި ފާޑުކީ ބައެއް މީހުން ބުނެފައި އެވެ.

ނަމަވެސް ބައެއް މީހުން ކައިލީގެ ދިފާއުގައި ވެސް ވާހަކަ ދެއްކި އެވެ. އެ މީހުން ފާހަގަކޮށްފައިވާ ގޮތުގައި ދަރިއަކަށް މަޔަކު ޖަވާހިރު އަނގޮޓިއެއް ގަނެދިނުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އަދި އެކަން ކުރީ ކައިލީ އަމިއްލަ އަށް ހޯދި ފައިސާ އިން ކަމަށާއި އެއީ އެހެން ބަޔަކާ ބެހޭ ކަމެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ކައިލީ 22، އަކީ އަމިއްލަ މޭކަޕް ލައިނެއް ލޯންޗްކޮށްގެން އެއިން ލިބުނު ފައިދާއާ އެކު މިހާރު ދުނިޔޭގެ އެންމެ ޒުވާން ބިލިއަނަރެވެ.