Roadha Mihaaru
ޑޮކިއުމެންޓްރީއާ ގުޅިގެން އަދީބާ އޭސީސީން ސުވާލު ކޮށްފި

އަލްޖަޒީރާ ޑޮކިއުމެންޓްރީގައިވާ ކަންކަމުގެ ތަހުގީގަށް އަދީބާ ސުވާލު ކޮށްފި

02 އޮކްޓޯބަރ 2016

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމު ކުރި ޑޮކިއުމެންޓްރީގައިވާ ކަންކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަންގެ ތަހުގީގު ތެރޭގައި ހިމަނައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަދީބާ މިދިޔަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމު ކުރި ޑޮކިއުމެންޓްރީގައިވާ ކަންކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަންގެ ތަހުގީގު ތެރޭގައި ހިމަނައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަދީބާ މިދިޔަ ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލުކޮށްފި އެވެ.

އެމްއެމްޕީއާރުސީން ރަށްތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ހިޔާނާތްތެރިވި ގޮތް، "ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި އާއްމު ކުރި ޑޮކިއުމެންޓްރީގައި ތަފްސީލު ކޮށްދީފައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ތަހުގީގުކުރާ އޭސީސީގެ ޓީމުން އަދީބާ ސުވާލުކުރީ މާފުށީ ޖަލުގަ އެވެ. އެ ޑޮކިއުމެންޓްރީގައި އަދީބަށް ކޮށްފައިވާ ކޮރަޕްޝަންގެ ހުރިހާ ތުހުމަތުތަކާ ގުޅޭ ގޮތުން އޭސީސީން ސުވާލު ކޮށްފައިވާ ކަން އެނގިފައިވެ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި ރިޕޯޓް އެކުލަވާލަމުން އަންނަނިކޮށް އެއާ ގުޅުން ހުރި ޑޮކިއުމެންޓްރީއެއް އާއްމު ކުރުމުން، އޭގައިވާ ކަންކަން ވެސް ތަހުގީގުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ. އެ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން އަދީބާ ސުވާލު ކުރަން ފަށާފައިވާ ކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ.

"އެ ޑޮކިއުމެންޓްރީގައިވާ ކަންކަމާ ގުޅިގެން ވެސް ސުވާލު ކުރަން ޖެހޭ ހުރިހާ ފަރާތްތަކާ އަޅުގަނޑުމެން ސުވާލުކުރާނަން،" މުއައްވިޒް ވިދާޅުވި އެވެ.

އޭސީސީގެ ތަހުގީގަށް ކޮންމެހެން ބޭނުންވެ އެކަމަކު އުޅޭ ތަނެއް ނޭނގޭތީވެ، މައުލޫމާތު ނުލިބި ތިބި ބައެއް މީހުންގެ އިއުތިރާފް ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

އަދީބުގެ އެންމެ ގާތް އެކެއް އަދި ހިޔާނާތުގެ ތުހުމަތުކުރާ މުހައްމަދު ހުސައިން (އޮއިއްޓެ) އާއި އޭނާއާ އެކު ފިލައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ ވެސް ވެސް ވަނީ ޑޮކިއުމެންޓްރީގައި ވާހަކަ ދައްކައިފަ އެވެ. ހިޔާނާތުގައި ބައިވެރިވި ކަމަށް ތިން މީހުން ވެސް އިއުތިރާފްވެ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ވިއްކައިގެން ވަގަށް ނެގި ފައިސާ ބެހި ގޮތް ވެސް ކިޔައިދެ އެވެ.

ވަގަށް ނެގި ފައިސާ ބަހަން އުޅުނު މޮހޯ (ވ) އާއި އޮއިއްޓޭ (ކ) އަދި އިޝްފާހު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ދައްކަނީ:

ވަގަށް ނެގި ފައިސާ ބަހަން އުޅުނު މޮހޯ (ވ) އާއި އޮއިއްޓޭ (ކ) އަދި އިޝްފާހު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި ދައްކަނީ:

އެ ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ދައުލަތަށް ވަންނަން ޖެހޭ ފައިސާ ރައީސް ޔާމީނަށް ގެންގޮސްދޭ ކަމަށް ވެސް އެ މީހުން ޑޮކިއުމެންޓްރީގައި ބުނެ އެވެ. އަދި މަނީ ލޯންޑްރިންގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

މި ޑޮކިއުމެންޓްރީގެ ކުރިން ވެސް ހިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ތުހުމަތުތަކެއް ކޮށްފައިވާތީ، ތަހުގީގުގައި އެމަނިކުފާނާ ސުވާލު ކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ހިޔާނާތާ ގުޅޭ ގޮތުން އޭސީސީން ކުރާ ތަހުގީގު ގާތްގަނޑަކަށް ނިމިފައިވީ ނަމަވެސް ރިޕޯޓް އާއްމު ކުރާނެ ދުވަހެއް އަދި ނޭނގެ އެވެ. ކޮމިޝަނުން ބުނީ ރިޕޯޓް ނެރޭނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާ، އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާބޮޑު ތަފާތެއް ނެތެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފަ އެވެ.