ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަރަންޓާއި ކާޑުގެ އަގުބޮޑުކޮށް ރައްޔިތުން "ހަނާވަމުންދާ" ކަމަށް ބުނެ ސ. ހިތަދޫގައި މިއަދު މުޒާހަރާކޮށްފި އެވެ.
02 އޮކްޓޯބަރ 2016
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަރަންޓާއި ކާޑުގެ އަގުބޮޑުކޮށް ރައްޔިތުން "ހަނާވަމުންދާ" ކަމަށް ބުނެ ސ. ހިތަދޫގައި މިއަދު މުޒާހަރާކޮށްފި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރާއި އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތް މުޒާހަރާގެ ގޮވާމުން ދިޔައީ ކާޑުގެ އަގަށް ސަރުކާރުން ގެނައި ބަދަލު އަނބުރާ ގެންދިއުމަށެވެ. އެ ބަދަލަކީ ނިކަމެތި ރަައްޔިތުންނަށް ތަހައްމަލުކުރެވޭވަރަށް ވުރެ ބޮޑު ބުރައެއް ކަމަށް ބުނެ ގިނަ ބަޔަކު އަޑުއުފުލި އެވެ.
ހިތަދޫ ބޮޑު މަގުގައި ބޭއްވި މުޒާހަރާގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ބައިވެރިވި ކަމަށް މުޒާހަރާގެ ބައެއް ބައިވެރިން ބުންޏެވެ.
މެމްބަރު ނިޒާރު ވިދާޅުވީ ކަރަންޓުގެ އަގަށް ސަރުކާރުން ވަރަށް ފަހުން ގެނައި ބަދަލާއެކު ދުވަހަކު ވެސް ބޮޑު ނުވާވަރަށް އައްޑޫގެ ގެތަކަށް މި މަހުގެ ކަރަންޓް ބިލް ބޮޑުވާނެ ކަމަށެވެ. މި ބަދަލު ގެނައުމަށް ފަހު ކާޑުގެ އަގު ވެސް ދެ ގުނަ ބޮޑުކުރުމަކީ އައްޑޫ ރައްޔިތުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ހިތަދޫ ބޮޑު މަގުގައި އަޑުއުފުލަނީ.
"އިގްތިސާދީ އެއްވެސް ކަމެއް އައްޑޫގައި ނުހިންގާ، ކަރަންޓާއި ކާޑުގެ އަގު އިންތިހާ އަށް މައްޗަށް ޖައްސާފައި މިވަނީ. މި ކޮޅުގައި ކާޑުގެ އަގު މިހާރު ހުރީ ކިލޯއެއް 10.50ރ. ގައި. ދައުލަތަށް އެންމެ 100 މިލިއަން ރުފިޔާ ސަލާމަތްކުރަން މިވަރުގެ ބޮޑު މުސީބާތެއް ރައްޔިތުންގެ ބޮލަށް ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ މި ނިންވުމާ އައްޑޫ ރައްޔިތުން ދެކޮޅަށް ތިބި ކަން ހާމަކުރަން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާނެ އެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކުގެ އަގު އިންތިހާ އަށް ބޮޑުކުރާއިރު އައްޑޫ ރައްޔިތުން އެކަމަށް އަޅާނުލައި ނުތިބޭނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި ކުރި މުޒާހަރާގައި ބައިވެރިންގެ ޝުއޫރުފާޅުކުރަން ބޯޑު ހިފަހައްޓައިގެން.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ. މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.
ކާޑުގެ އަގަށް ގެނައި ބަދަލާ މެދު ނުރުހުންފާޅުކުރަން ބޭއްވި މުޒާހަރާގައި ޝުއޫރުފާޅުކުރަން އަންހެނަކު ބޯޑެއް ހިފަހައްޓައިގެން.
އެކަން ކުރަން ޖެހުނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. ސަބްސިޑީ ކަނޑާލައިގެން 140 މިލިއަން ރުފިޔާ ސަލާމަތްކުރުމަށް ވުރެ ސަރުކާރަށް މުހިއްމީ، ބޮޑެތި މަޝްރޫއުތައް ހިންގަން ބޭރުގެ މާލީ އިދާރާތަކުން ދޭ ލޯނުގެ އެހީ މެދުކެނޑުމެއް ނެތި ލިބުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ޒުހޫރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ހަރަދު ކުޑަކުރަން މާލީ އިދާރާތަކުން ލަފާ ދޭ އެހެން ކަންކަން ހުރި ގޮތަށް ބަހައްޓާފައި ކާޑުގެ އަގު ބޮޑުކުރުމަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. ހަރަދުކުޑަކުރުމަށް، ޓެކްސް އަށް ބަރޯސާ ނުވާ ގައުމަކަށް ހެދުމާއި މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނެގުމާއި ސަރުކާރުގެ ހަރަދު ކުޑަކުރުމާއި ބޭކާރު ވަޒީފާތައް މަދުކުރުމާއި މުވައްޒަފުންގެ އަދަދު މަދުކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ފަރަގު ކުޑަކުރުން ވެސް މާލީ އިދާރާތަކުން އަބަދުވެސް ލަފާދެ އެވެ.
"ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ބަނގުރޫޓްކޮށްފި"
ކާޑުގެ އަގު ބޮޑުކުރުމުން ގިނަ ރަށްތަކެއްގައި މުޒާހަރާ
"ކާޑުގެ އަގު ބޮޑުކުރުމަކީ ފަސޭހަ ނިންމުމެއް ނޫން"
އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރެއް ނޫން!
ކާޑުގެ މައްސަލާގައި އެސްޓީއޯގެ ފިހާރައެއް ބަންދުކޮށްފި
ފިނި ކޮޓަރީގައި، ރައްޔިތުންނާ ދުރުގައި!
ސަބްސިޑީ ކަނޑާލީ ސަރުކާރު ހިންގަން ނޭނގިގެން:އެމްޑީޕީ
ކާޑުގެ އަގުހެޔޮކުރަން ޖޭޕީން ގޮވާލައިފި
"މުސާރަ އަށް ހަ ބިލިއަން ރުފިޔާ ބިދޭސީން ބޭރުކުރޭ"
ކާޑުގެ މައްސަލާގައި މައުމޫން: މި ނޫން ގޮތެއް ހޯދައިދީ