Roadha Mihaaru
ކުދިން ސަލާމަތްކުރި މުސްލިމް ޑައިވަރު މަރުވެއްޖެ

ހޮހަޅައިން ކުދިން ސަލާމަތްކުރި މުސްލިމް ޑައިވަރު މަރުވެއްޖެ

29 ޑިސެމްބަރ 2019

ބެންކޮކް (ޑިސެމްބަރު 29) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން 12 ކުދިންނާއި ކޯޗު ސަލާމަތް ކުރި ޓީމުގައި ހިމެނޭ ޑައިވަރަކު އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށް ފަހު މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންކޮކް (ޑިސެމްބަރު 29) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން 12 ކުދިންނާއި ކޯޗު ސަލާމަތް ކުރި ޓީމުގައި ހިމެނޭ ޑައިވަރަކު އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށް ފަހު މަރުވެއްޖެ އެވެ.

އޮފިޝަލުން ބުނީ ތައި ނޭވީ ސީލްގެ މުސްލިމް އޮފިސަރެއް ކަމަށްވާ ބެއިރޫތު ޕަކްބަރާ އަށް ލޭގެ އިންފެކްޝަނެއް ޖެހުނީ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހު ބޭރޫތަށް ދިޔައީ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތު ދިޔައީ ދަށަށެވެ. ހުކުރު ދުވަހު މެންދުރު ފަހު ބޭރޫތު ވަޅުލާފައި ވަނީ އޭނާގެ އުފަން ޕްރޮވިންސް ކަމަށްވާ ސަތުންގައި، އިސްލާމީ އުސޫލްތަކާ އެއްގޮތަށް ކަމަށް އޮފިޝަލުން ބުނެ އެވެ.

ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް 17 ދުވަސް ހޭދަވި. --ފޮޓޯ:ގެޓީ އިމޭޖަސް

ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމަށް 17 ދުވަސް ހޭދަވި. --ފޮޓޯ:ގެޓީ އިމޭޖަސް

ކުދިން ސަލާމަތް ކުރުމުގެ ނުރައްކާ އޮޕަރޭޝަން ކުރިއަށް ދަނިކޮށް ވަނީ ތައި ނޭވީ ސީލްގެ ކުރީގެ ޑައިވަރެއް ކަމަށްވާ ސަމަން ގުނަން މަރުވެފަ އެވެ. އޭނާ މަރުވީ އެއާ ޓޭންކް ފޯރުކޮށްދިނުމަށް ފަހު ހޮހަޅައިން ނުކުންނަން ދަނިކޮށް އޮކްސިޖަން ހުސްވެގެންނެވެ.

އުމުރުން 11 އަހަރާއި 16 އަހަރާ ދެމެދު ވައިލްޑް ބޯ ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި އެ ކުދިންގެ 25 އަހަރުގެ ކޯޗު، ޕްރެކްޓިސް ނިންމާލުމަށް ފަހު ހޮހަޅަ އަށް ވަނީ ޖޫން 23، 2018 ވަނަ ދުވަހު އެވެ. ނަމަވެސް އެ މީހުން ހޮހަޅަ އަށް ވަން ފަހުން ބޯކޮށް ވާރޭ ވެހި ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ، ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ. އެ ކުދިންނާއި ކޯޗު ސަލާމަތް ކުރީ 17 ދުވަސް ވަންދެން ހިންގި ބައިނަލްއަގުވާމީ ބޮޑު އޮޕަރޭޝަނެއްގަ އެވެ. ކުދިން ސަލާމަތް ކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުން 90 އަށް ވުރެ ގިނަ ޑައިވަރުން ބައިވެރިވި އެވެ.

ހޮހަޅައިން ސަލާމަތް ކުރި ކުދިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ:އޭއެފްޕީ

ހޮހަޅައިން ސަލާމަތް ކުރި ކުދިން ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ:އޭއެފްޕީ

ތައިލެންޑުގެ އުތުރުގެ ޗިއާން ރައި ޕްރޮވިންސްގެ ހޮހަޅަ ޓޫރިސްޓުންނަށް ހުޅުވާލީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ.

ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގެ ހާދިސާ އަށް ދުނިޔޭގެ ވަރަށް ބޮޑު ސަމާލުކަމެއް ހުއްޓުނެވެ. އެ ހާދިސާގެ މައްޗަށް ފިިލްމު ހެދުމަށް އެތައް ބަޔަކު ޝައުގުވެރިވި އެވެ. ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަށް ބިނާކޮށް ހެދި ފިލްމު " ދަ ކޭވް" މިދިޔަ މަހު ވަނީ ތައިލޭންޑުގައި ދައްކައިފަ އެވެ.