Roadha Mihaaru
"ޖަލު ހުކުމް ތަންފީޒުވެއްޖެ، ރިޔާޒް މިނިވަންކޮށްދީ"

ރިޔާޒްގެ ޖަލު ހުކުމް ތަންފީޒުވެއްޖެ، އޭނާ މިނިވަންކޮށްދީ: ވަކީލުން

02 ސެޕްޓެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އޭނާ ބަންދު ކޮށްފައި ހުންނަތާ މިހާރު ހަ މަސް ވެފައިވާތީ އޭނާ މިނިވަން ކުރުމަށް އޭނާގެ ވަކީލުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އޭނާ ބަންދު ކޮށްފައި ހުންނަތާ މިހާރު ހަ މަސް ވެފައިވާތީ އޭނާ މިނިވަން ކުރުމަށް އޭނާގެ ވަކީލުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން މިދިޔަ އޭޕްރީލް މަހު ހައި ކޯޓުން ހުކުމް ކުރީ ފުލުހުންގެ ތަހުގީގަކަށް އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަމަށް އިންކާރު ކުރި މައްސަލައިގަ އެވެ. އެ މައްސަލައިގައި ޖަލަށްލާން ހުކުމް ކުރުމުގެ ކުރިން ވެސް މިދިޔަ މާޗް މަހުން ފެށިގެން ރިޔާޒް ހުންނެވީ ބަންދުގަ އެވެ. ހަތަރު މަހާއި ޖަލު ހުކުމް އަސްލު ތަންފީޒުކޮށް ނިމޭނީ މިމަހުގެ މެދު ތެރޭގަ އެވެ.

ރިޔާޒް ބަންދުގައި ހުންނަތާ ހަ މަސް ފުރުމާ ގުޅިގެން ރިޔާޒްގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މާޗް މަހު މުޒާހަރާއެއްގައި ހުންނަވަނިކޮށް ރިޔާޒް ހައްޔަރުކޮށް، ކުރި ތުހުމަތުތަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މަހު ލިޔުމުން އަންގާފައިވާ ކަމަށެވެ. އެހެންވެ، އޭގެ ފަހުން ރިޔާޒަށް އިއްވި ހަތަރު މަހުގެ ޖަލު ހުކުމަށް ވުރެ ދިގު މުއްދަތެއް އޭނާ މިހާރު ބަންދުގައި ހޭދަ ކޮށްފައިވާތީ އޭނާ ވަގުތުން މިނިވަން ކުރަން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެެ އިތުރުން ރިޔާޒް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުން މިހާތަނަށް އެއްވެސް ޖަވާބެއް ނުދޭތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ބަޔާނުގައި ފާޅުކޮށްފައިވެ އެވެ. އަދި އޯގާތެރި ސަރުކާރަކާއި މިނިވަން ޝަރުއީ ނިޒާމަކާއި މިނިވަން މަޖިލީހެއް ރައްޔިތުންނަށް ލިބުމުގެ ކުރިން ރިޔާޒްގެ ސިޔާސީ ހަޔާތަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އަބްދުﷲ ރިޔާޒްގެ ފަރާތުން ހުށަހަޅާ ޝަކުވާގެ ސިޓީތަކާ ގުޅިގެން ކޯޓުތަކުން ޖަވާބު ނުދިނުން ފަދަ ކަންކަމަކީ ދިވެހި އެއްވެސް ރައްޔިތަކާ މެދު އަމަލު ކުރެވިގެންވާނެ ގޮތެއް ކަމުގައި އަބްދުﷲ ރިޔާޒް ދެކެވަޑައެއް ނުގަންނަވަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ރިޔާޒްގެ މައްޗަށް ހައި ކޯޓުން ޖަލު ހުކުމް އިއްވުމުގެ ކުރިން ކްރިމިނަލް ކޯޓުން އޮތީ އެހެން މައްސަލައަކާ ގުޅިގެން ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް އަމުރުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް މިދިޔަ އަހަރު އުފުލާފައިވާ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ.

ފޯނު ހުޅުވައިނުދިން މައްސަލައިގައި ރިޔާޒްގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ތިން މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އެބަ އޮތެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.