ފޯނެއް ނުދިން ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް އިއްވި ޝަރީއަތް ހިންގުމުގައި އިޖުރާއީ ގޮތުން ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެފަދަ ހާލަތެއްހައި ޖެހޭނީ ހުކުމް ބާތިލްކުރަން ކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
13 ޖެނުއަރީ 2020
ފޯނެއް ނުދިން ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް އިއްވި ޝަރީއަތް ހިންގުމުގައި އިޖުރާއީ ގޮތުން ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެފަދަ ހާލަތެއްހައި ޖެހޭނީ ހުކުމް ބާތިލްކުރަން ކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ފޯނެއް ނުދިން ކަމަށް ބުނެ ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އަބްދުﷲ ސައީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ފެބްރުއަރީ، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެމަނިކުފާނު ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ނުދެއްވި ކަމަށް ބުނެ އެވެ. އަބްދުﷲ ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ފޯނު ނުދިން ކަމަށް ބުނެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިޔަސް، އެ ދެ ބޭފުޅުންގެ ހުކުމް ހައި ކޯޓުން ކުރިން އޮތީ ބާތިލްކޮށްފަ އެވެ.
އެ މައްސަލަ އަބްދުﷲ ސައީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ބުނެ އަބްދުﷲ ސައީދުގެ ފަރާތުން ފާހަގަ ކުރެއްވި ނުކުތާތަކަށް ދައުލަތުން ފުރަތަމަ ރައްދު ދިނީ ދަށު ކޯޓުގެ ނިންމުން ދިފާއުކޮށްފަ އެވެ.
ދައުލަތުން އެގޮތަށް ވާހަކަ ދެއްކުމުން ފަނޑިޔާރުންގެ ބެންޗުން ސުވާލުކުރެއްވީ ފޯނު ނުދިން ކަމަށް ބުނެ މައުމޫނާއި އަލީ ހަމީދަށް ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައި ވާއިރު، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގެ އިސްތިއުނާފް ކުރީތޯ ވިދާޅުވެ އެވެ.
ޖަވާބުގައި ދައުލަތުން ބުނީ މައުމޫންގެ މައްސަލާގައި ހައި ކޯޓުގެ ނިންމުމުގެ އިޖްރާއީ ކަމެއް އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި ކަމަށާއި އެކަމަކު އެ ކޯޓުން އެ މައްސަލަ ބަލައިނުގަތް ކަމަށެވެ. އަދި އަލީ ހަމީދުގެ މައްސަލަ އިސްތިއުނާފް ނުކުރާ ކަމަށް ދައުލަތުން ބުންޏެވެ.
އަލީ ހަމީދާއި މައުމޫނާއި އަބްދުﷲ ސައީދުގެ މައްސަލަ ވެސް ދަށު ކޯޓުން ހިންގީ އެއްކޮށް ކަން ފާހަގަކުރައްވައި، ފަނޑިޔާރުންގެ ބެންޗުން ވަނީ އަލީ ހަމީދުގެ މައްސަލާގައި ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ދައުލަތުން ގަބޫލު ކުރާއިރު، އަބްދުﷲ ސައީދުގެ މައްސަލާގައި ދައުލަތުން އެގޮތަށް ވާހަކަ ދައްކާ ސަބަބާ މެދު ސުވާލު ކުރައްވައިފަ އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެ މައްސަލާގެ ދައުލަތުގެ ޖަވާބު ހައި ކޯޓަށް ހުށަހަޅާފައިވަނީ ތަންކޮޅެއް ކުރިން ކަމަށެވެ. އަދި ދަށު ކޯޓުން އޭރު ޝަރީއަތް ހިންގީ ދައުލަތުން އެދޭ ގޮތެއްގެ މައްޗަށް ނޫން ކަމަށާއި ޝަރީއަތް ހިންގުމުގެ އިޖްރާއާތު އެ ކޯޓުން ކުރިއަށް ގެންދިޔައީ ކޯޓުގެ އިހްތިޔާރުގެ ތެރެއިން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދަށު ކޯޓުގެ ހުކުމް ބާތިލްކުރުމާ މެދު ސީދާ ވަކި އެއްޗެއް ބުނުމުގެ ބަދަލުގައި ހައި ކޯޓުން ގޮތެއް ނިންމައި ދިނުމަށް ދައުލަތުން އެދިފައިވާތީ އެކަމާ މެދު ވެސް ބެންޗުގެ ސުވާލުތައް ދައުލަތަށް އަމާޒުވި އެވެ. އިސްތިއުނާފް ކޮންމެ މައްސަލައެއްގައި ވެސް އޮންނާނީ ދަށު ކޯޓުގެ ހުކުމް ދެމެހެއްޓުން ނުވަތަ ބާތިލް ކުރުން ނުވަތަ އަލުން ބެލުމަށް ތަހުވީލު ކުރުން ކަމަށާއި އެއިން ވަކި ގޮތެއް ދައުލަތުން އިހްތިޔާރު ނުކުރަނީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
އަލީ ހަމީދާއި މައުމޫންގެ މައްސަލާގައި ހައި ކޯޓުގެ ހުކުމުގައި، ދަށު ކޯޓުން ޝަރީއަތް ހިންގުމުގައި ބައެއް އިޖްރާއާތުތައް ގޯސް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ދައުލަތުން އެއްބަސްވުމުން ބެންޗުން ސުވާލުކުރެއްވީ ގޯސް އިޖްރާއާތެއްގެ ނަތީޖާ އަކީ ކޮބައިތޯ އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ގޯސް އިޖުރާއާތެއްގެ ނަތީޖާ އަކީ އެ ޝަރީއަތުގެ ހުކުމެއް ބާތިލްކުރަން ޖެހުން ކަމަށެވެ.
ޝަރީއަތް ހިންގުމުގެ އިޖްރައާތުތަކަކީ ދައުލަތުގެ އިހްތިޔާރުގެ ތެރޭގައި އޮންނަ ކަމެއް ނޫން ކަމަށާއި އެއީ ކޯޓުގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށް، ދައުލަތުން ބުނީ އިޖްރާއާތު ގޯސްވުމުގެ އެފަދަ ކަންކަމުގައި ވަކި ގޮތަކަށް މައްސަލަ ނިންމައިދޭން ދައުލަތުން އެއްވެސް އިރަކު ނޭދޭ ކަމަށެވެ.
އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ސައީދު ވިދާޅުވީ އެ މަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގި އިރު އެ މަނިކުފާނުގެ އަތުގައި ފޯނެއް ނެތް ކަމަށާއި އެމަނިކުފާނަށް ތުހުމަތުކުރި މައްސަލަ އަކީ އޭރު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރެއްގެ މައްސަލަ ކަމަށް ވާއިރު، އެކަމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވެން ޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށް ވެސް އަބްދުﷲ ސައީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ފޯނުގައި ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ ހެކި ހުރި ކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ދަށު ކޯޓުގައި ނުދެއްކޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދަށު ކޯޓުން ޝަރީއަތް ހިންގީ ގާނޫނާ ޚިލާފަށް އަދި އެކަށީގެންވާ ވަގުތާއި ފުރުސަތު ނުދީކަން ހައި ކޯޓުގެ ދެ ހުކުމަކުން މިހާރު ސާފުކޮށް އެނގެން އެބަ އޮތްކަން ފާހަގަ ކުރައްވައި، އަބްދުﷲ ސައީދު ވިދާޅުވީ އެމަނިކުފާނުގެ މައްސަލާގައި ވެސް ކަންކަން ހުރީ އެގޮތަށް ކަމަށެވެ. އަދި ޖަލަށްލުމުގެ އިތުރުން އިތުރު އަދަބެއްގެ ގޮތުން އެމަނިކުފާނުުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލް ކުރަން ދަށު ކޯޓުން ނިންމިއިރު، ޖިނާއީ ކުށަކާ ގުޅިގެން އެފަދަ ހައްގެއް ހިފެހެއްޓުމަކީ އެއްވެސް ގޮތަކުން ހުއްދަ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުން މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަޒީދެވެ.
ފޯނު ނުދިން މައްސަލާގެ އިތުރުން އިތުރު ދެ ދައުވާއެއް ސާބިތުވެ، ދޮޅު އަހަރަށް ވުރެ ދިގު އިތުރު ޖަލު ހުކުމެއް ވެސް އެމަނިކުފާނަށް އިއްވި އެވެ. އެމަނިކުފާނު މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ގޭ ބަންދުގަ އެވެ.
ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް
އަރުޝަދު ބުނަނީ ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތޭ
އާޒިމާގެ މައްސަލާގައި ދައުލަތުން ވެސް ސުޕްރީމް ކޯޓަށް
"ވާނުވާ ޖެހުން" ލާޒިމެއް ނޫން: ސުޕްރީމް ކޯޓް
"ވާނުވާ" ލާޒިމްކަމަށް ކަނޑައެޅުމުން ސުޕްރީމް ކޯޓަށް
ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ފޯނު މައްސަލާގެ ހުކުމުން އަބްދުﷲ ސައީދު ސަލާމަތްވެއްޖެ
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
ފެބްރުއަރީ 1ގެ އަމުރުގެ ބަހުސަށް ނިމުމެއް ނެތް؟!