Roadha Mihaaru
އެސްޕީޖީން ކަނޑާލި ފައްތާހަށް ބަދަލު ދޭން ހުކުމްކޮށްފި

އެސްޕީޖީން ކަނޑާލި ފައްތާހަށް މާލީ ބަދަލާ އެކު ވަޒީފާ ދޭން ހުކުމްކޮށްފި

15 ޖެނުއަރީ 2020

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރަނިކޮށް ވަޒީފާއިން ވަކިކުރި އަހުމަދު ފައްތާހަށް، ވަޒީފާއާ އެކު މާލީ ބަދަލު ވެސް ދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރަނިކޮށް ވަޒީފާއިން ވަކިކުރި އަހުމަދު ފައްތާހަށް، ވަޒީފާއާ އެކު މާލީ ބަދަލު ވެސް ދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އިއްވި ހުކުމުގައި ޑިފެންސް މިނިސްޓްރީ އާއި ދައުލަތަށް އަމުރުކުރީ ފައްތާހު ވަޒީފާ އިން ވަކިވި ދުވަހުން ފެށިގެން އެއް އަހަރުގެ ދުވަހަށް ޖެހޭ މުސާރަ އާއި އިނާޔާތްތަކާއި ރޯދަމަހުގެ އިނާޔަތާ އެކު، 183،720ރ، މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދިނުމަށެވެ. އަދި މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ކޯޕްރަލްގެ ވަޒީފާ އަނބުރާ ދޭން ވެސް ހުކުމުގައި ވަނީ އަންގައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން ސިފައިންގެ ތެރެއިން ބަޔަކު ހޯދާ ކަމުގެ ތުހުމަތުގައި، ވަޒީފާއިން އެކަހެރިކޮށް 14 ދުވަހު ބަންދުކުރުމަށް ފަހު ފައްތާހު ވަކިކުރީ އޮގަސްޓް، 18، 2016 ގަ އެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރި ފައްތާހު ހައްގު ހޯދަން ކޯޓަށް ހުށަހެޅީ ޖެނުއަރީ 2019 ގަ އެވެ.

އޭނާގެ މައްސަލަ ސިވިލް ކޯޓުގެ ޝަރީއަތަށް ދާން ޖެހުނީ ނަގައިދޭން ޖެހޭ ބަދަލާ މެދު ޑިސްޕިއުޓް މަރުހަލާއިން ހައްލުނުވުމުންނެވެ.

ފައްތާހު އެދުނީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ހުކުމް ކުރުމާ ހަމައަށް ހޭދަވާ މުއްދަތަށް ބަދަލު ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ބުނީ ބަދަލުގެ ގޮތުގައި ނަގައިދެވޭނީ އެއް އަހަރު ދުވަހުގެ މުސާރަ ކަމަށެވެ. އަދި ޝަރީއަތުން މައްސަލަ ނިމުނީ ވެސް އެގޮތަށެވެ.

ހުކުމުގައި ބުނީ ފައްތާހު ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.

ފައްތާހާ އެކު، އެސްޕީޖީގައި މަސައްކަތްކުރަނިކޮށް ވަޒީފާއިން ވަކިކުރި އަހުމަދު ޝާނީޒާއި ސިމާދު އަހުމަދުގެ މައްސަލަ ވެސް ކޯޓަށް ހުށަހެޅި އެވެ. އެ މީހުންނަށް ވެސް މާލީ ބަދަލާ އެކު ވަޒީފާ އަލުން އިއާދަކޮށްދޭން ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމްކޮށްފަ އެވެ.