Roadha Mihaaru
މޯދީ އަށް އިންޒާރުދޭ ނޯޓެއް ހިމެނޭ ކޮތަރެއް ހިފައިފި

މޯދީ އަށް އިންޒާރުދީފައިވާ ނޯޓެއް ހިމެނޭ ކޮތަރެއް އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް

04 އޮކްޓޯބަރ 2016

ސްރީނަގަރު (އޮކްޓޯބަރު 4) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް އިންޒާރުދީފައިވާ ނޯޓެއް ހަރުކޮށްފައިވާ ކޮތަރެއް އިންޑިއާ ސިފައިން ހިފާ ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސްރީނަގަރު (އޮކްޓޯބަރު 4) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް އިންޒާރުދީފައިވާ ނޯޓެއް ހަރުކޮށްފައިވާ ކޮތަރެއް އިންޑިއާ ސިފައިން ހިފާ ހައްޔަރުކޮށްފި އެވެ.

މި ކޮތަރު ހިފައިފައި ވަނީ ކަޝްމީރުގައި ޕާކިސްތާނުގެ ސަރަހައްދީ ރޮނގާ ކައިރިން އުތުރުގެ ޕަންޖާބު ސްޓޭޓުގެ ޕަތަންކޮޓް އިންނެވެ. ޕަތަންކޮޓްގައި ހަނގުރާމަވެރިން ވަނީ ޖެނުއަރީ މަހު އިންޑިއާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފަ އެވެ.

ޕަތަންކޮޓުގެ ފުލުހުންގެ ވެރިޔާ ރާކޭޝް ކުމާރު އޭއެފްޕީ އަށް ފޯނުން ވިދާޅުވީ ބޯޑަރު ބަލަހައްޓާ ސިފައިން (ބީއެސްއެފް) އަށް ކޮތަރު ފެނުމާ އެކު މިހާރު ވަނީ އެ ކޮތަރު ބަންދުކޮށްފައި ކަމަށެވެ.

"މޯދީ، އަހަރެމެންނަކީ 1971 ގައި އުޅުނު ފަދަ މީހުންނެއް ނޫން. އަހަރެމެންގެ ކޮންމެ ކުޑަ ކުއްޖަކު ވެސް މިހާރު މި ތިބީ އިންޑިއާއާ ހަނގުރާމަ ކުރަން ތައްޔާރަށް،" ކޮތަރުގައި ހަރުކޮށްފައިވާ އުރުދޫ ބަހުން ލިޔެފައިވާ ލިޔުމުގައިވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން 1971 ވަނަ އަހަރު ވަނީ ދެ ގައުމުގެ އެންމެ ފަހުގެ ހަނގުރާމަ ކޮށްފަ އެވެ.

ކުމާރު ވިދާޅުވީ ކޮތަރުގައި ހަރުކޮށްފައިވާ ލިޔުމުގައި ސޮއިކޮށްފައި ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރީ ތައިބާ އިން ކަމަށް ބެލެވޭ ކަމަށާއި އެހެންވެ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ވާދަވެރިކަމުގައި ކޮތަރުފަދަ ތަކެތި ބޭނުންކޮށްގެން އިންޒާރުދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ވަނީ އިންޒާރުގެ މެސެޖެއް ލިޔެފައިވާ ކޮތަރެއް އިންޑިއާ އިން ހިފައިފަ އެވެ. މީގެ އިތުރުން މޯދީ އަށް އިންޒާރުދީ މެސެޖެއް ލިޔެފައިވާ ދެ ފުއްޕާހަން ޕަންޖާބުން ވަނީ ފެނިފަ އެވެ. ޕާކިސްތާނުން ޖާސޫސް ކުރަން ފޮނުވާފައިވާ ކަމަށް ބެލެވޭ ކޮތަރެއް އިންޑިއާ ސިފައިން މިދިޔަ އަހަރު ވަނީ ހިފައިފަ އެވެ. އަދި އެ ކޮތަރުގައި ކެމެރާއެއް ނުވަތަ ޓްރާންސްމިޓަރެއް ހަރުކޮށްފައިވޭތޯ ބެލުމަށް ވަނީ ކޮތަރުގެ އެކްސްރޭ ވެސް ނަގައިފަ އެވެ.

އިންޑިއާ ސިފައިން 2013 ވަނަ އަހަރު ހިފި ދޫންޏެއްގައި ވަނީ ކުޑަ ކެމެރާއެއް ހަރުކޮށްފަ އެވެ. އަދި 2010 ވަނަ އަހަރު ވަނީ ޖާސޫސް ކުރަން ފޮނުވާފައިވާ ކަމަށް ބެލެވޭ ކޮތަރެއް އިންޑިއާ ސިފައިން ހިފައިފަ އެވެ.