Roadha Mihaaru
އަނިޔާ ލިބޭ ކުދިން ޑޮކްޓަރަށް ދެއްކުން ލަސް: އޮޑިޓް

އަނިޔާ ލިބޭ ކުދިން ޑޮކްޓަރަށް ދެއްކުން ލަސް: އޮޑިޓް

20 ޖެނުއަރީ 2020

ޖިސްމާނީ އަދި ޖިންސީ ގޯނާ ލިބިގެން ހުށަހަޅާ ބައެއް މައްސަލަތަކުގައި ކުދިން ޑޮކްޓަރަށް ދެއްކުން ލަސްކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖިސްމާނީ އަދި ޖިންސީ ގޯނާ ލިބިގެން ހުށަހަޅާ ބައެއް މައްސަލަތަކުގައި ކުދިން ޑޮކްޓަރަށް ދެއްކުން ލަސްކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުން ބުނެފި އެވެ.

ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތް ދެނެގަތުމަށް މިދިޔަ ނޮވެމްބަރު މަހު ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކުއްޖާއަށް ލިބިފައިވަނީ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއެއްކަން ދެނެގަތުމަށްޓަކައި ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރަކަށް ދައްކަން ވާނެ ކަމަށް ގަވައިދުގައި ބުނެފައިވިޔަސް އެފަދަ ބައެއް މައްސަލަތަކުގައި ކުއްޖާ ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށެވެ.

ބައެއް މައްސަލަތައް ކުރިމަތިވިތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން ވެސް، ކުއްޖާ ޑޮކްޓަރަށް ދައްކާފައި ހުރި ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކޮށްފައިވާ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ. ގޯނާކުރި މީހާ ދެނެގަތުމަށް ޑީއެންއޭ ހޯދޭނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖިންސީ ގުނަވަން ސާފުކޮށް ދޮވެއްޖެ ނަމަ ސާމްޕަލެއް ނުލިބޭނެ. ކާކު، ކިހިނެއް ދިން އަނިޔާއެއްކަން ބަލަން އެނގޭނީ އެ ދުވަހު ދެއްކިއްޔާ،" އެ ޑޮކްޓަރު ވިދާޅުވި އެވެ.

"މީގައި މުހިންމީ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުން."

އޭނާ ވިދާޅުވި ގޮތުގައި ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކުއްޖަކު ވެސް، އެ އަނިޔާއެއް ފަސޭހަ ވުމުގެ ކުރިން ޑޮކްޓަރަށް ދެއްކުން މުހިންމެވެ. އެގޮތުން ހަމަށް ލިބިފައިވާ ގެއްލުމެއް ދެ ހަފްތާގެ ތެރޭގައި ފިލާ ދާއިރު އެއަށް ވުރެ ފުންކޮށް ލިބޭ ގެއްލުމެއް ނަމަ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް ޑޮކްޓަރަށް ދެއްކުން ލަސްވަނީ ކަމާ ބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާލެއް ލަސްކަމުންނެވެ. ހޮސްޕިޓަލަކަށް އެފަދަ ކޭސްއެއް ހުށަހަޅާ ދުވަހު ޑޮކްޓަރުން އެކަން ބަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކަށް ގެންނަ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ބޭނުންތައް ވަޒަން ކުރުމަށް ފަހު ކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރު ކުރަން ޖެހެ އެވެ. ނަމަވެސް އޮޑިޓްގައި ބުނެފައިވަނީ ބެލި 50 ސާމްޕަލްގެ ތެރެއިން 49 ސާމްޕަލްގައި ކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރުކޮށްފައިނުވާ ކަމަށެވެ. އަދި ކޮންމެ ކުއްޖެއްގެ މައުލޫމަތުތައް ހިމަނައިގެން ހަދަން ޖެހޭ ފައިލްތައް ވެސް ނުހަދާ ހުރި ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.