ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ޕާޓީތަކުން ބައިވެރިވެ ވަޑައިގަންނަވާނެ ބޭފުޅުން، ޕާޓީތަކުގެ ކައުންސިލްތަކުން ފާސްކުރުމަށް ފަހު ހުށަހެޅުމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.
04 އޮކްޓޯބަރ 2016
ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު ބާއްވާ މަޝްވަރާތަކުގައި ޕާޓީތަކުން ބައިވެރިވެ ވަޑައިގަންނަވާނެ ބޭފުޅުން، ޕާޓީތަކުގެ ކައުންސިލްތަކުން ފާސްކުރުމަށް ފަހު ހުށަހެޅުމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވައި ޕާޓީތަކަށް ފޮނުއްވި ސިޓީއެއްގައި އެގޮތަށް އެންގެވިއިރު، މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރައްވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަނޑައެޅުއްވީ ޕީޕީއެމްގެ ކައުންސިލުން ފާސްކޮށްގެނެއް ނޫނެވެ.
މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީންނެވެ. އޭގެ ތެރެއިން ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާނެ ބޭފުޅުން ކަނޑައެޅީ އެ ޕާޓީގެ ކައުންސިލުން ފާސްކޮށްގެންނެވެ. އެމްޑީޕީ އާއި އަދާލަތުން މަޝްވަރާތަކަށް ވަޑައިގަންނަވާނެ ބޭފުޅުން އަދި ކަނޑައެއް ނާޅަ އެވެ.
މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރާނީ ފާރިސް އާއި ވައްޑެ ކަމަށް މައުމޫން ކަނޑައެޅުއްވިއިރު، ސަރުކާރުގެ ބައެއް ސިޔާސަތުތަކާ އެ ދެބޭފުޅުން ފާޅުގައި ދެކޮޅު ހައްދަވަ އެވެ. ސަރުކާރުން ކުއްލި ގޮތަކަށް ކާޑުގެ އަގު އެތައް ގުނައެއް ބޮޑުކުރި މައްސަލާގައި ފާރިސް އާއި ވައްޑެ މިހާރު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. މީގެ އިތުރުން ފާރިސް އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.
ޕާޓީތަކުގެ މަޝްވަރާގައި ޕީޕީއެމް ތަމްސީލް ކުރުމަށް ފާރިސް އާއި ވައްޑެގެ ނަން އެ ޕާޓީގެ ކައުންސިލުން ފާސްކުރާ ނަމަ، އެއީ މައުމޫންގެ ފެކްޝަނަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ ޕީޕީއެމްގެ ކައުންސިލްގެ އަޣުލަބިއްޔަތު ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންގެ ފަޅީގައި އޮތުމެވެ.
ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީގައި މުޖުތާޒް ވިދާޅުވީ "ރައްޔިތުންގެ ހެވާއި ލާބައަށާއި، ގައުމުގެ ހަމަޖެހުމަށް މަސައްކަތްކުރުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ މެދުގައި ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން ފައްޓަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށްޓަކައި ތިޔަ ޕާޓީން މި މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުންގެ ނަންފުޅުތައް ތިޔަ ޕާޓީގެ ކައުންސިލުން ނިންމެވުމަށް ފަހު، މި އޮފީހަށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ،" މިހެންނެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް މިހާތަނަށް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް އެމްޑީޕީ އާއި ޕީޕީއެމުން ވަނީ އެފަދަ ސިޓީއެއް ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ އެއީ ރައީސް އޮފީހަށް އެންގޭނެ އެންގުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ޕާޓީގެ ވަކި ގުނަވަނަކުން ނިންމައިގެން ނަންތައް ފޮނުވާކަށް ރައީސް އޮފީހަކަށް ނޭނގޭނެ. އެކި ޕާޓީތަކުގެ އަސާސީ ގަވައިދާ ހިންގާ ގޮތްތައް ވެސް ތަފާތުވާނެ. އެހެންވީމަ އެފަދަ އެންގުމެއް އެންގިދާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
އަލީމް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ދެ ބޭފުޅެއްގެ ނަން އިއްޔެ ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި އެ ދެ ނަން ގަބޫލުނުކުރާ ކަމެއް އަންގާފައި ނުވާ ކަމަށެވެ.
ޕާޓީތަކުގެ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީން ބައިވެރިވާނީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދު ކަމަށް ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. މީގެ ތެރެއިން ހުސެއިން މުހައްމަދު މަޝްވަރާތަކަށް ވަޑައިގަންނަވާނީ، ރިޔާޒާއި އަލީ ހުސެއިންގެ ތެރެއިން ބޭފުޅަކަށް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އެ ޕާޓީގެ ލީޑަޝިޕުން ހުށަހަޅާ ބޭފުޅުންތަކެއް މަޝްވަރާގައި ބައިވެރިވާ ގޮތަށެވެ.
ރާއްޖޭގައި ހިޔާލު ތަފާތުވުން ދަނީ ބޮޑުވަމުން: އދ.
ޕާޓީތަކާއެކު މަޝްވަރާ ކުރާނެ: ސަރުކާރު
މަންދޫބުން ބަދަލުކުރަން ޕީޕީއެމުން އެއްބަހެއް ނުވި!
މަޝްވަރާގެ ޝަރުތު ކަނޑައެޅީ ފާރިސް އަށް އަމާޒުކޮށް؟
މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނީ ފާރިސް،ވައްޑެ
މަޝްވަރާ އަށް އދ.ގެ މަންދޫބު ރާއްޖެ ވަޑައިގަންނަވަނީ
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ޕީޕީއެމް ޖަލްސާގައި ފެނުނީ މަރުކަޒީ ވިސްނުން: އެމްޑީޕީ
ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟
ޕީޕީއެމަށް 30،000، އިދިކޮޅަށް ފެނުނީ 3،000!