Roadha Mihaaru
ފަޔަ ފައިޓަރުންނަށް އެހީވާން 103 މީޓަރުގެ ޕިއްޒާއެއް

އަލިފާން ނިއްވާ މީހުންނަށް އެހީވާން 103 މީޓަރުގެ ޕިއްޒާއެއް

24 ޖެނުއަރީ 2020

އޮސްޓްރޭލިއާ އަށް ކުރިމަތިވެފައިވާ އަލިފާން ރޯވުމުގެ ހާދިސާތަކާ ގުޅިގެން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަޔާ ފައިޓަރުންނަށް އެހީވާން ފައިސާ އެއްކުރުމުގެ ބޭނުމުގައި ރެސްޓޯރަންޓަކުން 103 މީޓަރުގެ ޕިއްޒާއެއް އާދީއްތަ ދުވަހު ތައްޔާރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްޓްރޭލިއާ އަށް ކުރިމަތިވެފައިވާ އަލިފާން ރޯވުމުގެ ހާދިސާތަކާ ގުޅިގެން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަޔާ ފައިޓަރުންނަށް އެހީވާން ފައިސާ އެއްކުރުމުގެ ބޭނުމުގައި ރެސްޓޯރަންޓަކުން 103 މީޓަރުގެ ޕިއްޒާއެއް އާދީއްތަ ދުވަހު ތައްޔާރުކޮށްފި އެވެ.

މި ޕިއްޒާ ތައްޔާރުކޮށްފައި ވަނީ ސިޑްނީގައި ހިންގާ އިޓަލީގެ ރެސްޓޯރަންޓެއް ކަމަށްވާ "ޕެލެގްރިނީޒް އިޓާލިއަން" އިންނެވެ. ދިގު މިނުގައި 103 މީޓަރު (338 ފޫޓް) ހުރި އިރު، ފުޅާމިނަކީ 40 ސެންޓިމީޓަރު (16 އިންޗި) އެވެ.

އިޓަލީގެ އެންމެ މަޝްހޫރު ރަހަތަކުގެ ތެރޭގައި ހިމެނޭ މަގަރީޓާ ޕިއްޒާ ތައްޔާރުކޮށް ނިންމަން ނެގީ ފަސް ގަޑިއިރެވެ. އަދި ޕިއްޒާ ދައްކައިލީ އެ ތައްޔާކުރި ރެސްޓޯރަންޓް ހުންނަ މަގުމަތީގަ އެވެ. އަދި ޕިއްޒާ އިން 4،000 ފޮތި ކަނޑައި ވިއްކާފައިވެ އެވެ.

ނަމަވެސް ޕިއްޒާ ފޮއްޗެއް ވިއްކި އަގާއި އެއިން ލިބުނު ފައިސާގެ އަދަދެއް ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ޕިއްޒާ ވިއްކަން ކުރިއަށް ގެންދިޔަ ހަރަކާތަށް 3،000 އެއްހާ މީހުން ޒިޔާރަތްކުރި އެވެ.

އެ ވިއްކައިގެން ލިބުނު ފައިސާ ހަދިޔާކުރާނީ ނިއު ސައުތު ވޭލްސް ރޫރަލް ފަޔާ ސާވިސްއަށެވެ.

މި މަސައްކަތާ ބެހޭ ގޮތުން "ޕެލެގްރިނީޒް އިޓާލިއަން" ހިންގާ ޕިއޭރާއި ރޯޒްމޭރީ މޮއިއޯ ބުނީ އޮސްޓްރޭލިއާގައި މިހާތަނަށް ތައްޔާރުކުރި އެންމެ ބޮޑު ޕިއްޒާ އަކީ ރެކޯޑަކަށް ނުވިޔަސް، އެންމެ ބޮޑު ހިތްހަޖެހުމަކީ އިންސާނިއްޔަތަށް އެ މަސައްކަތުން އެހީއެއްވެވުން ކަމަށެވެ.

"މި މަސައްކަތުން އެއްކުރެވުނު ފައިސާ އިން އެހީއެއް ފޯރުކޮށް ދެވުމަކީ ވަރަށް ބޮޑު އުފަލެއް،" ޕިއޭރް ބުންޏެވެ.

ޖުލައި މަހުން ފެށިގެން އޮސްޓްރޭލިއާ ރޯވަމުންދާ އަލިފާނުގެ ހާދިސާތަކުގައި މިހާތަނަށް މަދުވެގެން 28 މީހެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާ އިރު، 3،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވެ އެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔާ ފައިޓަރުން އަންނަނީ ހުއްޓުމެއް ނެތި ރެ އާއި ދުވާލު މަސަައްކަތްކުރަމުންނެވެ.