Roadha Mihaaru
އޮސްޓްރޭލިއާ އަށް ފޮނުވާ ވެކްސިން އިޓަލީން ހުއްޓުވައިފި

އޮސްޓްރޭލިއާ އަށް ފޮނުވާ އޮކްސްފޯޑް ވެކްސިން ޝިޕްމަންޓް އިޓަލީން ހުއްޓުވައިފި

05 މާޗް 2021

ރޯމް (މާޗް 5) - އޮސްޓްރޭލިއާ އަށް ފޮނުވާ އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން ޝިޕްމަންޓެއް އިޓަލީ ސަރުކާރުން ހުއްޓުވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރޯމް (މާޗް 5) - އޮސްޓްރޭލިއާ އަށް ފޮނުވާ އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން ޝިޕްމަންޓެއް އިޓަލީ ސަރުކާރުން ހުއްޓުވައިފި އެވެ.

އިޓަލީން ހުއްޓުވާފައި ވަނީ އެ ގައުމުގައި ހުންނަ އެސްޓްރަޒެނެކާ ޕްލާންޓުން އުފެއްދި 250،000 ޑޯޒުގެ ވެކްސިނެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެސްޓްރަޒެނެކާއާ ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުމުގައިވާ އަދަދަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ފޯރުކޮށް ނުދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ނަމަވެސް އީޔޫއިން ތުހުމަތު ކުރަނީ އެ ޖަމާއަތާ އެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެ އެސްޓްރަޒެނެކާ އިން ޔޫރަޕުން ބޭރު ގައުމުތަކަށް ވެކްސިން ފޮނުވަނީ ކަމަށެވެ. އެހެންވެ ޔޫރަޕުގެ އެއްވެސް ގައުމެއްގައި އުފައްދާ އެސްޓްރަޒެނެކާ ވެކްސިން ޔޫރަޕުން ބޭރަށް އެކްސްޕޯޓް ނުކުރަން އީޔޫއިން ވަނީ ނިންމައިފަ އެވެ. އިޓަލީ އަކީ އެ ނިންމުމަށް އަމަލު ކުރި ފުރަތަމަ ގައުމެވެ.

އެސްޓްރަޒެނެކާ އިން ބުނެފައި ވަނީ އަހަރުގެ ފުރަތަމަ ތިން މަހު ޔޫރަޕުގެ ގައުމުތަކަށް ސަޕްލައި ކުރެވޭނީ އެއްބަސްވި އަދަދުގެ 40 ޕަސެންޓް ކަމަށެވެ. އެ ގޮތަށް ދިމާވީ ޔޫރަޕުގައި ހުރި ވެކްސިން އުފައްދާ ޕްލާންޓްތަކަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ.

އީޔޫ އާއި އެސްޓްރަޒެނެކާއާ ދެމެދު އޮގަސްޓް މަހު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން 300 މިލިއަން ޑޯޒް ފޯރުކޮށްދޭނެ ޖެހެ އެވެ. އަދި އިތުރު 100 މިލިއަންގެ އޮޕްޝަނެއް ވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މާޗު މަހުގެ ނިޔަލަށް 100 މިލިއަން ޑޯޒް އީޔޫ އަށް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް މިހާރު ލަފާކުރާ ގޮތުން ލިބޭނީ 40 މިލިއަން ޑޯޒެވެ.

ވެކްސިން ފޯރުކޮށްދޭލެއް ލަސްވުމުން، އިޓަލީގެ ބޮޑުވަޒީރު ޖިއުސެއްޕެ ކޮންޓޭ ޖެނުއަރީ މަހު ވަނީ އެސްޓްރަޒެނެކާ އަށް ފާޑުވިދާޅުވެފަ އެވެ.

އޮސްޓްރޭލިއާގައި ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އެ ގައުމުގައި އެންމެ ފުރަތަމަ ޖަހަން ފަށާފައި ވަނީ ފައިޒާ ވެކްސިނެވެ. އެސްޓްރަޒެނެކާ ވެކްސިން ދޭން ފަށަން ނިންމާފައި ވަނީ ހުކުރު ދުވަހު އެވެ.