Roadha Mihaaru
ވޫހާން ސިޓީ އަށް މޯލްޑިވިއަން އިން ދަތުރެއް ނުކުރޭ

ވޫހާން ސިޓީގެ ދަތުރުތައް މޯލްޑިވިއަން އިން ވަނީ މިދިޔަ އަހަރު ހުއްޓާލާފައި

26 ޖެނުއަރީ 2020

ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވައްތަރު އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީ އަށް، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރަމުން ދިޔަ ދަތުރުތައް މިދިޔަ އަހަރުގެ ތެރޭގައި ހުއްޓާލާފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނެގި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވައްތަރު އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީ އަށް، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރަމުން ދިޔަ ދަތުރުތައް މިދިޔަ އަހަރުގެ ތެރޭގައި ހުއްޓާލާފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނެގި އެވެ.

ވޫހާން ސިޓީ އަށް މީގެ ފަސް އަހަރު ކުރިން (2014 ވަނަ އަހަރު) މޯލްޑިވިއަން އިން ފެށި ސީދާ ދަތުތުތައް ހުއްޓާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ވޫހާން ސިޓީގެ ދަތުރުތައް ހުއްޓާލި ނަމަވެސް ޗައިނާ އީސްޓާން އާއި ސިންގަޕޫރު އެއާލައިންސްގެ އިތުރުން ސިލްކް އެއާ އިން ރާއްޖެ އާއި ވޫހާންއާ ދެމެދު އައީ ކޮރޯނާ ވައިރަސް ފެނުމާ ހިސާބަށް ޓްރާންސިޓް ދަތުރުތައް ކުރަމުންނެވެ. އެ ސިޓީން ވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަމުން ދިޔަ އެވެ.

ނަމަވެސް، ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ޗައިނާ އިން ވަނީ ވޫހާން ސިޓީ އާއި އެ ތަނާ ކައިރީގައިވާ ބައެއް ސަރަހައްދުތައް ކަރަންޓީނު ކޮށްފަ އެވެ. އެހެންވެ، އެ ސިޓީ އަށް މިހާރު ދަތުރުތައް ނުކުރެވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ވޫހާން ސިޓީން ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 50 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ވޫހާން ސިޓީގައި ހަ ދިވެއްސަކު ދިރިއުޅޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި އެ މީހުން، އެ ސިޓީން ބޭރަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރިޔަސް އެކަމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ ވައިރަސް ފެތުރޭ ސަރަހައްދުތައް ޗައިނާ އިން ކަރަންޓީނު ކޮށްފައި ވާތީ އެވެ. އެހެންވެ އެ ތަންތަނުން ބޭރަށް ދިއުމާއި އެތެރެވުމަކީ މިވަގުތު މަނާ ކަމެކެވެ.