Roadha Mihaaru
ޝައްކު ކުރެވޭ މީހާ ކަރަންޓީން ކުރުމުގައި ސިފައިން

ކޮރޯނާ އަށް ޝައްކު ކުރެވޭ މީހާ ކަރަންޓީން ކުރުމުގައި ސިފައިން

31 ޖެނުއަރީ 2020

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު އިއްޔެ ފެނުމުން އޭނާ ކަރަންޓީނު ކުރުމަށް ސިފައިން ކުރި މަސައްކަތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު އިއްޔެ ފެނުމުން އޭނާ ކަރަންޓީނު ކުރުމަށް ސިފައިން ކުރި މަސައްކަތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، މާލެ ކައިރީގައި އޮންނަ ފުނަދޫގައި އެކަހެރި ކޮށްގެން ފަރުވާ ދެމުން އަންނަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މިނިސްޓަރު މާރިޔާ ޓްވީޓް ކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނާ ކަރަންޓީނު ކުރުމަށް ފުނަދު އަށް ގެންދިޔައީ ސީއެމްބިއުލާންސްގަ އެވެ. ޝައްކު ކުރެވޭ މީހާ މާސްކެއް އަޅައި އަނގަމަތި ނިވާކޮށްގެން ހުރިއިރު ކަރަންޓީނު ކުރުމުގައި ހަރަކާތްތެރިވި މީހުން ތިބީ ނިވާވުމަށް ހާއްސަ ހެދުމެއް ލައި މާސްކް އަޅައިގެންނެވެ.

މާރިޔާގެ ޓްވީޓްގައި ވިދާޅުވީ ކަރަންޓީނު ކުރުމުގައި ހަރަކާތްތެރިވި ސިފައިންނަށް ހެޔޮ ދުއާކުރައްވާ ކަމަށެވެ. އެގޮތުން އެ ސިފައިންގެ އާއިލާތަކަށް ރައްކާތެރިކަން ދެއްވުމަށާއި ބަލި މީހާ އަށް އަވަސް ޝިފާއެއް ދެއްވުމަށް ވެސް މާރިޔާ ދުއާ ކުރެއްވި އެވެ.

މާރިޔާ ކުރެއްވި ޓްވީޓް

ޝައްކު ކުރެވޭ މީހާ ގިރިފުއްޓަށް ގެންދިއުމަށް ގޮވާލައި މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ ޖެއްސުމަށް ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސިފައިންގެ ލަސްކަރަށް ބޭނުންވަނީ ކެރޭ ގާބިލް މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައްޔެއް ވުމަކީ ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްގެ ޓްވީޓްގައި ވިދާޅުވީ ގައުމަށް ޖެހޭ ކޮންމެ ކަމެއްގައި އެހީތެރިވުމަށް އެންމެ އިސް ސަފުގައި ސިފައިން ތިބޭނެ ކަމަށެވެ. ސިފައިންނަށް އެންމެ މުހިންމު ވާނީ ގައުމާ ރައްޔިތުންގެ ސަލާމަތްކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާމާލް ކުރެއްވި ޓްވީޓް---

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހާގެ ސާމްޕަލް މިއަދު އިންޑިއާ އަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ. އެ ޒުވާނާގެ އަރިދަފުސް ރޯގާގެ އަލާމާތް ހުރުން ފިޔަވާ އިތުރު ސިއްހީ މައްސަލައެއް ނެތް ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 170 މީހުން މަރުވެފައިވާއިރު އެ ބައްޔަށް 7،711 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.