Roadha Mihaaru
ސީ އެމްބިއުލާންސްތައް މަރާމާތުކުރަން ބަޖެޓެއް ނެތް

ބަޖެޓު ނެތިގެން ސީ އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ހަލާކުވަނީ

19 އޮކްޓޯބަރ 2021

ރާއްޖެއަށް އާ ސީ އެމްބިއުލާންސް ގެނައުމަށާއި، މިހާރު ހުރި ސީ އެމްބިއުލާންސްތައް މަރާމާތުކުރަން ވެސް ބަޖެޓު ނެތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރާއްޖެއަށް އާ ސީ އެމްބިއުލާންސް ގެނައުމަށާއި، މިހާރު ހުރި ސީ އެމްބިއުލާންސްތައް މަރާމާތުކުރަން ވެސް ބަޖެޓު ނެތްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވީ، އއ.ރަސްދޫ އަތޮޅު ހޮސްޕިޓަލުގައި ބޭނުންކުރާ ސީ އެމްބިއުލާންސް ހަލާކުވެ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާތީ، އެ ރަށަށް އާ ސީ އެމްބިއުލާންސެއް ލިބޭނީ ކޮން އިރަކުތޯ ބަލަން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ.

މިނިސްޓަރު މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތް ސިފައިން މިހާރު ވެސް ދެނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކު ކަމަށެވެ. ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފާ ހަވާލުކުރި އުޅަނދުތަކަކީ ވެސް ގިނަދުވަސްވެ ހާލަތު ދަށްވެފައިވާ އުޅަނދުތަކެއް ކަމަށް މާރިޔާ ވިދާޅުވެފައިވެ އެވެ.

"މުޅި ސީ އެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރު ވެސް ގްރައުންޑް ކުރެވިފައިވާ މިންވަރު އިތުރުވުމާއި ހާލަތު ދަށްވުމުގެ ސަބަބުން ވަރަށް ކައިރި ކުރިމަގެއްގައި ދޫކޮށްލަންޖެހޭނެ ކަމަށް ލަފާކުރެވޭ އުޅަނދުތައް ގިނަ ނަމަވެސް ބަޖެޓުގެ ދަތިކަމުގެ ސަަބަބުން އެތަކެތި ދޫކޮށްލެވެން ނެތް" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސީ އެމްބިއުލާންސްތައް މަރާމާތުކުރުމަށާއި ބާވެ ހާލަތު ދަށްވެފައިވާ އުޅަނދުތައް ބަދަލުކުރުމަށް ވެސް އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށެވެ.

އެހެންވެ އއ.އަތޮޅު ހޮސްޕިޓަލަށް ވެސް ވަސީލަތްތައް ފުރިހަމަ ސީ އެމްބިއުލާންސެއް ލިބޭނީ، އާ ސީ އެމްބިއުލާންސް ހޯދަން ބޭނުންވާ ފައިސާ އެމްއެންޑީއެފަށް ލިބުމުން ކަމަށް ވިދާޅުވި އެވެ.

ރަސްދޫ ސީއެމްބިއުލާންސާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ މި އަހަރު ގެންނަން އެމްއެންޑީއެފަށް ހަވާލުވެފައިވާ ހަ ސީ އެމްބިއުލާންސަށް ފައިސާ ހަމަޖެހޭތާ ހަ މަސް ދުވަހުގެ ތެރޭގައި އެކަން ހަމަޖެހޭނެ ކަމަށެވެ.