Roadha Mihaaru
އެމްޑީޕީ އަށް އަސްލު މި ވީ ކިހިނެއް؟

އެމްޑީޕީ އަށް އަސްލު މި ވީ ކިހިނެއް؟

11 އެޕްރީލް 2021

ރައްޔިތުން އޭރު އުޅުނު ބިރުވެރިކަމާއި މާޔޫސްކަމުން އަރައިގަތުމަށް ފެނުނު އެންމެ ކުރު މަގަކީ 2018 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިހާބުން އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވުމެވެ. އެ މަނިކުފާނަށް އިތުބާރުކޮށް 38،000 އަށްވުރެ ގިނަ ވޯޓުގެ ފަރަގާ އެކު ހަވާލުކުރީ އިންސާފު ގާއިމްކޮށްދިނުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ދިން ޔަގީންކަމުގެ ޒިންމާ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުން އޭރު އުޅުނު ބިރުވެރިކަމާއި މާޔޫސްކަމުން އަރައިގަތުމަށް ފެނުނު އެންމެ ކުރު މަގަކީ 2018 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިހާބުން އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވުމެވެ. އެ މަނިކުފާނަށް އިތުބާރުކޮށް 38،000 އަށްވުރެ ގިނަ ވޯޓުގެ ފަރަގާ އެކު ހަވާލުކުރީ އިންސާފު ގާއިމްކޮށްދިނުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ދިން ޔަގީންކަމުގެ ޒިންމާ އެވެ.

ވައުދުތައް ފުއްދަން، ދެން އެދުނީ ޖެހިިގެން އައި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށެވެ. އެ ފަހަރު ވެސް ތާރީހީ ބޮޑު ބަދަލަކުން 87 ދާއިރާގެ ތެރެއިން 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ދިނީ ފުރިހަމަ ޔަގީންކަމާ އެކުގަ އެވެ.

އެކަމަކު އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ހިސާބަށް އައި އިރު ހުރިހާ ކަމެއް ވެސް ބަދަލުވީ އެވެ.

މާލޭގައި ވޯޓުލުމުގެ ހައްގު 51،702 މީހުންނަށް ލިބޭއިރު، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ދައްކަނީ އިންތިހާބުގައި ވޯޓުލާފައިވަނީ 29 ޕަސެންޓް މީހުން ކަމަށެވެ. އެއީ 15،000 މީހުންގެ ވޯޓެވެ. އެމްޑީޕީގެ ބާރު ގަދަ މާލޭގެ މޭޔަރުކަން ހޯދަން އެ ޕާޓީން ވަރުގަދަ ކެމްޕޭނަކާއި އެންޓި ކެމްޕޭނާ ވެސް އެކު ވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހޯއްދެވީ 9،300 އަށްވުރެ ގިނަ ވޯޓާ އެކުގަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް އޭގެ ދެ ބައިކުޅަ އެއްބައި މަދުންނެވެ.

ލޯކަލް ކައުންސިލަށް އެމްޑީޕީން އުންމީދު ދެމުން އައި "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތްތަކުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ ހަތަރު ސިޓީގެ މޭޔަރުކަމާއެކު 1،000 ގޮނޑި އެމްޑީޕީން ކާމިޔާބުކުރާނެ ކަމެވެ. އެކަމަކު މި ހިސާބު އެހާ ރަނގަޅެއް ނޫނެވެ. އެމްޑީޕީން ދިފާއުކުރަމުން ދިޔަ މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ގެއްލުނީ އެވެ. "ރީނދޫ ލަޝްކަރުން" ރަސްކުރަމުން ދިޔަ އައްޑޫ ކައުންސިލްގެ ސުޕަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ގެއްލި ގއ. އަދި ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް އެމްޑީޕީއަށް ގެއްލުނެވެ.

އިންތިހާބުގެ ނަތީޖާ އަކީ ޕާޓީއަށް އިންޒާރުގެ ރަނގަބީލެއް: އިބްރާ

އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި އިންތިހާބުގެ ނަތީޖާއާ މެދު އެމްޑީޕީގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން ހިތާމަކުރައްވާ ކަމަށެވެ. އެ ނާކާމިޔާބީގެ ޒިންމާ ޕާޓީގެ ޗެއާމަން ހަސަން ލަތީފާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާހެން ލީޑަޝިޕުން ނަގަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ނަތީޖާ އަކީ އެމްޑީޕީއަށް ޖެހި އިންޒާރުގެ ރަނގަބީލެކެވެ. އެ އިންޒާރުގެ އަޑުނާހައިފި ނަމަ ދެން އެންމެ އަވަހަށް 2023 ގައި ބާއްވާ ރިއާސީ އިންތިހާބުގައި އެމްޑީޕީއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވި އެވެ.

އިބްރާ ދެކެވަޑައިގަންނަވާ ގޮތުގައި ނަތީޖާއިން އެމްޑީޕީއަށް އޮތް ތާއިދު ކުޑަ ނޫންކަން އެނގެ އެވެ. އެކަމަކު ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުވީ ޕާޓީގެ މީހުންނަށް ގަބޫލުކުރެވޭ ކަހަލަ ކެންޑިޑޭޓުން ނުދެއްކުމުން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

"ޕްރައިމަރީ ތެރެއަށް ޕާޓީގެ ލީޑަޝިޕުން އަތްބާނައިގެން އެކަކު ކަޓުވައި، އަނެކަކު ނަގައި ޕާޓީގެ މެމްބަރުން ބޭނުން މީހަކު އިންތިހާބުކުރުމުގައި ފުރުސަތު ނަގާލާތީ ވާ ކަމެއް. ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ނެތި ޕާޓީގެ އެތެރޭގެ އިންތިހާބުތައް ގަޑުބަޑު ވީ. ޕާޓީގެ ލީޑަޝިޕުން ޕާޓީގެ ނަމުގައި މުޅި ދައުލަތުގެ ހުރިހާ ގުނަވަނެއްގެ ތެރެއަށް އަތްބާނަމުންދާތަން ރައްޔިތުންނަށް ފެންނަން ފެށީ،" މި ފަހުގެ ތާރީހުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީ ލިބިވަޑައިގެން ބައެއް ސަބަބުތައް ހާމަކުރައްވައި އިބްރާ ވިދާޅުވި އެވެ.

"މި ޕާޓީގެ ލީޑަޝިޕާ ދޭތެރޭގައި ރައްޔިތުން އިތުބާރު ނުކުރީ. އެމްޑީޕީއާ ރައްޔިތުން ނުރުހިގެންނެއް ނޫން މި އުޅެނީ. ލީޑަޝިޕާ ހަމަ ކަނޑައެޅިގެން ރައްޔިތުން ނޫނެކޭ އެ ބުނަނީ މިހާރު. އެހެން ނޫން ނަމަ ވޯޓުގެ އަދަދު ގިނަވާނެ ދެއްތޯ. ޕާޓީއާ ނުރުހުންނަމަ ޕާޓީއާ ދެކޮޅަށް ވޯޓުލާން ނުކުންނަ މީހުން ގިނަވާނެ. އެކަމަކު ނެތެއްނޫންތޯ އެބައެއް،"

ރައްޔިތުން އެ ބުނީ ތިމަންނަމެން އެމްޑީޕީއާ ރުހުމޭ. އެކަމަކު އެމްޑީޕީގެ ކަންތައްތައް ތިދާ ގޮތަކަށް މިހާރު ނުރުހޭ. އެއީ އެ ބުނި ވާހަކައަކީ. ދެން އެ ރަނގަބީލުގެ އަޑު ނާހައިފިވިއްޔާ ދެން އޭގެ ނަތީޖާ އެމްޑީޕީއާ ކުރިމަތިވާނީ ހައްތަހާ ގޯސްކޮށް ކަމަށް އަޅުގަނޑަށް ފެންނަނީ: އިބްރާ

އެމްޑީޕީ އަކީ އިންތިހާބުތަކުގައި ވޯޓުލައި ހައްގު އަދާކުރުމަށް އެންމެ އަޑުއުފުލާ ޕާޓީ އެވެ. އެކަމަކު މި ބުރުގައި ވޯޓުލާން އެ ޕާޓީގެ އާއްމުން ވެސް ނުނިކުތެވެ. ސަބަބެއް ކަމަށް އިބްރާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓާ މެދު ހިތްހަމަނުޖެހުނަސް އެހެން ޕާޓީއަކަށް ވޯޓުދޭން ބޭނުން ނުވާތީ އެ ހައްގު އަދާ ނުކުރުމެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުލިޔަސް އެ މީހުން އެދޭ ގޮތް މި ފަހަރު ވާނެ ކަމުގެ ޔަގީންކަން ނެތުމަކީ ވެސް ސަބަބެކެވެ.

އިބްރާ ތުހުމަތުކުރެއްވި ގޮތުގައި ޕާޓީގެ ހުރިހާ ދިމާލެއްގައި އެއް ބައެއްގެ އަތްތައް މާ ގަދަވީ އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޕާޓީ އަދި ގައުމީ މަޖިލީހާ ގުޅޭ ކަމަކަށް ވިޔަސް، ކަންތައް ކުރަންވީ ގޮތް ދެތިން މީހަކު ކިޔައިދޭން ފެށުމަކީ މީހުންނަށް ބަލައިގަނެވޭ ކަމަކަށް ނުވީ އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުން ވެސް ސަކަރާތް ޖެހުމާއި ޕާޓީގެ އެތެރޭގެ ކޯޅުންތަކެއްގައި ލީޑަޝިޕުން ތިބީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުން ގައުމު ހަލަބޮލިިކޮށްގެން ކަމަށް އިބްރާ ވިދާޅުވި އެވެ.

"ވަރަށް ދެރަވޭ. ވަރަށް ދެރަކަމެއް މި ވީ. އެހެން ނަމަވެސް ޑިމޮކްރަސީއެއްގެ ތެރޭގައި މި ކަހަލަ ކަންކަން ހިނގަމުން ގޮސް މީތި ސާފުވާނީ ވެސް،"

އެކަމަކު މާލޭގެ މޭޔަރުކަން މި ހާލަތުގައި އެމްޑީޕީއަށް ގެއްލުމަކީ ރައްޔިތުންނަށް ގެއްލުމެއް ނޫން ކަމަށާއި ރަށު ކައުންސިލް އަދި ސިޓީ ކައުންސިލަށް ވިޔަސް ކަންކަން ކުރެވޭނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން އެ ބުނީ ތިމަންނަމެން އެމްޑީޕީއާ ރުހުމޭ. އެކަމަކު އެމްޑީޕީގެ ކަންތައްތައް ތިދާ ގޮތަކަށް މިހާރު ނުރުހޭ. އެއީ އެ ބުނި ވާހަކައަކީ. ދެން އެ ރަނގަބީލުގެ އަޑު ނާހައިފިވިއްޔާ ދެން އޭގެ ނަތީޖާ އެމްޑީޕީއާ ކުރިމަތިވާނީ ހައްތަހާ ގޯސްކޮށް ކަމަށް އަޅުގަނޑަށް ފެންނަނީ،" އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވި ގޮތުގައި މީގެ ކުރީގެ އިންތިހާބުތަކާ ކުޅެ ރަނގަޅު ކެންޑިޑޭޓުން ކަޓުވާލިއަސް މި ފަހަރު ރައްޔިތުން އެ ބުނި ވާހަކަ އަކީ "ޕާޓީން ދެއްކިއަސް ދެން ބުޅަލަކަށް" ވޯޓެއް ނުދޭނަމޭ އެވެ.

"ނިމުނީ ޓެސްޓް މެޗު، ސަރުކާރަށް ފައިދާވާނެ"

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބުން އެމްޑީޕީއަށް ބަލިވީ ވައްކަމާއި ކޮރަޕްޝަނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކަން ކުރާ ގޮތުން މި ސަރުކާރު ދަނީ ރަނގަޅަށް ނޫން ކަމަށް ރައްޔިތުން ދެކޭތީ އެވެ. ވޯޓުގެ ނަތީޖާއާ އެކު މާލެއިން ވަރަށް ރަނގަޅު މެސެޖެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ ދެތިން ހަތަރު އާއިލާއަކުން ނުކުމެ ކަމެއް ކުރަން އުޅުނަސް މިހާރު މާލޭގެ ރައްޔިތުން ތިބީ ވަކި މީހަކު ނުކުމެ ޖަހާ ބެރަކަށް ނަށާ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވީ ކަންކަން ބަދަލުވެ، މަންޒަރު ސާފުވެފައިވާ ކަމަށެވެ.

"މާލޭ ރައްޔިތުން ވެސް އެބަ ބޭނުންވާކަން ހަގީގަތުގައި ރަނގަޅު ނަތީޖާއެއް ނެރެން. އެ ނަތީޖާ ނުނެރެވޭ ކަމަށް ވެއްޖިއްޔާ އަދި ކޮންމެ މީހަކަށް ވިޔަސް ނޫނެކޭ ބުނާނެކަން. މާލޭގެ ރައްޔިތުން މި ފަހަރު މި ބުނީ މި ސަރުކާރަށް ނޫނެކޭ،"

މި އިންތިހާބުގައި ސަރުކާރަށް ސީދާ ނޫނެކޭ ބުނި އަނެއް ސަބަބަކީ، އާދަމް ވިދާޅުވި ގޮތުގައި، ޕާޓީގައި ދެ ފެކްޝަން އުފެދި އެކަމުގެ ނޭދެވޭ އަސަރު ކުރުމާ އެކު ރައްޔިތުންނަށް އެކަށީގެންވާ ނަތީޖާ ނުދެއްކެވުމެވެ.

މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ޕީޕީއެމްގެ ކެންޑިޑޭޓުންނާއެކު، އެ ކޯލިޝަންގެ ބައެއް އިސްވެރިން ރޭ ފޮޓޯއެއް ނަންގަވަނީ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ޕީޕީއެމްގެ ކެންޑިޑޭޓުންނާއެކު، އެ ކޯލިޝަންގެ ބައެއް އިސްވެރިން ރޭ ފޮޓޯއެއް ނަންގަވަނީ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ރޭވުންތެރިކަމާއެކީގައި ވަރަށް ބުރަ މަސައްކަތް ކުރެވިގެން ރައްޔިތުންނަށް ސަރުކާރުގެ ނާގާބިލްކަމާއި ޒިންމާދާރުކަން ކުޑަކަމާއި މި ހުރިހާ އެއްޗެއް ވަރަށް ރަނގަޅަށް އޮޅުންފިލުވައިދީ އަދި ސަރުކާރަށް ޖަވާބުދާރިކުރުމަށްޓަކައި އަޅުގަނޑުމެން ކުރަމުންދިޔަ މަސައްކަތްތައް ރައްޔިތުންނަށް ވިސްނި ގަބޫލުކުރެވި، މި ހުރިހާ ކަމެއް މި ގޮތަށް ވެގެން ދިޔައީމަ މި ނަތީޖާ މި ނުކުތީ. އަސްލު ރާއްޖޭގައި ފަހުގެ ތާރީހެއްގައި ޕީޕީއެމަށް ހީނުކުރާ ކަހަލަ ދިމަދިމާއިން ބޮޑެތި ކާމިޔާބީތައް ލިބުނު އިންތިހާބެއް މިއީ،" މަޖިލިސް އިންތިހާބުގައި ރ. އަތޮޅުގެ ފަސް ދާއިރާގެ ތެރެއިން ޕީޕީއެމަށް ލިބުނު ހަމައެކަނި ގޮނޑި ތަމްސީލުކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިއީ ހަގީގަތުގައި ޓެސްޓު މެޗެއް މި ކުޅެވުނީ. މި ކާމިޔާބުވީމަ އޭގެ މާނަ އަކީ އަޅުގަނޑުމެންނަށް އިތުބާރު ލިބުނީ 2023 ގައި ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ ކަމުގެ. އަދި މިހާރަށް ވުރެ އަޅުގަނޑުމެންގެ ސްޓްރެޓެޖީ ވަރުގަދަކޮށްފައި މާލެއާއި މުޅި ރާއްޖެއަށް ފޯކަސް ކޮށްގެން މިކަން ކޮށްފި ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ވަރަށް ޔަގީންކަމާއެކު ކާމިޔާބުކުރެވޭނެ ކަން ވަރަށް ރަނގަޅަށް އަންގައިދޭ މަސައްކަތެއް މި ކުރެވުނީ،"

އާދަމް ވިދާޅުވީ މި ކާމިޔާބީއާ އެކު އިތުރު ހިތްވަރަކާއެކު މަސައްކަތްކޮށް ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރާނެ ކަމަށެވެ. ބޮޑަށް ބަލާނީ އިންތިހާބު ކާމިޔާބުކުރަން އަދި މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ޔާމީން މިނިވަންކުރަން ކަމަށް ވިދާޅުވި އެވެ.

މޭޔަރުކަމާ އެކު ޕީޕީއެމަށް މާލޭގެ 12 ގޮނޑި ލިބިފައި ވާއިރު އާދަމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ކައުންސިލަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

"ސަރުކާރަށް މި ކަމުގައި ވާނީ ރަނގަޅު،" އާދަމް ވިދާޅުވި އެވެ.

މިއީ، ކަންކަން ނުކޮށްދެވުމުގެ ބަދަލު؟!

މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ދެކިވަޑައިގަންނަވާ ގޮތުގައި ނަމްބަރުތަކަށް ބަލާއިރު އިންތިހާބުގެ ނަތީޖާ ރަނގަޅެވެ. އޭނާ ވިދާޅުވީ ވެރިރަށް މާލެއިން އެމްޑީޕީއަށް ނާކާމިޔާބުވީ މާލޭގެ ރައްޔިތުންނަށް ބޭނުންވި ކަންތައްތައް ނުކޮށްދެވުމުންނެވެ. އެހެންވެ، އެގޮތަށް ކަންތައް ވުމުން އުފާވާ ކަމަށް ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުން ބޭނުންވީ ބޯހިިޔާވަހިކަމާއި ކޮރަޕްޝަން ހުއްޓުވުމާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުން. ނޭދެވޭ ކަންކަން ހުއްޓުވަން މާލެ މީހުން ބޭނުންވީ. މާލޭގެ މީީހުން ބޭނުން ކަންކަން ނުކޮށްދިނީމަ މިހެން މިވީ. އުފާވެއްޖެ އެކަން އެހެން ވީމަ،" އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރު އިކޮނޮޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީ ބަލިވީ ޕާޓީގެ އެތެރޭގެ ބައިބައިވުމާ ހެދި ކަމަށެވެ. އަދި އެއީ މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. މާލެ އިން ބޮޑު ނާކާމިޔާބީއެއް ވީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުންތަކުގެ ސަބަބުންނާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބުން ދަސްވި ފިލާވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވެ އެވެ.

އިންތިހާބަށް ފަހު ކުރެއްވި ފުރަތަމަ ޓްވީޓުގައި ނަޝީދު ވަނީ މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ. މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ބުރަކޮށް މަސައްކަތްކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭންޖެހޭ އެއްބާރުލުން ދޭނަން،" ނަޝީދުގެ ޓްވީޓުގައި ވިދާޅުވި އެވެ.

އެމްޑީޕީ ހޯދި ކާމިޔާބީއަށް ވެސް މަރުހަބާ ވިދާޅުވެ އެ މަނިކުފާނު ވިދާޅުވީ މާލެ ފިޔަވައި، ގިނަ އެހެން ކައުންސިލްތަކުގެ އަޣުލަބިއްޔަތު ވެސް އެ ޕާޓީން ހޯދާފައިވާ ކަމަށެވެ.

"ކެމްޕެއިން ރަނގަޅެއް ނޫން"

މި އިންތިހާބުގައި މާލޭ ސަރަހައްދުގެ ގޮނޑިއަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި، އެ ކައުންސިލްގެ މިހާރުގެ ވެސް މެމްބަރަކު ވިދާޅުވި ގޮތުގައި ކެމްޕެއިން ރަނގަޅުނުވުމަކީ އެ ބޭފުޅުންނަށް ޓިކެޓު ނުލިބުނު އެއް ސަބަބެވެ. މާލީގެ ރައްޔިތުންނަށް އިހުމާލުވެ، އަޅާނުލުމަކީ ވެސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ސަބަބެއް ކަމަށް، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ކައުންސިލަރު ވިދާޅުވި އެވެ.

"އެމްޑީޕީގެ ކެމްޕެއިން އެހާ ރަނގަޅު ނުވުމާއި ސަރުކާރު އޮތުމާ އެކަހަލަ ކަންކަން އޮތީ،"

އޭނާ ވިދާޅުވި ގޮތުގައި ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ މޭޔަރުގެ މަގާމާ އެކު ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމަށެވެ.

"އަސްލު ހަގީގަތުގައި އެމްޑީޕީ މީހުން ވަރަށް ރުޅިއައިސްފައި ތިބީ. އެހެންވެ ނުނިކުތީ ރުޅިއައިސްފައި ގިނަ މީހުން،"