Roadha Mihaaru
ވަގުތީ މާރުކޭޓް ހަދާނީ އިންޑަސްޓްރިއަލް ވިލެޖްގައި

ރޯދަ މަހުގެ ވަގުތީ މާރުކޭޓް ހަދާނީ އިންޑަސްޓްރިއަލް ވިލެޖްގައި

18 ފެބުރުއަރީ 2020

މިއަހަރުގެ ރޯދަ މަހާ ދިމާކޮށް އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ މާރުކޭޓެއް ހުޅުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިއަހަރުގެ ރޯދަ މަހާ ދިމާކޮށް އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ މާރުކޭޓެއް ހުޅުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ސްޓްރީޓްސްކޭޕިން ޕްރޮގްރާމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރޯދަ އަށް ވަގުތީ މާރުކޭޓެއް ހުޅުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ނަމަވެސް މާރުކޭޓު ހުޅުވާނެ ތަނެއް އަދި ތާރީހެއް ރައީސް ވިދާޅެއް ނުވެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މަރިޔަމް އިނާ މާޖިދު ވިދާޅުވީ ވަގުތީ މާރުކޭޓެއް އެޅުމަށް ރައީސް އޮފީހުން އެ މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ މާރުކޭޓުގެ ޑިޒައިނިންގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި ވަގުތީ މާރުކޭޓެއް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު ދަތުރުވެރިންގެ މާރުކޭޓުގެ މަސައްކަތްތައް ވެސް ވަނީ އަލުން ފަށައިފަ އެވެ. މި މަސައްކަތްތައް ނިމި ރޯދައިގެ ކުރިން ހުޅުވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލް މެމްބަރު މުހައްމަދު ފަޒީން ވަނީ ވިދާޅުވެފަ އެވެ. ފަޒީން ވިދާޅުވި ގޮތުގައި އިންޑަސްޓްރިއަލް ވިލެޖުގައި ހުޅުވާ މާރުކޭޓުގައި ހުންނާނީ 400 އެއްހާ ގޮޅި އެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ޑިޒައިނަށް ބަދަލުގެނެސް މިހާރު އެތަނުގައި 178 ގޮޅި ހެދުމަށް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ. އަދި ޝަރުތު ހަމަވާ މީހުންގެ މެދުގައި ވީހާ ވެސް އަވަހަކަށް ގުރުއަތު ނަގައި، ގޮޅިތައް ހަވާލުކުރާނެ މީހުން އިއުލާންކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މި ގޮޅިތަކަށް އެދި 2،626 މީހުން ވަނީ ކުރިމަތިލާފަ އެވެ.