Roadha Mihaaru
ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެ އަށް ދެ މެޑަލް

ކަލިނަރީ އޮލިމްޕިކްސް އިން ރާއްޖެ އަށް ދެ މެޑަލް ލިބިއްޖެ

19 ފެބުރުއަރީ 2020

ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް، "ކަލިނަރީ އޮލިމްޕިކްސް"ގައި ރާއްޖޭން ބައިވެރިވި ފުރަތަމަ ފަހަރު ދެ މެޑަލް ހޯދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް، "ކަލިނަރީ އޮލިމްޕިކްސް"ގައި ރާއްޖޭން ބައިވެރިވި ފުރަތަމަ ފަހަރު ދެ މެޑަލް ހޯދައިފި އެވެ.

މި މަހުގެ 14-19 ޖަރުމަނުގައި ބޭއްވި މި މުބާރާތުގައި ވެޑިން ކޭކު ހެދުމުގެ ބައިން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިނީ ޝެފް ޖޫދީ ޚާލިދެވެ. އަދި ހަމަ މި ކެޓަގަރީން ރާއްޖެ އަށް ރިހި މެޑަލް ހޯދައި ދިނީ ޝެފް އަބްދުއްރަޝީދެވެ. މި ދެ ޝެފުން ވެސް މި މުބާރާތުގައި ބައިވެރިވީ އަމިއްލަ ޚަރަދުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގެ އެހީއާއެކުގަ އެވެ.

މި މުބާރާތުގެ ވޯލްޑް ޝެފްސް ވިލެޖުގައި ވެސް ސީޖީއެމްގެ ފަރާތުން ރާއްޖޭގެ ހަތަރު ޝެފުންގެ ޓީމެއް ވަނީ ބައިވެރިވެފަ އެވެ. މި ޓީމުން ވަނީ އެ ހަރަކާތުގައި ރާއްޖޭގެ ކާބޯތަކެތީގެ ރަހަ އާއްމުންނަށް ދައްކާލައިފަ އެވެ.

އެކި ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަލިނަރީ އޮލިމްޕިކްސް ދެ ބައެއްގައި ބައިވެރިވެވޭނެ އެވެ. މީގެ ތެރެއިން ވަކި ވަކި ޝެފުން ބައިވެރިވާ ބައިން ރާއްޖޭން ބައިވެރިވިއިރު ކުރިއަށް އޮތް އޮލިމްޕިކްސްގައި ރާއްޖޭގެ ޓީމެއް ބައިވެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސީޖީއެމްގެ އެކްސްކޯ މެމްބަރު އިސްހާގު ސޯލިހު ވިދާޅުވި އެވެ. މި އޮލިމްޕިކްސް ދެން އޮންނާނީ 2024 ވަނަ އަހަރު އެވެ.

ކަލިނަރީ އޮލިމްޕިކްސް އިން ރާއްޖެއަށް ރަން މެޑަލް ހޯދި ޝެފް ޖޫދީ (މ)-- ފޮޓޯ:ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

ކަލިނަރީ އޮލިމްޕިކްސް އިން ރާއްޖެއަށް ރަން މެޑަލް ހޯދި ޝެފް ޖޫދީ (މ)-- ފޮޓޯ:ޝެފްސް ގިލްޑް އޮފް މޯލްޑިވްސް

އިސްހާގު ވިދާޅުވީ ރާއްޖޭން ބޭރުގައި އޮންނަ ބޮޑެތި މުބާރާތްތަކުގައި ޝެފުން ބައިވެރިވަނީ އަމިއްލަ އަށް އިސްނަގައިގެން ކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްބާރުލުން މިހާރަށް ވުރެ ބޮޑަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޝެފުންނަކީ ވެސް ދުނިޔޭގެ އެހެން ޝެފުންނާ އެއް ފެންވަރެއްގެ ޝެފުންކަން އަންގަން. މިފަހަރު މި ލިބުނު ކާމިޔާބީއަކީ ގައުމަށްވެސް އަދި އަޅުގަނޑުމެންނަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" އިސްހާގު ވިދާޅުވި އެވެ.

ކަލިނަރީ އޮލިމްޕިކްސް އަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ނަން މަޝްހޫރު ޝެފުން ވެސް ބައިވެރިވެ އެވެ.