Roadha Mihaaru
އެމްޑީޕީގެ ޖަލްސާ ލައިވްކުރީ ވިޔަފާރީގެ އުސޫލުން

އެމްޑީޕީގެ ޖަލްސާ ލައިވްކުރީ ވިޔަފާރީގެ އުސޫލުން: ޕީއެސްއެމް

22 ފެބުރުއަރީ 2020

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާ، ޕީއެސްއެމުން ލައިވް ކޮށްދިނީ ވިޔަފާރި އުސޫލުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާ، ޕީއެސްއެމުން ލައިވް ކޮށްދިނީ ވިޔަފާރި އުސޫލުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޖަލްސާ ލައިވްކޮށް، އަދި ބައެއް ބޭބޭފުޅުންގެ ވާހަކަތައް އެ ޓީވީ ސްޓޭޝަންގެ ޕްރެޒެންޓަރުން ރޭ ވަކިވަކިން އެނަލައިޒްކޮށް ކެމްޕެއިން ކުރި ކަމަށް ބުނެ، ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ.

އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނު ބައިވެރިވެވަޑައިގެން ބާއްވާ ޕީޕީއެމްގެ ޖަލްސާތައް ދައުލަތުގެ މީީޑިއާ އިން ލައިވް ކުރުމުން އެކަމަށް ޖޯކުޖަހައި، އޭރު އެކަން ކަމުނުދިޔަ މީހުންންނަށް ބާރު ލިބުމުން ހަމަ އެގޮތަށް މިއަދު ކަންތައް ކުރުމެވެ.

މިކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރު އަލީ ޚާލިދު ވިދާޅުވީ، އެމްޑީޕީގެ ޖަލްސާ ލައިވް ކޮށްދިނީ ވިޔަފާރި އުސޫލުން ކަމަށާއި އެ ފުރުސަތު އެހެން ސިޔާސީ ޕާޓީތަކަށް ވެސް އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ ކެމްޕޭން ފަށަން ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ކެމްޕޭން ފަށަން ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ސިޔާސީ ޕާޓީތަަކަށް ވަގުތު ވިއްކާނެކަން އަޅުގަނޑުމެން ކުރިން ވާނީ އިއުލާނު ވެސް ކޮށްފައި. އެމްޑީޕީގެ ޖަލްސާ ދެއްކީ އެ އުސޫލުން. އެހެން ޕާޓީތަކަށް ވެސް އެ ފުރުސަތު އެބައޮތް،" މީޑީއާގެ މިނިވަންކަމަށް ކުރިއްސުރެ ބާރު އަޅުއްވަމުން ގެންދަވާ އަލީ ވިދާޅުވި އެވެ.

"ރަށްވެހި ފަތިސް" ގެ ނަމުގައި ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށަން އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ. ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޔާމީންގެ އާރާއިބާރު އޮތް ދުވަސްވަރު، ވެރިކަންކުރި ޕީޕީއެމަށް ދައުލަތުގެ މީޑީއާ އިން ފުޅާދާއިރާއެއްގައި ފުރުސަތު ދިން ނަމަވެސް އެކަން އޭރުގެ އިދިކޮޅަށް ފަހިކޮށް ނުދިނުމުން ވަރަށް ބޮޑަށް ފާޑުކިޔަމުން އައިސްފައި ވެ އެވެ. އެކަމުގެ ރުޅި އާއި ހިތްހަމަނުޖެހުމުގެ ތެރޭގައި، ވަކި ގާނޫނަކުން ހިންގަމުން އަންނަ ޕީއެސްއެމް އުވައިލަން ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ގޮވައިލި އެވެ.