Roadha Mihaaru
ބުލީގެ ޝިކާރައަކަށްވި ކުއްޖާ ކޮލަމިސްޓަކަށް ދައުވާކޮށްފި

އިސްކޮޅުން ކުރުކަމުން ބުލީގެ ޝިކާރައަކަށްވި ކުއްޖާ ކޮލަމިސްޓަކަށް ދައުވާކޮށްފި

07 އޯގަސްޓް 2020

އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީގެ ޝިކާރައަކަށްވެ މި އަހަރުގެ ކުރީކޮޅު އާންމުންގެ ސަމާލުކަން ހުއްޓުނު އޮސްޓްރޭލިއާ ކްއަޑޭން ބޭލްޒްގެ މަންމަ ބުލީއަށް އާންމުން ހޭލުންތެރިކަން އުފައްދަން އާންމުކުރި ވީޑިއޯ އަކީ އޮޅުވާލައިގެން އެހީ ހޯދަން ހެދި މަކަރެއް ކަމަށް ބުނެ އޮސްޓްރޭލިއާގެ ނޫހެއްގެ ކޮލަމިސްޓަކު ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީގެ ޝިކާރައަކަށްވެ މި އަހަރުގެ ކުރީކޮޅު އާންމުންގެ ސަމާލުކަން ހުއްޓުނު އޮސްޓްރޭލިއާ ކްއަޑޭން ބޭލްޒްގެ މަންމަ ބުލީއަށް އާންމުން ހޭލުންތެރިކަން އުފައްދަން އާންމުކުރި ވީޑިއޯ އަކީ އޮޅުވާލައިގެން އެހީ ހޯދަން ހެދި މަކަރެއް ކަމަށް ބުނެ އޮސްޓްރޭލިއާގެ ނޫހެއްގެ ކޮލަމިސްޓަކު ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.

ކްއަޑޭން، 9، ގެ ފަރާތުން ދައުވާކޮށްފައި ވަނީ ނިއުޒް ކޯޕް އޮސްޓްރޭލިއާގެ ދަށުން ހިންގާ ސިޑްނީގެ ޑެއިލީ ޓެލެގްރާފްގެ ކޮލަމިސްޓް މިރަންޑާ ޑިވައިންއަށެވެ.

އޭނާ އާއި ނޫސް ހިންގާ އެޖެންސީގެ މައްޗަށް ކުރާ ދައުވާގައި ބުނެވައި ވަނީ ކްއަޑޭންއާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ޓްވިޓާގައި ފަތުރައި އޭނާ އާއި އާއިލާގެ ތަސައްވުރު ހަޑިކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ކްއަޑޭން އާއި އާއިލާ އަށް އެތައް އުނދަގޫތަކަކާ ވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.

މިރަންޑާ ޑިވައިން.

މިރަންޑާ ޑިވައިން.

ކްއަޑޭންއާ ބެހޭ ގޮތުން ޑިވައިން އާންމުކުރި ވާހަކަތަކުގެ ތެރޭގައި ނުވަ އަހަރުގެ ކުއްޖަކު ލައްވައި، އޭނާގެ އުމުރާ ވެސް ނުގުޅޭ ވާހަކަތަކެއް އާއިލާ އިން ދައްކުވައި އާންމުންގެ ސަމާލުކަން ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލާގައި ޑިވައިން އާއި ނިއުޒް ކޯޕް އޮސްޓްރޭލިއާ އަށް ދައުވާކޮށް ދޭން ކޯޓަށް ހުށަހެޅީ މި މަހުގެ 1 ވަނަ ދުވަހު އެވެ. ކްއަޑޭންގެ އާއިލާ އިން ބުނީ މި މައްސަލާގައި ކޮލަމިސްޓްގެ އިތުރުން ނިއުޒް ކޯޕް އޮސްޓްރޭލިއާ އަށް ދައުވާކުރަން ނިންމީ މައާފަށް އެދެން އެދުމުން އެކަމަށް އިންކާރުކުރުމުން ކަމަށެވެ. މިދިޔަ މާޗް މަހު އެޖެންސީން ބުނީ އެ މައްސަލާގައި އެތަނުން މައާފަށް އެދެން ނުޖެހޭނެ ކަމަށާއި ޑިވައިން ދެއްކި ވާހަކަތަކެއް ދެއްކީ އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓްގައި ކަމަށެވެ. އެހެންވެ އެއީ އެތަނުން ޒިންމާވާން ޖެހޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ކްއަޑޭން ބުލީގެ ޝިކާރައަކަށްވި ވާހަކަ އޭނާގެ މަންމަ ސޯޝަލް މީޑިއާގައި އާންމުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއާ އެކު ކްއަޑޭންއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަތައް ދެކެވިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކަ އަކީ އޭނާ އަކީ 9 އަހަރުގެ ކުއްޖެއް ނޫން ކަމަށާއި 18 އަހަރުގެ ޒުވާނެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ކްއަޑޭންގެ ވާހަކަ ތިލަވުމާ އެކު ވަރަށް ގިނަ ބަޔަކު އޭނާގެ ދިފާއުގައި ނުކުމެ މާލީ ގޮތުން ވެސް ބޮޑެތި އެހީތައް ދީފައިވެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ސެލެބްރިޓީން ވެސް ހިމެނެ އެވެ.