ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ފީ އާއި ޓެކްސް އިތުރުކުރާ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުންނާއި ސަރުކާރު މެމްބަރުންގެ މެދުގައި ޒުވާބެއް ހިނގައިފި އެވެ.
24 ފެބުރުއަރީ 2020
ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ފީ އާއި ޓެކްސް އިތުރުކުރާ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުންނާއި ސަރުކާރު މެމްބަރުންގެ މެދުގައި ޒުވާބެއް ހިނގައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލަށް ކުރި ބަހުސް ބޮޑަށް ހޫނުވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.
ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން ނަގަން ސަރުކާރުން ހުށަހަޅާފައިވާ އަގުތަކަށް ސައީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބިލުގައި އޮތް ގޮތަށް ޓެކްސް ނަގާ ނަމަ ރާއްޖޭގެ ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކު 40 ޑޮލަރު އިތުރަށް ހަރަދުކުރަން ޖެހޭނެ ކަމަށާއި އެއީ އެ ވިޔަފާރި ހީނަރުވާނެ ކަމެއް ކަަމަށެވެ.
ސައީދުގެ އެވާހަކައަށް، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ ރައްދު ދެއްވަން ފެއްޓެވުމުން ސައީދު އޭނާއަށް ޖަވާބު ދެއްވި އެވެ.
"މިފަދަ މެމްބަރުން މިތާ ތިބެގެން، ރައްޔިތުންނަށް އޮޅުވައިލަން، ކުދި ވިޔަފާރިތައް ފުނޑައިލަން މަސައްކަތް ކުރައްވަނީ،" ގަފޫރަށް އިޝާރަތްކުރައްވައި ސައީދު ވިދާޅުވި އެވެ.
ރާއްޖެ އިން ފުރަތަމަ ގޮސް ތިބި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި - ފޮޓޯ: މިހާރު
ސައީދުގެ އެ ވާހަކައާ އެކު، ޣަފޫރު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ތިލަދުންމައްޗަށް އުފަން ސައީދު، އިކޮނޮމިކް މިނިސްޓަރެއްގެ ގޮތުގައި ފަސް އަހަރު ހުންނެވި އިރު، ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރައްވަން އެނގިވަަޑައި ނުގެންނެވި ކަމަށެވެ. އެހެންވީމާ، ސައީދުގެ އެ ވާހަކަ އަކީ ލަދުވެތިކަން ނެތުމުގައި ހައްދުފަހަނައެޅުން ކަމަށް ޣަފޫރު ސިފަކުރެއްވި އެވެ.
އަލުން ސައީދު ވާހަކަ ފެއްޓެވުމާ އެކު ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ އާއި ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވެސް ނިޒާމީ ނުކުތާ ނެންގެވި އެވެ. އެ ދެ ބޭފުޅުން ވެސް ހަރު އަޑުން ވިދާޅުވީ، ސައީދު އެ ހައްދަވަނީ ދޮގު ކަމަށެވެ.
ބިލުގައިވާ އަދަދުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ސައީދު ވިދާޅުވީ އެ އަދަދުތަކަށް ފީ ނަގަން ފެށުމުން އެއާލައިންތަކުން އެ ފައިސާ ޓިކެޓްގައި ހިމަނާނެ ކަމަށާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ ޖީބަށް ބުރަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝިޔާމް ވާހަކަ ދައްކަވަނީ
ރާއްްޖެ އިން ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅި އެއް ސަބަބަކީ މިހާރު އޮތް ގޮތުން އަންނަ މާޗް މަހު، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) ނެގުމުގެ މުއްދަތު ހަމަވާނެތީ އެވެ. ސަރުކާރުން ބިލް ހުށައެޅީ އަނެއްކާވެސް އެ ޓެކްސް ނެގުން ކުރިއަށް ގެންދިއުމަށާއި ކުރިއަށް ވުރެ ޓެކްސްގެ މިންވަރު ބޮޑުކުރުމަށެވެ.
ބަހުސް ހޫނުވެ، އިދިކޮޅު މެމްބަރުން ސަރުކާރަށް އަދި ސަރުކާރު މެމްބަރުން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހާނެތިވާ ފަދަ ގޮތަކަށް، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވާހަކަ ދެއްކެވި ކަމުގެ ޝަކުވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި އެވެ. ރިޔާސަތުން ހަސަން އަފީފް އެކަމާ އެއްޗެއް ވިދާޅު ނުވެ އިންނެވި އިރު، ރާއީ ވިދާޅުވީ އޭނާގެ ވާހަކަ ނިސްބަތް ކުރެއްވީ ޔާމީނަށް ނޫން ކަމަށެވެ.
ބިލުގައި އޮތީ، ފަސިންޖަރުން ދަތުރުކުރާ ކްލާހުގެ ގޮތުން ޓެކްސް ބޮޑުވާ ގޮތަށެވެ. އިކޮނޮމީ ކްލާހުން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއް ނަމަ 30 ޑޮލަރު ނަގަ އެވެ.
ބިޒްނަސް ކްލާހުން ދަތުރުކުރާ ނަމަ ދިވެހިންނާއި ބިދޭސީންގެ ތަފާތެއް ނެތެވެ. ނަގާނީ ކޮންމެ ފަސިންޖަރަކަށް 60 ޑޮލަރެވެ. ފަސްޓް ކްލާހުގައި ދަތުރުކުރާ ނަމަ 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓްގައި ދަތުރުކުރާ ނަމަ 120 ޑޮލަރު ނަގަން ވެސް ބިލުގައި ހިމަނާފައިވެ އެވެ.
އެކަމަކު ޖެނީވާ ކޮންވެންޝަންގެ ދަށުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިދޭ މީހުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ޓްރާންސިޓް ފަސިންޖަރުންގެ އަތުން ޓެކްސްއެއް ނުނަގަ އެވެ.
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަ ކޮމިޓީ އަށް
އެއާޕޯޓް ޓެކްސް ބިދޭސީންނަށް ބޮޑުކުރަން ފާސްކޮށްފި
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް
އެއް ކޮޓަރީގެ ފްލެޓްތައް ނެގީ ވިއްކަން: ޝިޔާމް
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
ފާސްކުރި ބަޖެޓުގައި އޮތީ ޓީބިލާއި ކަޑަޖެހުން: އިދިކޮޅު
މެމްބަރު ޝިޔާމްގެ މައްސަލަ އައިޕީޔޫއިން ބަލަނީ
ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅުން އެދިއްޖެ