Roadha Mihaaru
ރޮހިންޖާ މައްސަލައިގައި ރާއްޖޭގެ ވަކީލަކަށް އަމާލް

ރޮހިންޖާ މުސްލިމުންގެ މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަނީ، ވަކީލަކީ އަމާލް ކްލޫނީ

25 ފެބުރުއަރީ 2020

ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމައި އެކަމުގައި ރާއްޖެ ތަމްސީލުކުރާ ވަކީލަކަށް އަމާލް ކްލޫނީ ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމައި އެކަމުގައި ރާއްޖެ ތަމްސީލުކުރާ ވަކީލަކަށް އަމާލް ކްލޫނީ ހަމަޖައްސައިފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ގެމްބިއާ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) އަށް ހުށަހަޅާފައިވާ މިއަންމާގެ ރޮހިންޖާ މުސްލިމުންގެ މައްސަލަ އަށް ރާއްޖެ އިން ތަދައްހުލް ވުމަށް ވަރަށް އަވަހަށް އެ ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ވަކީލް އަމާލް ވަނީ، އިންސާނީ ހައްގުތަކާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި މީގެ ކުރިން މަސައްކަތް ކުރައްވައިފަ އެވެ. މިއަންމާގައި ހައްޔަރުކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި ވެސް މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާ އަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ގެމްބިއާ އިން އެ މައްސަލަ ހުށަހެޅީ، 57 ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުންނެވެ. އެ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލްއާއްމުން ސަލާމަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން އަމުރުކޮށްފަ އެވެ. އެ އެންގުމަކީ މި މައްސަލައިގެ ފުރަތަމަ ފިޔަވަޅެވެ.

އެ މައްސަލަ ބެއްލެވީ 17 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުމުގައިވާ ގޮތުުން، ރޮހިންޖާ މުސްލިމުން ހިމާޔަތްކުރަން މިއަންމާ އިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހަޅަންޖެހޭނެ އެވެ. އޭގެ ފަހުން ކޯޓުން މައްސަލަ އެއްކޮށް ނިންމަންދެން، ކޮންމެ ހަ މަހަކުން އެފަދަ ރިޕޯޓެއް ހުށަހަޅަންޖެހެ އެވެ.

ޝާހިދު ވިދާޅުވީ ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށެވެ.

މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި 2017 ވަނަ އަހަރު ހިންގި އަނިޔާވެރި އަމަލުތަކުގައި ރޮހިންޖާގެ އެތައް ހާސް ބަޔަކު މަރާފައިވެ އެވެ. އެ އަނިޔާތަކާ ގުޅިގެން 700،000 އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

އދ.ގެ ކޯޓަށް ހުށަހެޅި މައްސަލައިގެ ދިފާއުގައި ވާހަކަ ދައްކަވަމުން މިއަންމާގެ ލީޑަރު އަން ސަން ސޫކީ ވިދާޅުވީ އެ މައްސަލަ ފުރިހަމަނުވާ ކަމަށާއި އެއީ "ގޯސް" ތުހުމަތުތަކެއް ކަމަށެވެ. އަދި ރަކީން ސްޓޭޓުގެ އާއްމުން މަރާ، އަންހެނުން ރޭޕްކޮށް، ގެތަކުގައި ހުޅުޖެހި ވާހަކަތައް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.