Roadha Mihaaru
ރޮހިންޖާ މުސްލިމުންގެ ޝުކުރު ރާއްޖެ އަށް

ރޮހިންޖާ މުސްލިމުންގެ ޝުކުރު ރާއްޖެ އަށް

26 ފެބުރުއަރީ 2020

ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމުމާ ގުޅިގެން، އެ މީހުން ތަމްސީލު ކުރާ ޖަމާއަތަކުން ޝުކުރު އަދާކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރޮހިންޖާ މުސްލިމުންގެ ދިފާއުގައި ގެމްބިއާ އިން އދ. ގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަންނަން ނިންމުމާ ގުޅިގެން، އެ މީހުން ތަމްސީލު ކުރާ ޖަމާއަތަކުން ޝުކުރު އަދާކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) އަށް ހުށަހަޅާފައިވާ މިއަންމާގެ ރޮހިންޖާ މުސްލިމުންގެ މައްސަލަ އަށް ރާއްޖެ އިން ތަދައްހުލް ވުމަށް ވަރަށް އަވަހަށް އެ ކޯޓަށް ހުށަހަޅާނެ ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި އެކަމުގައި ރާއްޖެ ތަމްސީލުކުރާ ވަކީލަކަށް އަމާލް ކްލޫނީ ވަނީ ހަމަޖައްސައިފަ އެވެ.

ޝާހިދަށް ޝުކުރު އަދާކޮށް، ރޮހިންޖާގެ މުސްލިމުންގެ ދިފާއުގައި މަސައްކަތް ކުރާ "ފްރީ ރޮހިންޖާ ކޯލިޝަން"ގެ ފައުންޑަރެއް ކަމަށްވާ ރޮނޭ ސޭން ވިން ބުނީ އެ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމަށް އިންސާފު ހޯދަން މަސައްކަތް ކުރާތާ މިހާރު 42 އަހަރު ވެއްޖެ ކަމަށެވެ. އަދި ރާއްޖޭގެ މި އަމަލު، ރޮހިންޖާގެ މީހުންގެ ހާލަތާ ގުޅޭގޮތުން ނެރޭ އެތައް ބަޔާނަކަށް ވުރެ ވަރުގަދަ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެންގެ ހިތުގެ އަޑިން ޝުކުރު އަދާކުރަން،" މިޔަންމާގެ މުސްލިމުންނަށް ދިން އަނިޔާތަން ތަހައްމަލުކޮށްފައިވާ އެކްޓިވިސްޓު ބުންޏެވެ.

ރޮހިންޖާ މުސްލިމުންގެ މައްސަލަ ގެމްބިއާ އިން ހުށަހެޅީ، 57 ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުންނެވެ. އެ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލްއާއްމުން ސަލާމަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން އަމުރުކޮށްފަ އެވެ. އެ އެންގުމަކީ މި މައްސަލައިގެ ފުރަތަމަ ފިޔަވަޅެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުމުގައިވާ ގޮތުުން، ރޮހިންޖާ މުސްލިމުން ހިމާޔަތްކުރަން މިއަންމާ އިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހަޅަންޖެހޭނެ އެވެ. އޭގެ ފަހުން ކޯޓުން މައްސަލަ އެއްކޮށް ނިންމަންދެން، ކޮންމެ ހަ މަހަކުން އެފަދަ ރިޕޯޓެއް ހުށަހަޅަންޖެހެ އެވެ.